ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025ގެ މެޑަލްއާއި ރޭސް ކިޓް ދައްކައިލައިފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ އިވެންޓު ކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) 2025ގެ މެޑަލް އަދި ރޭސް ކިޓް ދިރާގުން ރަސްމީކޮށް ދައްކައިލައިފިއެވެ. ދިރާގުން މައުލޫމާތު ދީފައިވާ ގޮތުގައި، މި އަހަރުގެ ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ 24 ވާ ހުކުރު ދުވަހު، ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ. ދިރާގުން ހާމަކޮށްފައިވާ ގޮތުގައި، ޑީއެމްއާރްއާރް 2025ގެ ރަސްމީ ރޭސް ކިޓްގައި ދުވުންތެރިންނަށް ޚާއްސަ ގިނަ ތަކެތި ހިމެނެއެވެ. މީގެ ތެރޭގައި ރޭސް ނިންމާ ވަގުތު ދެނެގަނެވޭ ޗިޕް އެކުލެވޭ ބިބް، ދުވުންތެރިންނަށް ޚާއްސަ ޓީޝާޓް، އަދި ދުވުމުގެ ދުވަހު ކޮންމެހެން ބޭނުންވާ ތަކެތި ގެންދިއުމަށް ރޭސް ދަބަހެއް ހިމެނެއެވެ. އަދި ދިރާގުން ބުނެފައިވާ ގޮތުގައި، މި ދުވުން ނިންމާ ކޮންމެ ބައިވެރިއަކަށް ޑީއެމްއާރްއާރް 2025 އަށް ޚާއްސަކޮށް ފަރުމާކުރެވިފައިވާ ރީތި މެޑަލްއެއް ލިބިގެންދާނެއެވެ. މީގެ ކުރީ އަހަރެއްގައި ބޭއްވި ދިރާގު ރޯޑް ރޭހުގެ ތެރެއިން -- ފޮޓޯ/ ދިރާގު ދިރާގުން ފާހަގަކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖޭގައި އެންމެ ބޮޑު އަދި އެންމެ ގިނަ މީހުން އިންތިޒާރުކުރާ ދުވުމުގެ އިވެންޓުގެ ގޮތުގައި ފާހަގަކުރެވޭ ޑީއެމްއާރްއާރްއަކީ، ސަރަހައްދީ ގައުމުތަކުގެ ދުވުންތެރިންވެސް ބައިވެރިވާ ބައިނަލްއަގްވާމީ ދުވުމެކެވެ. ދިރާގުން ބުނީ، މިއީ ވޯލްޑް އެތުލެޓިކްސް ސަޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް)ގެ ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުން ކަމަށެވެ. ކޮންމެ އަހަރަކުވެސް މި އިވެންޓަކީ އެއްބައިވަންތަކަމާއި ދުޅަހެޔޮ ދިރިއުޅުމެއް އުޅުމުގެ ރޫހެއް އުފެއްދުމުގެ އިތުރުން، މުހިންމު އިޖުތިމާއީ ކަންކަމަށް ހޭލުންތެރިކަން ގެނެސްދޭ އިވެންޓެކެވެ. މި އަހަރުގެ ޑީއެމްއާރްއާރްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ދިރާގުން ބުނެފައިވެއެވެ. ޑީއެމްއާރްއާރް 2025އަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، 4,000 ބައިވެރިން ހަމަވުމުން ރަޖިސްޓްރީ ކުރުން ބަންދުކުރާނެއެވެ. މި ދުވުމުގައި ބައިވެރިވެ، ދުޅަހެޔޮ ދިރިއުޅުމަކަށް ހިތްވަރު ދިނުމުގެ އިތުރުން މުހިންމު އިޖުތިމާއީ މަސައްކަތަކަށް އެހީތެރިވުމުގެ ފުރުސަތު ލިބޭނެއެވެ. އިތުރު މައުލޫމާތާއި ރަޖިސްޓްރީ ކުރުމަށް dmrr.com.mv އަށް ޒިޔާރަތް ކުރެއްވުން އެދި ދިރާގުން އެދިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ