ހުޅުމާލޭގައި ޒަމާނީ ސިނަމާއެއް އަޅަން ބޭރުގެ އިންވެސްޓަރުން ތިބީ ތައްޔާރަށް: މިނިސްޓަރު
ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ ސިނަމާއެއް އެޅުމަށް ޓަކައި ބޭރުގެ އިންވެސްޓަރުންނާ ވާހަކަ ދައްކާފައިވާ ކަމަށް ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) ރޭ ވިދާޅުވެއްޖެއެވެ. "އަހާ ފޯރަމް"ގައި ވާހަކަ ދައްކަވަމުން އަސްވާޑު ވަނީ މާލޭގައި ހުންނަ އޮލިމްޕަހުގެ ހާލަތަށް އަލިއަޅުވައިލައްވައިފައެވެ. އޭނާ އެތަން ސިފަކުރީ "ކިރިޔަ ކިރިޔާ ނުގޮވައި އޮތް ބޮމެއް"ގެ ގޮތުގައެވެ. އެ ތަނުގެ ޖާގަ ކުޑަކަމާއި ވަސީލަތްތައް މަދުވުމުގެ ސަބަބުން، ފިލްމު ޕްރޮޑިއުސަރުންނަށް އެ ކަމުން އާމްދަނީ ހޯދުމަށްހުރި ދަތިތައް އޭނާ ފާހަގަ ކުރެއްވިއެވެ. އެހެން ކަން އޮއްވައި، އޮލިމްޕަސް މަރާމާތު ކުރުމަށް ބަންދުކޮށްފިނަމަ، ރާއްޖޭގެ ފިލްމު އިންޑަސްޓްރީއަށް ވަރަށް ބޮޑު ގެއްލުމެއް ވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޮލިމްޕަސް --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ވެރިކަމުގައި އޮލިމްޕަސް މަރާމާތު ކުރުމަށް ގިނަ ދުވަސްތަކަކަށް އެތަން ބަންދު ކުރިއެވެ. މަރާމާތަށް ފަހު ހުޅުވަން ގިނަ ދުވަސްތަކެއް ނެގިއިރު އޭގެ ސަބަބުން ފިލްމު އިންޑަސްޓްރީއަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވިއެވެ. ރާއްޖޭގެ ފިލްމު އިންޑަސްޓްރީއަށް ދިމާވެފައި އޮންނަ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސިނަމާއެއް ނެތިގެން ފިލްމު ނޭޅުވުމެވެ. އާމްދަނީ ހޯދުމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެއީއެވެ. އަސްވާޑު ވިދާޅުވި ގޮތުގައި އޮލިމްޕަހުގެ ވިސްނުން ދޫކޮށްލުމަށްފަހު، ރާއްޖޭގައި އަޅަންޖެހެނީ ޒަމާނީ ފެންވަރުގެ ސިނަމާއެކެވެ. "...އޮލިމްޕަސް، އަޅުގަނޑުމެން ޖެހޭނީ އެ ޚިޔާލު ދޫކޮށްލަން. އަޅުގަނޑުމެން އަޅަންޖެހޭނީ ޒަމާނީ ފެންވަރުގެ ސިނަމާއެއް. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން އެ ކަން ކުރާނަން. އެ ކަން ކުރުމަށް އަޅުގަނޑުމެން ބޭރުގެ ޕޮޓެންޝަލް އިންވެސްޓަރުންނާ އަޅުގަނޑުމެންނާ ވާހަކަ ދެއްކިއްޖެ. މިއީ އަޅުގަނޑު ތޯތޯއަށް ތިބޭފުޅުން ރުއްސަން މާމޮޅު ވާހަކައެއް ދައްކަނީއެއް ނޫން...." އޭނާ ވިދާޅުވިއެވެ. އަސްވާޑު ވިދާޅުވީ އެ ކަން ކުރުމަށް ބޭރުގެ އިސްވެސްޓަރުން ތިބީ ތައްޔާރަށް ކަމަށެވެ. https://x.com/sunbrk/status/1944840547375706606/video/1 ޒަމާނީ ފެންވަރުގެ ސިނަމާ އަޅަން ނިންމާފައިވަނީ ހުޅުމާލޭން ބިމެއް ހޯދައިގެންނެވެ. އެ ތަނުގައި ސިނަމާ އަޅާނީ ގާތްގަނޑަކަށް ހަތަރު ތިއޭޓަރު ހިމެނޭ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. "ސިނަމާ ނެތިގެން ފިލްމު ނޭޅުވިގެން މި އުޅޭ އުޅުމަށް ހަމަ ޔަގީން ކަށަވަރު އެ ކަން ނިމުމަކަށް ގެންނާނަން" މި ސަރުކާރުން ދަނީ ފަންނާނުން ބާރުވެރިކޮށް، އެ މީހުންނަށް ފަހި ފުރުސަތުތަކެއް ތަނަވަސްކޮށްދެމުންނެވެ. އޭގެ ތެރޭގައި އޮލިމްޕަހުގައި އެ މީހުންނަށް ހިލޭ މިއުޒިކް ކުޅުން ފަދަ ކަންކަން ކުރެވޭގޮތަށް ހަމަޖެއްސުން ހިމެނެއެވެ. މީގެ އިތުރުން ފަންނާނުންނަށް މާލީ އެހީދޭން މި ސަރުކާރުން ނިންމިނިންމުން ފާހަގަ ކުރެވެއެވެ. އަސްވާޑު ވިދާޅުވާ ގޮތުގައި، އޭގެ ފުރަތަމަ ބެޗުގައި ފަންނާނުންނަށް 25 މިލިއަން ރުފިޔާގެ މާލީ އެހީދޭންވަނީ ނިންމައިފައެވެ. އުންމީދަކީ އަންނަ އޮގަސްޓުގައި އެކަން ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ