އާ ޓާމިނަލް ނިންމޭނީ ހުޅުވާތާ ދެމަސް ފަހުން: ރައީސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަސައްކަތް އެއްކޮށް ނިންމޭނީ އެ ޓާމިނަލް ހުޅުވާތާ ދެމަސް ފަހުން، ސެޕްޓެމްބަރުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މި ޓާމިނަލް ހުޅުވަން ނިންމާފައި ވަނީ މިނިވަން ދުވަހާ ދިމާކޮށް މިމަހުގެ 26ގައެވެ. "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވީއައިއޭގެ އާ ޓާމިނަލް އަންނަ ހަފުތާގެ ހޮނިހިރު ދުވަހު ހުޅުވުމަށްޓަކައި ތައްޔާރީތަށް ވަމުން އަންނަކަމަށެވެ. ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވިގޮތުގައި އާ ޓާމިނަލް ހުޅުވާއިރު މަސައްކަތްތައް ނިންމާނީ މި ވަގުތަށް ބޭނުންވާ މިންވަރަށެވެ. "މިހާރު ޖުލައި 26ގައި ހުޅުވާއިރު ބޭނުންވާ ވަރަށް ނިންމާނެ، ދެން ހަމަ އޭގެ ދެ މަހެއްހާ ދުވަސް ތެރޭގަ ސެޕްޓެމްބަރަށް ކަންނޭނގެ މުޅިން އެއްކޮށް ދޫކޮށްލަނީ އެކަމަކު، އެތަން ބޭނުންކުރަން ބޭނުންވާ މިންވަރަށް ހަމަ މިހާރު އެ ނިންމަނީ، މިވަގުތަށް ބޭނުންވާ މިންވަރަށް" ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން، ވީއައިއޭގެ އާ ޓާމިނަލް ބައްލަވާލެއްވުމަށް އެ ތަނަށް ވަޑައިގެންނެވިއިރު ޓާމިނަލްގެ އިމާރާތުގެ ސްޓްރަކްޗާ ނިމިފައި އޮތްކަން ފާހަގަކުރެއްވުނު ކަމަށާއި، ނަމަވެސް ކުރަން ހުރި ބައިވަރު މަސައްކަތްތައް އެއްވެސް ބަޔަކާ ހަވާލުނުކުރާކަން ފާހަގަކުރެއްވުނު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، އާ ޓާމިނަލްގެ ބޭނުން ހިފުމަށްޓަކައި ހަދަން ޖެހޭ މައި މަގު ހަދަން ހަވާލުކޮށްފައި ނެެތް ކަމަށާއި، ޓާމިނަލްގެ ތެރޭގައި ޑިއުޓީ ފްރީ އާއި ކޮމާޝަލް އޭރިއާ ވެސް ހަދަން ހަވާލުކޮށްފައި ނެތް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންވެ، ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެ ތަންތަން ހެދުމަށް ހަވާލުކުރަން ޖެހުނީ މި ސަރުކާރުންކަމަށް ރައީސް ވިދާޅުވިއެވެ. ދެހާސް ސޯޅަވަނަ އަހަރު ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ސައޫދީ ފަންޑުގެ ދަށުން އެ ގައުމުގެ ބިން ލާދިން ކުންފުންޏާ ހަވާލުކުރީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައެވެ. އޭގެ ފަހުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ވެސް އާ ޓާމިނަލްގެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވެއެވެ. އެކަމަކު ސޯލިހުގެ ވެރިކަމުގައި ޓާމިނަލްގެ މަޝްރޫއު ކުރިއަށް ގެންދިޔައީ އިމާރާތުގެ ފަރުމާއަށް ބަދަލު ގެނައުމަށް ފަހުގައެވެ. ވީއައިއޭގެ އާ ޓާމިނަލް، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށް ފަރުމާކޮށް، މި މަހުގެ 26 ވަނަ ދުވަހު ހުޅުވަން އެމްއޭސީއެލުން އަންނަނީ ތައްޔާރުވަމުންނެވެ. ވީއައިއޭގައި މިހާރު ބޭނުންކުރާ ޓާމިނަލުން ޚިދުމަތް ދިނުމުގެ ކެޕޭސިޓީއަކީ އަހަރަކު 1.5 މިލިއަން މީހުންނަށް ކަމަށްވާއިރު، އާ ޓާމިނަލް ހުޅުވުމުން އެ އަދަދު ހަތް މިލިއަނަށް އިތުރުވާނެ ކަމަށް ސަރުކާރުން ބުނެެއެވެ. އެ ޓާމިނަލުގައި 72،000 އަކަފޫޓުގެ ބޮޑުމިނެއް ހުންނައިރު 47 ޗެކިން ކައުންޓަރާއި ހަ ސެލްފްސާވިސް ކިއޯސްކްގެ އިތުރުން ޒަމާނީ ބެގެޖް ހޭންޑްލިން ސިސްޓަމެއްގެ އިތުރުން އެޑްވާންސް ސެކިއުރިޓީ ސްކްރީނިން ނިޒާމެއް ގާއިމްކުރެވޭނެ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ. ބިން ލާދިން ގްރޫޕާ އާ ޓާމިނަލްގެ މަސައްކަތް ހަވާލުކުރީ ގާތްގަނޑަކަށް 5.3 ބިލިއަން ދިވެހި ރުފިޔާއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ