މުއްދަތަށް މަސައްކަތް ނުނިމުނު، ދަނޑުވެރިކަމުގެ ގައުމީ ލެބޯޓްރީ ހުޅުވުން އަންނަ އަހަރަށް

ފުވައްމުލަކު ސިޓީގައި ތަރައްގީކުރާ ގައުމީ ދަނޑުވެރިކަމުގެ ލެބޯޓަރީގެ މަސައްކަތް ނިންމައި، އަންނަ އަހަރު އެ ތަނުގެ މަސައްކަތްތައް ފެށޭނެ ކަމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ބުނެފިއެވެ. މި ލެބު އެޅުމަށް ކޮންޓްރެކްޓަރާއެކު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އެއް އަަހަރުތެރޭ ނިންމާގޮތަށް ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. އެތަން އެޅުމަށް 11 މިލިޔަން ރުފިޔާ ސަރުކާރުން ޚަރަދު ކުރާއިރު، މި ލެބޯޓްރީއަށް ބޭނުންވާ އިކުއިޕްމަންޓްތައް މިހާރުވަނީ ގަނެ، ފުވައްމުލަކަށް ސަޕްލައިކޮށް ނިންމައިފައެވެ. ޕީއެސްއެމްގެ "ރާއްޖެ މިއަދު"ގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ނައިބު، އިސްމާއީލް މުހައްމަދު ވިދާޅުވީ ލެބުގެ އަމަލީ މަސައްކަތް ފަށައިގެން ކުރިޔަށްދާ ކަމަށާއި، މަސައްކަތްކުރަނީ އަންނަ އަހަރުގެ ތެރޭ އެތަން އެއްކޮށް ނިންމައި، ބޭނުން ކުރަން ފެށޭވަރު ކުރަން ކަމަށެވެ. "ސީދާ އަޅުގަނޑުމެންނަށް [ލެބު] ނިމޭނެ ދުވަހެއް މި ވަގުތު ބުނެލަން ތަންކޮޅެއް ދަތި. އެހެން ނަމަވެސް މަސައްކަތް ފެށިފައި މިހާރު އޮތީ. އަޅުގަނޑުމެން މަސައްކަތް ކުރަނީ މިއަންނަ އަހަރުގެ ކޮންމެ ވެސް ދުވަހެއްގެ ތެރޭގައި ލެބޯޓަރީގެ މަސައްކަތް އެއްކޮށް ނިންމައި، މަސައްކަތް ފެށޭވަރު ވާނެ" އިސްމާއީލް ވިދާޅުވިއެވެ. ދަނޑުވެރިކަމަކީ ވަރަށް ޓެކްނިކަލް ކަމެއްކަމަށާއި، އެ ދާއިރާއިން މީހުން ބިނާކުރުމާއި ވަސީލަތްތައް ތަރައްގީކުރުމަށް އިދާރީ މަރުހަލާގައި މި ވަގުތު ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ހިނގަމުންދާ ކަމަށް އިސްމާއީލް ވިދާޅުވިއެވެ. ދަނޑުވެރިކަމުގެ ލެބޯޓަރީ ތަރައްގީކުރަނީ ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން ދަނޑުވެރިކަމާގުޅޭ ދިރާސާތައް ވެސް ހެދޭ ގޮތަށެވެ. މިނިސްޓްރީން ބުނީ ދަނޑުވެރިކަމުގެ ގައުމީ ލެބު ތަރައްގީ ކުރަނީ މައިގަނޑު ހަތަރު ދާއިރާއަކަށް އަމާޒުކޮށްގެން ކަމަށެވެ. އެއީ ސޮއިލް ޓެސްޓިން، ޓީޝޫކަލްޗާ، ޕްލާންޓް ޕެތޮލޮޖީ އަދި އެންޓަމޮލޮޖީއެވެ. ދަނޑުވެރިކަމުގެ އާމްދަނީ އިތުރުކުރުމުގައި ގައުމީ ލެބު، މުހިންމު ދައުރެއް އަދާކުރާނެ ކަމަށް އެ މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ. ލެބޯޓްރީއަށް ބޭނުންވާ އާލާތްތައް ހޯދާފައިވަނީ ޖަޕާން ސަރުކާރުގެ ހިލޭއެހީގައި ޔޫއެންޑީޕީން ކުރިއަށް ގެންދާ ޕްރޮޖެކްޓް ފޯ ޑިވެލޮޕިން ސަސްޓެއިނަބަލް އިކޮނޮމީގެ ދަށުންނެވެ. މި ފެސިލިޓީގައި ހިމެނޭ އެހެން ލެބޯޓަރީތަކަށް ބޭނުންވާ އާލާތްތައް ހޯދާފައިވަނީ އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗާ ޑިވެލޮޕްމަންޓުގެ އެހީގައި ކުރިއަށް ގެންދާ މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ