ތިމާއަށް އުފާވެރިކަން ލިބެން ބޭނުންވާނަމަ އެއްވެސް މީހެއްގެ ހިތުގަ ޖައްސުވައި އަނިޔާވެރި ނުވާށެވެ! ނޫންނަމަ ހިތްދަތިކަމާ ގެއްލުން އަރައިހަމަނުކުރާނެ ގޮތެއް ނުހެދޭނެ!

އުފާވެރިކަން ނުލިބުނީމާ އެންމެންވެސް ކަންބޮޑުވެއެވެ. ހިތްދަތިކަމެއް ކުރިމަތިވެއްޖެނަމަ އިތުރަށް ކަންބޮޑުވެއެވެ. ޝަކުވާތައްވެސް ކުރެއެވެ. ނަމަވެސް ސުވާލަކީ ތިބާ ތިއަހުރީ އުފާވެރިކަން ޙައްޤުވާނެ މީހެއްގެ ގޮތުގައި ހެއްޔެވެ؟
ﷲ ތަޢާލާ ތަނަވަސްކަމާއި ބާރު ދެއްވަވަނީ އެމީހަކަށް ހުރިހާ ބާރުތަކެއް ލިބޭނެ ގޮތަކަށް ނޫނެވެ. އަދި މުއްދަތެއް ނެތިއެއްވެސް ނޫނެވެ. ވަކި މުއްދަތަކަށެވެ. ކޮންމެ ވަޤުތަކުވެސް އެނީޢްމަތްތައް އަނބުރާ ގެންދެވުމަށް ﷲ ތަޢާލާ ކުލަދުންވަންތަވެވޮޑިގެންވެއެވެ. މީސްތަކުން ހަނދާން ނެތިގެން މިއުޅެނީ އެކަމެވެ.
ޔަޤީންކުރާށެވެ! އެއްވެސް މީހަކަށް އަނިޔާވެރިވެ، ހިތުގައި ޖައްސުވާނަމަ އެމީހަކަށް ޙަޤީޤީ އުފާވެރިކަމެއް ދުވަހަކުވެސް ނުލިބޭނެއެވެ. އެއީ އެކަމުން އަންގައިދެނީ އެމީހާގެ ކިބައިގައި ތަޤްވާވެރިކަމެއް ނެތްކަން ކަމުގައިވާތީއެވެ. ކޮންމެ ހުކުރު ޚުޠުބާއެއްގައި ތަޤްވާވެރިވުމަށާއި ޢަދުލުވެރިވެ އިހްޞާންތެރިވުމަށް ވަޞިއްޔަތްކުރަނީ އެ ސަބަބަށްޓަކައެވެ.
ތަނަވަސްކަން ލިބިފައިވާނަމަ ޢާއިލާގެ މީހުންނަށް އެހީތެރިނުވުމަކީ ވަރަށް ބޮޑު ފާފައެކެވެ. ﷲ ތަޢާލާ ތިބާއަށް ތަނަވަސްކަން ދެއްވެވީ މީސްތަކުންނަށް، ވަކިން ޚާއްޞަކޮށް ޢާއިލާގެ މީހުންނަށް އެހީތެރިކަން ފޯރުކޮށދިނުމަށެވެ. އެކަން ނުކޮށް ތިބާ ބޭނުންވާކަންކަން ޙާޞިލުކޮށްގެން ތަނަވަހުގައި ދިރިއުޅޭނަމަ ތިބާއަށް ﷲ ދެއްވެވި ތަނަވަސްކަން ދެއްވެވި މަޤްޞަދާއި ޚިލާފްވެވެނީއެވެ.
ވީމާ ތަނަވސްކަން ދެއްވަވައިފިނަމަ ފުރަތަމަކަމަކަށް މީސްތަކުންނަށް، ވަކިން ޚާއްޞަކޮށް އަނބިދަރިންނަށާއި ޢާއިލާއަށް ހެޔޮކޮށް ހިތައި އެމީހުންނަށް އުފާވެރިކަން ހޯދައިދޭށެވެ! އެއިރުން އެމީހަކަށް ﷲ ތަޢާލާ އުފާވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ
މިއިން ކޮންމެކަމަކީވެސް ޤިޔާމަތް ދުވަހު އެމީހަކާއި ސުވާލުކުރައްވަވާނެ ކަންކަމެވެ. ކޮންމެ އިންސާނަކީވެސް ﷲ ތަޢާލާ މިބިންމަތީގައި ލައްވަވާފައިވާ ﷲ ތަޢާލާގެ ސަފީރުންނެވެ. ކޮންމެ މީހަކަށްވެސް އޮތީ އެމީހަކަށްވެވުނު އެންމެ ފުރިހަމައަށް އެމީހާގެ ވަޒީފާ އަދާކުރުމެވެ. އެކަން ﷲ ތަޢާލާ ރުހިވޮޑިގަންނަވާފަދައިން ކޮށްފިނަމަ އެމީހަކަށް ދެދުނިޔޭގައިވެސް ޙައްޤު ޖަޒާ ދެއްވަވާނެތެވެ. އެއީ މަތިވެރިވެގެންވާ ނިޢްމަތްތައް ދެއްވަވާނެ ކަމެވެ.
--މުފްތީ މެންކުގެ ދަރުސަކުން
https://www.facebook.com/AllAboutIslamA/videos/440275417159819
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ