ޗާގޯސްއަކީ ރާއްޖޭގެ ތަނެއް ނޫން ކަމަށާއި އެ ތަން ހޯދަން ވެސް ނޫޅޭ ކަމަށް، ރާއްޖެއިން ބެލްޖިއަމްއަށް ކަނޑައަޅާފައިވާ ސަފީރު ގީލާ އަލީ ޔޫރަޕިއަން ޕާލިމެންޓުގައި ވިދާޅުވިކަމަށް ބުނާ ހަބަރުތައް، ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ދޮގުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ޗާގޯސް ހޯދަން ރާއްޖެއިން މަސައްކަތް ނުކުރާ ކަމަށް، ގީލާ ވިދާޅުވި ކަމަށް ބުނެ ބައެއް އޮންލައިން ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
ތަފްސީލު - އެ ހަބަރުތައް ދޮގުކުރައްވައި، ހަލީލު މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގީލާ އަލީ ޔޫރަޕިއަން ޕާލިމެންޓުގައި ދެއްކެވި ވާހަކަތައް ބައެއް ނޫސްތަކުން ރިޕޯޓުކުރީ އޮޅުވާލައިގެން ކަމަށެވެ.
"ސަފީރަށް ޔޫރަޕިއަން ޕާލިމެންޓުން ކުރައްވާފައިވަނީ ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ ބޭސްއެއް ހުރުމާމެދު، ދެކޭ ގޮތް ކަމަށާއި މި ސުވާލަލުގެ ޖަވާބުގައި ސަފީރު ވިދާޅުވެފައިވަނީ ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ ބޭސްއެއް މާކުރިއްސުރެ ގާއިމުވެފައިވާ ކަމަށާއި، އަދި ރާއްޖެއާއި އެމެރިކާ އާ ދެމެދު އޮތީ ޒަމާންވީ ގާތް ގުޅުމެއް ކަމަށެވެ،" އެ ޕޯސްޓުގައި ހަލީލު ވިދާޅުވި އެވެ.
ހަލީލު ވިދާޅުވީ ޗާގޯސް ނުވަތަ ފޯޅަވަހީގެ ހައްގުތައް ދޫކޮށްލީ އެމްޑީޕީގެ ސަރުކާރުން ކަމަށެވެ.
"ހަގީގަތަކީ ކަނޑައެޅިފައިވާ ނިޒާމުތަކާ ހިލާފަށް، ރައްޔިތުންގެ އަދި ރައްޔިތުންގެ މަޖިލީހުގެ ބަހެއްނެތި، އިތުރު މަގުތައް ހުރިތޯ ނުވަތަ ނެތްތޯ ވެސް ބެލުމެއްނެތި، ފޯޅަވަހީގެ ހައްގުތައް ދޫކޮށްލާފައިވަނީ 2022 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުގެ ސިއްރު ސިޓީއަކުންނެވެ. މިކަން ދިވެހި ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެއެވެ،" ހަލީލު ވިދާޅުވި އެވެ.
އެނގުން މުހިންމު - އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ މައި އޮފީހުގައި 28 އޭޕްރީލް 2024ގައި ވަނީ، ރާއްޖޭން ވަކާލާތުކުރި ގޮތަށް، ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބޮޑަށް ބަލަން ޖެހޭނީ ޗާގޯސްގެ ރަށްތަކުގެ އައްސޭރިފަށުން ފެށިގެން ކަަމަށް ހުކުމްކޮށްފަ އެވެ. އެއާ އެކު، ފުށުއަރާ ސަރަހައްދުން ބޮޑު ބައެއް ރާއްޖެއަށް ލިބުނެވެ.
އިޓްލޮސް އިން ނިންމީ ދެ ގައުމުގެ ދެމެދުގައި ބަހަން ޖެހޭ 92،563 އަކަ ކިލޯމީޓަރުގެ ސަރަހައްދުން:
ރާއްޖެއަށް - 47،232 އަކަ ކިލޯމީޓަރު
މޮރިޝަސްއަށް - 45،331 އަކަ ކިލޯމީޓަރު
ނަމަވެސް، އިދިކޮޅުގައި އޭރު ތިބި އަދި މިހާރު ވެރިކަން ކުރާ ޕީޕީއެމް-ޕީއެންސީން ތުހުމަތުކުރީ، އެ ހުކުމާ އެކު ދެކުނުގެ އިގްތިސާދީ ސަރަހައްދުން މުހިންމު އަދި ބޮޑު ބައެއް ގެއްލިފައިވާ ކަމަށެވެ. ކަނޑު ހޯދުމުގެ މަސައްކަތުގައި އިދިކޮޅުން ކުރި މަސައްކަތުގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅަކީ ވެސް މުނައްވަރެވެ.
ސަރުކާރާ ހަވާލުވުމާ އެކު، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ މަސައްކަތްތަކުގެ ތެރޭގައި ވެސް ގެއްލުނު ކަމަށް ބުނާ ކަނޑުގެ ބައި ހޯދުމުގެ މަސައްކަތް ހިމަނައި އެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން ފެށި އެވެ. އެ މަސައްކަތަށް ހާއްސަ ކޮމިޓީއެއް ނަގައި ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ވެސް ހޯދި އެވެ.
އެކަމަކު އަދި އަދަށް ދާންދެން ވެސް އިޓްލޮސްގެ ނިންމުން މުރާޖައާކުރުމަށް ސަރުކާރުން ހުށަހަޅާފައެއް ނުވެ އެވެ.
ޗާގޯސް ހޯދަން ނޫޅޭ ކަމަށް ސަފީރު ވިދާޅުނުވޭ: ހަލީލު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ