ޔާމީނު ވިދާޅުވީ މިނިވަން އިންތިހާބެއްގައި އެމަނިކުފާނާ ވާދަކުރަން ކެރޭ ސިޔާސީ ލީޑަރެއް ނެތް ކަމަށް ޔާމީނު ވިދާޅުވީ މިނިވަން އިންތިހާބެއްގައި އެމަނިކުފާނާ ވާދަކުރަން ކެރޭ ސިޔާސީ ލީޑަރެއް ނެތް ކަމަށް

މިނިވަން ރިޔާސީ އިންތިހާބެއްގައި އެމަނިކުފާނާ ވާދަކުރަން ކެރޭވަރުގެ ސިޔާސީ ލީޑަރެއް ދިވެހިރާއްޖޭގައި ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވިދާޅުވެއްޖެ އެވެ.
ޕީޕަލްސް ނޭޝަނަލް ފްރަންޓު (ޕީއެންއެފް) ގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، ސިޔާސީ ލީޑަރުން ބޭނުންވަނީ އެމަނިކުފާނު ޖަލުގައި ބާއްވައިގެން ރިޔާސީ އިންތިހާބު ބާއްވަން ކަމަށެވެ.
"މި އުޅޭ ސިޔާސީ މީހުންނޭ ކިޔައިގެން އުޅޭ މީހުން އިނގޭތޯ. އޭގެ ތެރޭގައި ރައީސް މައުމޫން ވެސް ހިމަނައިގެން އަޅުގަނޑު މި ވާހަކަދައްކަނީ. ކީއްވެގެންތޯއޭ މިނިވަން އިންތިހާބެއްގައި އަޅުގަނޑާއި ވާދަކުރަން ނުކެރިގެން މިއުޅެނީ،" ޔާމީނު ވިދާޅުވި އެވެ.
އެންމެ ފަހުން 2018 ގައި އެމަނިކުފާނަށް ނާކާމިޔާބުވި އިންތިހާބަކީ އިންޑިއާ މެދުވެރިވެގެން "ވަގަށް ނެގި" އިންތިހާބެއް ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ވެރިކަން ލިބުނީ އެމަނިކުފާނު ޖަލުގައި އޮތުމުން ކަމަށް ވެސް ޔާމީނު ރޭ ވިދާޅުވި އެވެ.
އެމަނިކުފާނަށް ސިޔާސީ މުސްތަގްބަލެއް ނެތް ކަމަށް ވިދާޅުވެ، ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު ނަރީޝް ދެއްކެވި ވާހަކައަކަށް ވެސް ޔާމީން ރޭ ރައްދު ދެއްވި އެވެ.
"ނަރީޝް އެބުނި ވާހަކައަކީ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބޭނުމެއް ނުވިޔޭ ރައީސް ޔާމީން ވާދަކުރާކަށް. ޖަލުގައޭ ބޭއްވީ. މުއިއްޒު ވެސް ބޭނުމެއް ނުވެޔޭ. ތެދެއް. މުއިއްޒެއް ބޭނުމެއް ނުވާނެ އިނގޭތޯ. މުއިއްޒުގެ ސައިޒު މިހާރު ވެސް މުއިއްޒުއަށް އެނގިވަޑައިގަންނަވާނެ،" ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ޖަލަށް ލެވިދާނެ ކަމަށާއި މީގެ ކުރިން ކުރި ހުކުމްތައް ވެސް ބާތިލުވީ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ސަރުކާރުން މިހާރު ފޯރުވާ ނުފޫޒާއެކު ވެސް މިހާރު ކޮށްފައިވާ ދައުވާ ސާބިތު ނުވާނެ ކަމުގެ ޔަގީންކަން އޮތްކަން، ކޮރަޕްޝަންގެ ބޮޑު ތުހުމަތުތަކެއް ކުރެވޭ ޔާމީން ވިދާޅުވި އެވެ. ޔާމީން ދެކެވަޑައިގަންނަވާ ގޮތުގައި 2028 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ ތާއީދު ލިބޭނީ އެމަނިކުފާނަށެވެ.
ދެން ބާއްވާ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރައްވާނެ ކަމުގެ އިޝާރާތްތައް މީގެ ކުރިން ވެސް ޔާމީން ވަނީ ދެއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ