ނަބިއްޔާގެ ރީތިކަން ބަޔާންވެ އެނގޭ ފަސް ޙަދީޘް

މި އުންމަތުގެ ނަބިއްޔާ މުޙައްމަދު صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އެއީ އެތެރެފުށާއި ބޭރުފުށުގެ ރީތިކަން ހުސްކޮށްފައި ހުންނެވި އެންމެ ފުރިހަމަ އިންސާނާއެވެ. އެތެރެފުށުގެ ރިވެތިކަމަކީ އިތުރު އެކަލޭގެފާނުގެ ޚުލުޤުފުޅެވެ. އެކަލޭގެފާނަކީ އެންމެ މާތް އެންމެ މަތިވެރި ޚުލުޤުފުޅުގެ ވެރި ސާހިބާއެވެ. ކީރިތި ޤުރުއާނުގައި ވަޙީކުރައްވައިފައި ވެއެވެ. ﴿وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ﴾ ‎(القلم: ٤)‏ މާނައީ: "އަދި ހަމަކަށަވަރުން، ކަލޭގެފާނު ވަނީ މާތްވެގެންވާ ޚުލުޤުފުޅެއްގެ މަތީގައިކަން ކަށަވަރެވެ." ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ ބޭރުފުށުގެ ރީތިކަމަކީ ވެސް އެންމެ ފުރަތަމަ އެކަލޭގެފާނުގެ އަޚުލާޤުފުޅެވެ. އެހެން މީހުން ކުރިމަތީގައި ގެންގުޅުއްވާ ރިވެތި ސުލޫކުފުޅެވެ. އޭގެ އިތުރަށް ބުރުސޫރައިގައްޔާއި މަޒުހަރުގައި ވެސް އެކަލޭގެފާނަކީ ފުރިހަމަކަން އޭގެ އިންތިހާއަށް ލިބިވަޑައިގެންފައި ހުންނެވި މަތިވެރި ކަލޭގެފާނެކެވެ. ދުނިޔޭގެ އެއްވެސް ޤަލަމަކުން ނޫނީ މަންޒަރުކުރަހާ ޚިޔާލީ ސިކުނޑިއަކަށް އެކަލޭގެފާނުގެ ތަސައްވުރު ސިފަކޮށް ނުކުރެހޭނެއެވެ. އެ މާތްނަބިއްޔާއަށް ތަބާވެގެންތިބި އެތައް ބިލިޔަން އިންސާނުންނެއް މިއަދާ ހަމައަށް ވެސް އެކަލޭގެފާނުގެ ސޫރަ ކުރަހާ ބުދު ހަދާފައި ނެތީ، އެ ކަން ކުރާން އެނގޭ ބަޔަކު ނެތިގެންނެއް ނޫނެވެ. އެހެނަސް އެކަލޭގެފާނުގެ އެ ފުރިހަމަކަމާ އެއްވަރުގެ ސިފައެއް ސޫރަކޮށް ނުހެދޭނެތީއެވެ. އަދި އިތުރު ކަމެއް ވެސް މި ނުކުތާގައި ހަނދާންކޮށްލާން ޖެހެއެވެ. އެއީ އެކަލޭގެފާނުގެ ޒަމާނުއްސުރެ، މި ދީނަށް ޢަމަލުކުޅަ އެންމެންނަށް މިއަދާ ޖެހެންދެން ވެސް ބުދު ހެދުމާއި ސޫރަ ކުރެހުމުގެ ގޯސްކަމާއި އެ ކަމުގެ މައްޗަށް ހުރި ލަޢުނަތުގެ ވާހަކަ އެނގެން އޮތުމެވެ. އެކަލޭގެފާނުގެ ސޫރައެއް ފެންނާން ނެތަސް ޞަޙާބީންގެ ފަރާތުން ވާރިދުވެގެން އައިސްފައިހުރި އަސަރުތަކުން އެކަލޭގެފާނުގެ މަޒުހަރުގެ ރިވެތިކަން ބަޔާންވެ އެނގެއެވެ. މުޙައްމަދު صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ ސޫރަފުޅުގެ ރިވެތިކަން ބަޔާންކުރައްވައި އެކަލޭގެފާނުގެ ޞަޙާބީއެއް ކަމަށްވާ ޙައްސާން ބިން ޘާބިތު رضي الله عنه ލިޔުއްވި ޅެން ބައިތުތަކެއްގައި ވެއެވެ. "ތިބާއަށްވުރެން ފުރިހަމަ އިންސާނެއް ތިމަންނާގެ ލޯ ދެކިފައިނުވެއެވެ. ތިބާއަށްވުރެން ބުރުސޫރަ ރިވެތި އެހެން އިންސާނެއް އެއްވެސް އަންހެނަކު ވިހައިފައިނުވެއެވެ. ތިބާ އުފައްދަވައިފައި ވަނީ ހުރިހާ އުނި ސިފައަކުން ރައްކާތެރި ކުރައްވައިފައެވެ." އިތުރު އެކަލޭގެފާނުގެ ރިވެތި ސޫރަފުޅު ބަޔާންވެގެން އަންނަ ފަސް ޙަދީޘެއް މި ލިޔުމުގައި ބަޔާންކޮށްލާނަމެވެ. އަބޫހުރައިރާ رضي الله عنهގެ އަރިހުން އަލްއިމާމް އައްތިރްމިޒީ ނެރުއްވި ޙަދީޘެއްގެ މާނައިގައި ވެއެވެ. "ﷲގެ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَއަކީ ވަރަށް ސާފު، ސާދާ، ރިވެތި، އަދި ބުރުސޫރަ ފުރިހަމަ ކަލޭގެފާނެކެވެ. އެކަލޭގެފާނުގެ އިސްތަށިފުޅު ހުންނަނީ ކުޑަކޮށް ބުޅިކޮށެވެ." (الترمذي: (3648 ޖާބިރު އިބްނު ސަމުރާ رضي الله عنهގެ އަރިހުން އަލްއިމާމް އައްތިރްމިޒީއާއި އިމާމް ނަސާއީއާއި އައްދާރިމީ ރިވާކުރެއްވި ޙަދީޘެއްގެ މާނައިގައިވެއެވެ. "(ޖާބިރުގެފާނު ވިދާޅުވިއެވެ.) އުޑުމަތީގައި ވިލާނެތި ސާފުކޮށް އޮތް ރެއެއްގައި ތިމަންކަލޭގެފާނަށް ﷲގެ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ފެނިވަޑައިގަތެވެ. އެކަލޭގެފާނު ތުރުކުރައްވައިގެން ހުންނެވީ ރަތްކުލައިގެ ފޭރާންކޮޅެކެވެ. ތިމަންކަލޭގެފާނު އެކަލޭގެފާނަށް ބައްލަވައިފައި ދެން ހަނދަށް ބެއްލެވީމެވެ. ދެން އަނެއްކާ އެކަލޭގެފާނަށް ބެއްލެވީމެވެ. ތިމަންކަލޭގެފާނަށް ހީފުޅުކުރެވެނީ އިތުރު އެކަލޭގެފާނު ހަނދަށްވުރެން ވެސް މާ ޗާލުވެފައި ފުރިހަމަހެންނެވެ." [(أخرجه الترمذي (2811) بلفظه، والدارمي (58)، والنسائي في ((السنن الكبرى)) كلاهما باختلاف يسير.)] އަނަސް ބިން މާލިކު رضي الله عنهގެ އަރިހުން އަލްއިމާމް ބުޚާރީ ނެރުއްވި ޙަދީޘެއްގެ މާނައިގައި ވެއެވެ. "އެކަލޭގެފާނަކީ (ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَއަކީ) މެދުވަރެއްގެ އިސްކޮޅެއް ހުރި ބޭފުޅެކެވެ. ދިގެއް ވެސް ނޫނެވެ. ކުރެއް ވެސް ނޫނެވެ. އެކަލޭގެފާނުގެ ހަމުގެ ކުލައަކީ ފިނިފެންމަލުގައި ހުންނަ ފިޔާތޮށި ޒާތެއްގެ ކުލައެކެވެ. މާ ބޮޑަށް ހުދު ދޮނެއް ނޫނެވެ. އަދި އަނދިރި މުށިކުލައެއް ވެސް ނުމެނޫންމެއެވެ. އެކަލޭގެފާނުގެ އިސްތަށިފުޅު މުޅިއަކުން ބުޅިއެއް ނޫނެވެ. އަދި މުޅިން ފަނެއް ވެސް ނޫނެވެ." (أخرجه البخاري: 3547) ބައްރާ ބިން ޢާޒިބް رضي الله عنهގެ އަރިހުން އަލްއިމާމް ބުޚާރީ އާއި އެ ނޫން ބޭކަލުން ނެރުއްވި ޙަދީޘެއްގެ މާނައިގައިވެއެވެ. "އިސްތަށިގަނޑު ކޮނޑާ ހަމައަށް ދިގުކޮށްފައި ތިބޭ މީހުންގެ ތެރެއިން، ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَއަށް ވުރެ ރީތި މީހަކު އަހުރެން ނުދެކެމެވެ. އެކަލޭގެފާނުގެ އިސްތަށިފުޅު އޮތީ އެކަލޭގެފާނުގެ ކޮނޑުފުޅުމަތީ ޖެހިފައެވެ. އެކަލޭގެފާނުގެ ބައިމަތި ހުންނަނީ ފުޅާކޮށެވެ. އިސްކޮޅުން މާ ކުރެއް ވެސް ނޫނެވެ. އަދި މާ ދިގެއް ވެސް ނުމެނޫންމެއެވެ." [أخرجه البخاري (5901)، ومسلم (2337)، وأبو داود (4183)، والترمذي (1724) واللفظ له، والنسائي (5233)، وابن ماجه (3599)، وأحمد (18558)] އަބޫ ހުރައިރާ رضي الله عنهގެ އަރިހުން އައްތިރިމިޒީއާއި އަޙްމަދު ނެރުއްވި ޙަދީޘެއްގެ މާނައިގައި ވެއެވެ. "ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَއަށް ވުރެ ރީތި މީހަކު ތިމަން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމެވެ. އެކަލޭގެފާނުގެ މޫނުފުޅުން އިރުގެ ދޯދި ނުކުންނަ ފަދައެވެ. އަދި އެކަލޭގެފާނަށްވުރެ ފިޔަވަޅުފުޅު ހަލުވި ބޭފުޅަކު ވެސް ތިމަންކަލޭގެފާނު ދެކެވަޑައިނުގަންނަވަމުއެވެ. ބިންގަނޑު އެކަލޭގެފާނަށް ޓަކައި ފަތްފަތް ޖެހޭ ކަހަލައެވެ. އެކަލޭގެފާނު އަވަސްވުމެއް ނެތި އާދައިގެ ދުވެއްޔެއްގައި ހިނގަވާއިރު ވެސް ތިމަންމެންނަށް ހިނގުމުގައި އެކަލޭގެފާނާ އެއްވަރު ނުކުރެވެއެވެ." [أخرجه الترمذي (3648)، وأحمد (8943) واللفظ له]
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ