ބާސެލޯނާ ސަޕޯޓަރުންގެ މަރުހަބާ މެސެޖުތަކުން އެންރީކޭ ފޯނު ފުރިއްޖެ ބާސެލޯނާ ސަޕޯޓަރުންގެ މަރުހަބާ މެސެޖުތަކުން އެންރީކޭ ފޯނު ފުރިއްޖެ

ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 10) - ކްލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ރޭ ރެއާލް މެޑްރިޑް 4-0 އިން ބަލިކުރުމުން، ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭގެ ފޯނު ބާސެލޯނާ ސަޕޯޓަރުންގެ މަރުހަބާ މެސެޖުތަކުން ފުރިފައިވާ ކަމަށް ބުނެފި އެވެ.
މި ސީޒަނުގައި މިހާތަނަށް ކުޅުނު ހުރިހާ މުބާރާތެއްގެ ތަށި ހޯދާފައިވާ އެންރީކޭ ބުނީ، ކްލަބް ވޯލްޑް ކަޕްގެ ފައިނަލަށް އައުމަށް ކުރި ދަތުރުގައި އެ ޓީމުން ކުރި ތަފާތު ތަޖުރިބާތަކަށް ފަހު، ސެމީ ފައިނަލުގައި ކޮންމެ ހާލަތެއްގައި ވެސް މޮޅުވާން ތިބީ ކެތްމަދުވެފައި ކަމަށެވެ.
އަދި މެޗު ފެށިގެން ނިމެންދެން، އެމެރިކާގެ މި ހޫނު މޫސުމުގައި ޕީއެސްޖީން ކުރި މަސައްކަތަށް އެންރީކޭ ތައުރީފުކުރިއިރު، ލިބުނު މަރުހަބާގެ މެސެޖުތަކުގައި، ގިނައީ ބާސެލޯނާ ސަޕޯޓަރުންގެ މެސެޖު ކަމަށް ވަނީ ބުނެފަ އެވެ.
"އަހަރެންގެ ފޯނު މި އޮތީ ފުރިފައި، ބާސެލޯނާ ސަޕޯޓަރުން ފޮނުވާފައި ހުރި މަރުހަބާ މެސެޖުތަކުން. މީގެއިން ވެސް މި އެނގެނީ މި މެޗު ކިހާ ބޮޑުކަން، މި ނަތީޖާ ކިހާ މުހިންމުކަން،" ކުރިން ބާސެލޯނާ އަށް ކޯޗުކޮށްދިން އެންރީކޭ ބުންޏެވެ.
އަންނަ އާދިއްތަ ދުވަހު ކުޅޭ ފައިނަލުގައި ޕީއެސްޖީން ނުކުންނާނީ، ޔުއެފާ ކޮންފަރެންސް ލީގުގެ ޗެމްޕިއަން، ޗެލްސީއާ ދެކޮޅަށެވެ. ޗެލްސީ އަކީ މީގެ އަހަރެއް ކުރިން އެންރީކޭ ގުޅުމުގެ ފުރުސަތު އޮތް ކްލަބެކެވެ. އެންރީކޭ ބުނީ، ޕީއެސްޖީން ރެއާލާ ދެކޮޅަށް ނުކުތް ރޫހުގައި ކުރިއަށްދާނެ ކަމަށެވެ.
"މި ކްލަބް ރަމްޒުކޮށްދޭ 100 ޕަސެންޓް ހިތްވަރު އަހަރެމެން އެބަކުރޭ. ރެއާލާ ދެކޮޅަށް އެކަން އެ ފެނުނީ. ރެއާލަކީ އަބަދުވެސް ވަރުގަދަ، އަދި ބޮޑު ކްލަބެއްގެ ގޮތުގައި އޮންނާނެ ބައެއް. ހުރި ހޫނުމިނުގައި ވެސް އަހަރެމެން ހުއްޓިގެން ނުތިބެން، ބުރެކިނުޖައްސައި، އަހަރެމެން ދިޔައީ ކުރިއަށް. ފުރަތަމަ މަގުސަދަކަށް ވެފައި އޮތީ ފައިނަލަށް ދިއުން، އެކަން ހާސިލްކޮށް، ދެން، ފަސް އެނބުރި ބެލުމެއް ނެތް ގޮތަށް މި ތިބީ،" އެންރީކޭ ބުންޏެވެ.
މި ފަހަރު ކްލަބް ވޯލްޑް ކަޕްގައި ޕީއެސްޖީ ބަލިވީ އެންމެ މެޗަކުންނެވެ. އެއީ ގްރޫޕް ސްޓޭޖުގައި ބޮޓަފޯގޯ އަތުން 1-0 އިންނެވެ. ޗެލްސީ ވަނީ ގްރޫޕް ސްޓޭޖުގައި ފްލަމެންގޯ އަތުން 3-1 އިން ބަލިވެފަ އެވެ. އެންރީކޭ ބުނީ، ފައިނަލް މެޗު ހުރިހާ ގޮތަކުން ވެސް ދެ ޓީމަށް ތަފާތުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ