ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ހިންގާ ނަސްލުހޭދު ކުރުމަށް ވާގިވެރިވާ ކުންފުނިތައް ހާމަ ކުރުމުން، އދ. ގެ ހާއްސަ ރެޕަޓުއާ ފްރާންސެސްކާ އަލްބަނީސްއަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފި އެވެ.
އަލްބަނީސްގެ ހާއްސަ ރިޕޯޓަކުން ފަލީހަތްކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި އެމެރިކާގެ ގޫގަލް، އެމަޒަން އަދި މައިކްރޯސޮފްޓް ހިމެނެ އެވެ. އަލްބަނީސްއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަން ހާމަ ކުރީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އެވެ.
ރޫބިއޯ ބުނީ އަލްބަނީސް މަސައްކަަތް ކުރަނީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން އެމެރިކާ އަދި އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ކަމަށެވެ. އަދި ބުނެފައި ވަނީ އެމެރިކާއިން އަބަދުވެސް އިޒްރޭލާ އެކު ހުންނާނެ ކަމަށެވެ.
އަލްބަނީސް ނެރުނު ލިސްޓުގައި ޖުމްލަ 48 ކޯޕަރޭޓް ކުންފުނި ހިމެނެ އެވެ. މި ލިސްޓުގައި އެމެރިކާގެ ބޮޑެތި ކުންފުނިތައް ކަމަށްވާ މައިކްރޮސޮފްޓް، ގޫގުލްގެ ބެލެނިވެރި ކުންފުނި އަލްފަބެޓް، އަދި އެމެޒަން ހިމެނެ އެވެ. މި ލިސްޓުގެ އިތުރުން ވެސް އަލްބަނީޒް ގެ ރިޕޯޓުގައި އިޒްރޭލަށް އެކި ގޮތްގޮތުން އެހީތެރިވެދޭ 1000 އަށްވުރެ ގިނަ ކުދި ކުންފުނިތަކުގެ ޑޭޓާ ބޭސް އެއް ވެސް ހިމެނެ އެވެ.
މީގެތެރެއިން އަސްކަރީ އެހީތެރިކަމާއި ޓެކްނޮލޮޖީގެ އެހީތެރިކން އަދި ކަރަންޓާއި ދަނޑުވެރިކަން އަދި ފައިނޭންސިންގެ އިތުރުން ހިފާފައިވާ ބިންތަކުގައި އިމާރާތް ކުރުމުގައި އެހީތެރިވާ ކުންފުނިތައް ފާހަގަވެ އެވެ.
އަސްކަރީ އެހީތެރިކަން ދޭ ކުންފުނިތަކުގެ ތެރޭގައި އެމެރިކާގެ ލޮކްހީޑް މާޓިން، އިޓަލީގެ ލެއޮނާޑޯ، އަދި ޖަޕާނުގެ ފަނުކް ހިމެނެ އެވެ. އިޒްރޭލަށް ޓެކްނޮލޮޖީގެ ދާއިރާއިން އެންމެ ބޮޑެތި އެހީތެރިކަމެއް ވެދެނީ އެމެރިކާގެ ފަސް ކުންފުންޏަކުންނެވެ. އެއީ އައިބީއެމް، އަލްފަބެޓް، މައިކްރޮސޮފްޓް، އެމެޒަން، އަދި ޕްލާންޓިރު އެވެ.
ފައިނޭންސިންގެ ދާއިރާގެ ކުންފުނިތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ މަޝްހޫރު ބޭންކު ބާކްލޭސް އަދި ފްރާންސްގެ ބީއެންޕީ ޕަރިބާސް ހިމެނެ އެވެ. ދެން އެންމެ ފާހަގަކޮށްލެވެނީ އިމާރާތް ކުރުމުގެ ރޮނގުން އަދި ބިންތައް ހިފުމުގައި އެހީތެރިވާ ކުންފުނިތަކެވެ. އޭގެތެރޭގައި ކެޓަޕިލާ، ބުކިން ޑޮޓް ކޮމް، ރާޑާ، އެއާ ބީއެންބީ، އެޗްޑީ، އަދި ވޮލްވޯ ގްރޫޕް ހިމެނެ އެވެ.
އިޒްރޭލުން ހިފާފައިވާ ބިންތަކުގައި ދަނޑުވެރިކަން ކުރުމަށް އެންމެ ބޮޑަށް ވާގިވެރިވަނީ ޗައިނާގެ ބްރައިޓް ޑެއިރީ އެންޑް ފުޑް ކުންފުނިންނެވެ.
މި ލިސްޓުގައި ހިމެނޭ ގިނަ ކުންފުނިތަކުގެ ފަހަތުގައި ވަނީ އެމެރިކާގެ ދެ އިންވެސްޓްމަންޓް ކުންފުނި ކަމަށްވާ ބްލެކް ރޮކް އަދި ވެންގާޑް އެވެ. މި ދެ ކުންފުނިން ގެންދަނީ ލިސްޓުގައި ހިމެނޭ ބޮޑެތި ކުންފުނިތަކަށް އިންވެސްޓުކޮށް، އެ ކުންފުނިތަކުގެ ހިއްސާދާރުންގެ ގޮތުގައި އިޒްރޭލާއެކު ބާއްވާ ގުޅުމަށް ބާރުއަޅަމުންނެވެ.
އދ. ގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އިޒްރޭލުގެ ނަސްލުހޭދަ ކުރުމުގެ އަމަލުތައް ހުއްޓުމެއް ނެތި ކުރިއަށް ދަނީ މިފަދަ ބޮޑެތި ވިޔަފާރިތަކަށް އެކަމުން ފައިދާވާތީ އެވެ. އެ ހަމަލާތައް ދިގުދެމިގެންދާ ކޮންމެ ދުވަހަކުން އެތައް ސަތޭކަ މިލިއަނަކުން މި ކުންފުނިތަކަށް ފައިދާވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން، ޓެކްނޮލޮޖީ ކުންފުނިތަކާއި އަސްކަރީ ކުންފުނިތަކުގެ އާ އުފެއްދުންތަކާއި ހަތިޔާރުތައް ޓެސްޓުކުރުމަށް ގާޒާ ބޭނުންކުރަމުންދާ ކަމަށް ވެސް އދ. ގެ ރިޕޯޓުގައި ތުހުމަތުކޮށްފައިވެ އެވެ.
ނަސްލުހޭދު ކުރުމަށް ވާގިވެރިޔާ ކުންފުނިތައް ހާމަ ކުރުމުން އދ. މަންދޫބު އަލްބަނީސްއަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި ނަސްލުހޭދު ކުރުމަށް ވާގިވެރިޔާ ކުންފުނިތައް ހާމަ ކުރުމުން އދ. މަންދޫބު އަލްބަނީސްއަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ