މިނިވަން މީޑިއާ ނެތިކޮށްލުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައި، ތިމާގެ ހިތަށް އަންނަހާ އެއްޗެއް ބުނެ، ލިޔުމަކީ އެކަކަށް ވެސް އޮތް މިނިވަންކަމެއް ނޫން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ގައުމީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ތިމާއަށް އަބުރަކާއި އިއްޒަތެއް ލިބިފައިވާ ފަދައިން އަނެކާއަށް ވެސް އަބުރާއި އިއްޒަތް ލިބިފައިވާކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. މީގެ ކުރިން އޮތް ދިވެހި ވަންތަކަށް ބިނާވަނީ އެ ކަންކަމުގެ މައްޗަށް ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެއްވެސް މީހަކަށް ލިބިފައި އޮތް ހައްގެއް ނޫންކަން އަނެކާގެ އިއްޒަތާއި އަބުރާއި ޝަރަފަށް އަރައިގަތުމަކީ. އަޅުގަނޑުމެން އެއްވެސް މީހަކަށް އޮތް މިނިވަންކަމެއް ނޫންކަން ތިމަންނާ ހިތަށް އަންނަހާ އެއްޗެއް ދުލުން ބޭރުކޮށްލުމަކީ. ބެލުމެއް ނެތި. ތިމަންނަ ހިތަށް އަންނަހާ އެއްޗެއް ގަލަމުން ލިޔުމަކީ،" މުއިއްޒު ވިދާޅުވި އެވެ.
ހިތާއި ދޫ ރައްކާތެރި ކުރުމަކީ ކޮންމެ މުސްލިމަކަށް އޮތް ވާޖިބެއް ކަަން ފާހަގަކުރައްވާ، މުއިއްޒު ވިދާޅުވީ އެކަން ކޮށްގެން ގައުމަށް މުސްތަގުބަލު އެބައޮތް ކަމަށެވެ.
"މިއަދު އަޅުގަނޑުމެންގެ ތެރޭގަ އަނެކާގެ އިއްޒަތާއި އަބުރާއި ޝަރަފަށް ބެލުމެއް ނެތް. ތިމާ ކުރިއަށް ދެވެނިކޮށް ނިމުނީ. ތިމާ ބޭނުންވާ ކަންތައް ވަނިކޮށް ނިމުނީ. އަނެކާއަށް ވަރިހަމަ ހަމަ ކޮންމެ ގޮތެއް ވިޔަސް. އެޔެއް ނޫން ދިވެހި ވަންތަކަމަކީ،" މުއިއްޒު ވިދާޅުވި އެވެ.
ދިވެހި ވަންތަކަން ހިމާޔަތްކޮށް، އިސްލާމީ އާދަތައް އަންނަން އޮތް ޖީލާ ހަމައަށް ގެންދިއުމުގެ ޒިންމާ ކޮންމެ ދިވެއްސެއްގެ ބޮލުގައި އެޅިފައިވާކަން ވެސް މުއިއްޒު ފާހަގަކުރެއްވި އެވެ.
އަނެކާގެ ހައްގުތަށް އަރައިގަތް އަބުރު ކަތިލާ ދޮގު ވާހަކަތައް ފެތުރުމަކީ އެއްވެސް މީހަކަށް ލިބިގެންވާ މިނިވަންކަމެއް ނޫންކަމަށް މުއިއްޒު ތަކުރާރުކޮށް މިއަދު ވިދާޅުވި އެވެ.
"ކޮންމެ ވާހަކައެއް ބުނުމުގެ. ލިޔުމުގެ މިނިވަންކަމަކީ ވަކި ހުދޫދެއްގެ ތެރޭގަ އޮންނާނެ ކަމެއް. ތިމަންނަ ކުރަންވާ ކަންމަގެ މިނިވަންކަމަކީ. ހައްގުތަކަކީ ވަކި ހުދޫދެއްގެ ތެރޭގައި އޮންނަ ކަމެއް. ކޮންމެ ރައިޓެއް ލިމިޓޭޝަން ތަކަކާއި އެކީގަ އޮތީ،" މުއިއްޒު ވިދާޅުވި އެވެ.
ތަކުރާރުކޮށް މިފަދައިން އެމަނިކުފާނު ވާހަކަދައްކަވާފައި މިވަނީ، މިނިވަން މީޑިއާ ނައްތާލުމަށް ސަރުކާރުން ފަހަތުގައި އޮވެގެން މަޖިލީހަށް ބިލެއް ހުށަހަޅާފައި އޮއްވަ އެވެ. އެ ބިލު ބޭރުކޮށްލަން ދިވެހި ނޫސްވެރިންނާއި އިދިކޮޅު ސިޔާސީން އަދި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވެސް ދަނީ މުއިއްޒަށް ގޮވާލަމުންނެވެ.
މިނިވަން މީޑިއާ ނެތިކޮށްލާ ބިލުގައި ބުނެފައި ވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭ ކަމަށެވެ. އެ ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެ އެވެ.
މީޑިއާ ރެގިއުލޭޓު ކުރަން އެކުލަވާލާ ކޮމިޝަނެއްގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންތަކެއް ތިބެންޖެހޭ ސަބަބެއް އެ ބިލުގައި ބަޔާންކޮށްފައެއް ނުވެ އެވެ. އަދި ބިލުގައިވާ ގޮތުން ކޮމިޝަނުގެ ރައީސް އައްޔަން ކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
ބިލުގައިވާ ގޮތުން ބޮޑެތި ބާރުތަކެއް އަލަށް އުފައްދާ ކޮމިޝަނަށް ލިބޭނެ އެވެ. އޭގެ ތެރޭގައި، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރުމާއި މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރުން ހިމެނެ އެވެ. އަދި ފަހުން ކޯޓަށް ގޮސްގެން ވެސް ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ.
ހިތަށް އަންނަހާ އެއްޗެއް ބުނެ، ލިޔުމަކީ އޮތް މިނިވަންކަމެއް ނޫން: މުއިއްޒު ހިތަށް އަންނަހާ އެއްޗެއް ބުނެ، ލިޔުމަކީ އޮތް މިނިވަންކަމެއް ނޫން: މުއިއްޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ