ވާވު އަތޮޅުގެ ވޮލީގެ ރަސްކަން ފެލިދުއަށް

ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ވ. ކެޔޮދޫ ބަލިކޮށް ވާވު ވޮލީބޯލް ޓޯނަމަންޓް 2025 ގެ ޗެމްޕިއަންކަން ފެލިދޫން ހޯދައިފިއެވެ. ފެލިދޫއަކީ ރާއްޖޭގެ ވޮލީގައި ގިނަ އަދަދެއްގެ, ގައުމީ ފެންވަރުގެ ކުޅުންތެރިންތަކެއް އުފައްދާފައިވާ ރަށެކެވެ. މީގެތެރޭގައި ގައުމީ ޓީމަށް ކުޅުނު ގިނަ ކުޅުންތެރިން ހިމެނެއެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ފެލިދޫން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ރޭ އޮތް ފައިނަލް މެޗަށް ފަހު, ޗެމްޕިއަންކަން ހޯދި ފެލިދޫ ޓީމަށް ޓްރޮފީ ހަވާލުކޮށްދެއްވީ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފެލިދޫ ޓީމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ޝީޅްޑް ހަވާލުކޮށްދެއްވަނީ-- ފައިނަލް މެޗުގެ ފުރަތަމަ ސެޓު ފެލިދޫން ކާމިޔާބުކޮށްފައިވަނީ 22-25 އިންނެވެ. ދެވަނަ ސެޓުވެސް 25-22 އިން ކާމިޔާބުކުރިއިރު ތިންވަނަ ސެޓު ކާމިޔާބުކުރީ 25-20 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެލިދޫ ޓީމަށް ކުޅުނު ޕާކިސްތާނުގެ ކެޕްޓަން މުރާދު ޖީހާން އެވެ. އޭނާ ވަނީ މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ. މެޗަށްފަހު މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންވެސް ވަނީ ހޮވާފައެވެ. އެ ކުޅުންތެރިންނަކީ މުރާދު ޖީހާން- ފެލިދޫ ހުސެއިން ވިސާމް (ބުޅިކެ) - ފެލިދޫ މުބައްޝަރު ރަޒާ - ފެލިދޫ އަޔޭޝް ދިލްހާން ޕެރޭރާ - ފެލިދޫ އަހުމަދު މުސްތަފާ - ތިނަދޫ އަލީ ހުޒާމް (ހުޒާންޓެ) - ފެލިދޫ މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިން އެންމެ މޮޅު ލިބެރޯއަކަށް ފެލިދޫގެ ޝަފުއާޒު މުޙައްމަދު ހޮވުނުއިރު އެންމެ މޮޅު ކޯޗަކީ ޗެމްޕިއަން ފެލިދޫގެ ކޯޗު މުޙައްމަދު ޝިހާމެވެ. މީގެއިތުރުން މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ފުލިދޫއަށް ކުޅުނު ލަންކާގެ މަދުޝާން އިދުރާންގައެވެ. ދެ ޑިވިޝަނަކަށް ބަހާލައިގެން ކުރިޔަށްދިޔަ މި މުބާރާތުގައި ފިރިހެން ޑިވިޝަނުގައި ހަތަރު ޓީމު، އަދި އަންހެން ޑިވިޝަނުގައި ތިން ޓީމު ވާދަކުރިއެވެ. ވޮލީގެ ގައުމީ ލެވެލްގައި ވ. އަތޮޅަކީ ފާހަގަކޮށްލެވޭ އަތޮޅެކެވެ. އެގޮތުން ގައުމީ އަންހެން އަދި ފިރިހެން ޓީމުގައި ވ. އަތޮޅަށް ނިސްބަތްވާ ގިނަ ކުޅުންތެރިން އެކި ދުވަސްވަރު ކުޅެފައިވެއެވެ. އަދި ގައުމީ ލެވެލްގެ ވަރުގަދަ ޓީމުތަކުގައި ވެސް ވ. އަތޮޅުގެ ކުޅުންތެރިން ހިމެނެއެވެ. ހަ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު މި މުބާރާތް މިއަހަރު ބޭއްވީ ވ. ފެލިދޫގައެވެ. މި މުބާރާތުގެ ހުރިހާ މެޗެއް ސަން ޕްލޭ އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން ވަނީ ގެނެސްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ