ދީނުގެ ކަންކަން ނޭނގޭ މީހުން ގާތުން އިލްމު ހޯދުމަކީ ގިޔާމާތުގެ އަލާމާތެއް: ޚުތުބާ
ދީނުގެ ކަންކަން ރަނގަޅަށް ނޭނގޭ މީހުންގެ ގާތުން އިލްމު ހޯދަން ފެށުމަކީ ގިޔާމާތުގެ އަލާމާތެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ. މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ "މުސްލިމަކު ކާފިރުކުރުމުގެ ނުބައިކަން"، މި މައުޟޫއުގެ މައްޗަށެވެ. ޚުތުބާގައި ބުނީ، ކާފިރުކުރުމަކީ މުސްލިމަކު ނުވަތަ މުސްލިމު ޖަމާއަތެއް ކުފުރަށް ނިސްބަތްކުރުން ކަމަށެވެ. އަދި، އެއީ އެ މީހުންގެ ފުރާނައާއި މުދާ ހިފުން ހުއްދަކުރުން ނަމަވެސް އެއީ އެހާ ފަސޭހައިން ކުރެވޭނެ ކަމެއް ނޫން ކަމަށް ޚުތުބާގައި ބުންޏެވެ. ސަބަބަކީ އެއްވެސް މީހަކަށް އިސްލާމްކަމުގެ މަތިވެރި ޝަރަފު ލިބުމަށް ފަހު، އޭނާ އެ ދާއިރާއިން ބޭރުކުރުމަކީ ވަރުގަދަ ހުއްޖަތާއި، ސާބިތު ހެއްކާއި، ރޯމާދުވާލު ފަދަ އަލިގަދަ ދަލީލުތަކެއް ނެތި ކުރުން ހަރާމް ކަމެއް ކަމަށް ވުމެވެ. މުސްލިމުން ކާފިރުކުރުމުގެ މައްސަލަ ފެށިފައިވަނީ ހިޖުރައިން ފުރަތަމަ ގަރުނުގައި ކަމަށް ޚުތުބާގައި ބުންޏެވެ. ޚުތުބާގައި ބުނީ، ޝަރުއީ ނައްސުތަކުން ސާފުކޮށް އެނގޭ ގޮތުގައި މުސްލިމަކާ ދިމާލަށް ބަދު ބަސް ބުނުމާއި ގަޒުފްކުރުމަކީ ހަރާމްކަންތައްތައް ކަމުގައި ވީއިރު، ހީއެއް ނުވަތަ އަމިއްލަ ވިސްނުމުގެ މައްޗަށް ބިނާކޮށް މުސްލިމަކު ކާފަރުކުރުން ހުއްދައެއް ނުވާނެއެވެ. ހުކުރު ޚުތުބާ އަޑުއަހަނީ -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ މުސްލިމަކާ ދިމާލަށް ކާފަރެކޭ ބުނުމަކީ ނުރައްކާތެރި ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ. މުސްލިމުން ކާފިރުކުރުމަކީ، ޖާހިލުކަމާއި، ޝަރުއީ ހުކުމްތައް ދޭހަނުވުމާއި، ޝުބުހަތަކަށް ހެއްލުމުގެ ނަތީޖާ. ޚަވާރިޖުން، ސިއްފީނު ހަނގުރާމައިގައި އަސްހާބުބޭކަލުން ކާފިރުކޮށް، ޝަރީއަތުގެ މަގުސަދުތައް އޮޅުވާލައި، ޝުބުހަތަކަކަށް ހެއްލުނު. ދީނުގެ ކަންކަމުގައި ﷲ ފިޔަވައި އިންސާނުންނަކީ ހުކުމްކުރާ ބައެއް ކަމުގައި ޢަލީގެފާނު ހެއްދެވީކަމަށް އެ މީހުން ބުނި، ހުކުރު ޚުތުބާ ޢަލީގެފާނު ސިއްފީނު ހަނގުރާމައިގައި މީހުން އަސީރުނުކުރައްވައި މުދާ ޣަނީމާކުރައްވާކަމަށް ބުނެ އެކަލޭގެފާނު ހަނގުރާމަކުރެއްވީ ކާފިރުންނާ ކަމުގައިވީނަމަ، އެ މީހުންގެ މުދާ ޣަނީމާކުރެވޭނެކަމާއި، މުއުމިނުން ކަމުގައިވީނަމަ އެ މީހުންގެ ލޭ ހުއްދަ ނުވީސް ކަމަށް ބުނި ކަމަށް ޚުތުބާގައި ބުންޏެވެ. އަދި، ޢަލީގެފާނު ހުންނެވީ މުސްލިމުންގެ އަމީރުކަމުން ތަނާޒުލުވެވަޑައިގެންފައިކަމާއި، ދެން އެކަލޭގެފާނު ވެވަޑައިގަންނަވާނީ ކާފިރުންގެ އަމީރުކަމުގައި ކަމަށް ބުނެ އަސްހާބުބޭކަލުން ކާފިރުކުރަން އުޅުނުކަމަށް ޚުތުބާގައި ބުންޏެވެ. ޚުތުބާގައި ބުނީ، އެކަމުގެ ހައްލަކީ ސުންނަތްޖަމާއަތުގެ މަންޖަހަށް އެނބުރި ރުޖޫއަވުން ކަމަށެވެ. އިންޓަނެޓުން ދަސްވެނިވުމުގެ ބަދަލުގައި ބޮޑެތި އާލިމުންގެ އަރިހުން ދަރިވަރުވުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. ދީނުގެ ކަންކަން ރަނގަޅަށް ނޭނގޭ މީހުންގެ ގާތުން އިލްމު ހޯދަން ފެށުމަކީ ގިޔާމާތުގެ އަލާމާތެއް ކަމަށް ކީރިތި ރަސޫލާ ވަނީ ހަދީސްކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ