އިންތިޚާބާ ގުޅިގެން އެއްވެސް ކުށްވެރިއަކު ދުލެއް ނުކުރަން: އިހުސާން
މިދިޔަ ލޯކަން ކައުންސިލް އިންތިޚާބާ ދިމާކޮށް ސިޔާސީ ބޭނުމަކަށް އެއްވެސް ކުށްވެރިއަކު ބަންދުން ދޫކޮށްފައި ނުވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު އައްޑޫ ސިޓީގައި ހިންގި ބޮޑު މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ބަޔަކު އިންތިޚާބާ ދިމާކޮށް ދޫކޮށްލާފައިވާ ކަމަށް ބުނެ އަމާޒުކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިޙުސާން ވިދާޅުވީ، ކޮންމެ މީހަކު ހައްޔަރުކުރި ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ވަކި ޓައިމްލައިންތަކެއް ހިނގަން ފަށާނެ ކަމަށެވެ. އަދި، އައްޑޫ މައްސަލައިގައި ހިމެނޭ މީހުން ދޫކޮށްލަން ޖެހުނީ އެ ޓައިމްލައިންގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާ އުފުލުމާ މެދު ގޮތެއް ނިންމަން ޖެހޭ މުއްދަތު ހަމަވިއިރު، ބަންދުގައި ބޭތިއްބޭނެ ގާނޫނީ ސަބަބެއް ނެތުމުން ކަމަށް އޭނާ ތަފުސީލުކޮށްދެއްވިއެވެ. "މީހަކު ހައްޔަރަށް ނަގާ ހިސާބުން ފެށިގެން ޓައިމްލައިނެއް އެބަ ފެށޭ. އެ ޓައިމްލައިން ބައްލަވައިފިއްޔާ އެނގޭނެ މިއީ އިންތިޚާބާ ގުޅުންހުރި ނިންމުމެއް ނޫންކަން. އެއީ ޕީޖީން ދައުވާ އުފުލާނީތޯ ނުވަތަ ބަންދާމެދު ގޮތެއް ނިންމާނީތޯ ކަނޑައަޅަން އޮތް ދުވަސް އެ ހިސާބަށް ދިމާވީމާ ވީކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު އަލީ އިހުސާން، މާފުށީ ޖަލަށް ޒިޔާރަތް ކުރެއްވުން: އިންތިޚާބާ ދިމާކޮށް ކުށްވެރިން ދޫކޮށްލިކަމުގެ ތުހުމަތު ވަނީ ދޮގުކޮށްފައި -- ފޮޓޯ/ ހޯމް މިނިސްޓްރީ އައްޑޫ ސިޓީގައި އަށް މަސް ދުވަހުގެ ތަހުގީގަކަށް ފަހު ހިންގި އެ އޮޕަރޭޝަނާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، ފުލުހުން ގިނަ ހެކިތަކެއް ހޯދާފައިވީ ނަމަވެސް، ޕީޖީ އޮފީހުގެ ލަފައަކީ އެ ވަގުތު ހުރި ހެކިތަކާ އެކު ކޯޓަށް މައްސަލަ ހުށަހަޅައިފިނަމަ އެދެވޭ ނަތީޖާއެއް ނުލިބި، ފުލުހުން ކުރި މަސައްކަތް ބޭކާރުވެދާނެ ކަމަށެވެ. އެހެންވެ، މައްސަލަ އިތުރަށް ވަރުގަދަކުރުމަށް ޕީޖީން އިރުޝާދު ދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ބަންދުގައި މީހަކު ބެހެއްޓޭނީ ގާނޫނީ ގޮތުން އެ ކަމަށް ފުރުސަތު އޮތް މުއްދަތަށެވެ. އެ މުއްދަތު ހަމަވުމުން، ތަހުގީގު ކުރިއަށްދިޔަ ނަމަވެސް ބަންދުން ދޫކޮށްލަން ޖެހޭ ކަމަށާއި ނަމަވެސް އެއީ މައްސަލަ ހުއްޓާލުން ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު މިފަދައިން ވިދާޅުވިއިރު، ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސް ބޭފުޅުން މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ޖަލަށްލާފައި ތިބި ގިނަ އަދަދެއްގެ ކުޑްވެރިން މިނިވަންކުރި ކަމަށް އިދިކޮޅު ފަރާތްކުން ވަނީ ތުހުމަތުކޮށްފައެވެ. އެގޮތުން، ކެމްޕެއިން ތެރޭގައި ކުށްވެރިންގެ އާއިލާތަކާ ބައްދަލުކޮށް، އިންތިޚާބުތަކުގައި ސަރުކާރަށް ތާއީދުކޮށްފިނަމަ، ޖަލުގައި ތިބި އެ މީހުންގެ އާއިލާގެ މެންބަރުން މިނިވަންކޮށްދޭނެކަމުގެ ވައުދު ވަމުންދާ ކަމަށް ވެސް އޭރު ތުހުމަތުކުރިއެވެ. އެހެންނަމަވެސް، ސަރުކާރުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ ސަރުކާރުގެ ދުވަސްވަރު ވެސް ބޮޑެތި ކުށްވެރިން ޖަލުން މިނިވަންކޮށްފައިވެއެވެ. އެފަދަ ކުށްވެރިން މިނިވަންކުރަނީ މާފު ދިނުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުގެ ތެރެއިންނެވެ. މިދިޔަ ސަރުކާރުގައި އެފަދައިން ދޫކޮށްލި މީހުންގެ ތެރޭގައި މަސްތުވާތަކެތީގެ ބޮޑުންނާއި، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ޖަލަށްލާފައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ