މިދިޔަ ލޯކަން ކައުންސިލް އިންތިހާބާ ދިމާކޮށް ސިޔާސީ ބޭނުމަކަށް އެއްވެސް ކުށްވެރިއަކު ބަންދުން ދޫކޮށްފައި ނުވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން މިއަދު ވިދާޅުވެއްޖެ އެވެ.
އިހުސާން އެހެން ވިދާޅުވީ، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އައްޑޫ ސިޓީގައި ހިންގި ބޮޑު ޑުރަގް އޮޕަރޭޝަނެއްގައި ހައްޔަރުކުރި ބަޔަކު އިންތިހާބާ ދިމާކޮށް ދޫކޮށްލާފައިވާ ކަމަށް ބުނެ ނޫސްވެރިއަކު ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ، ކޮންމެ މީހަކު ހައްޔަރުކުރި ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ވަކި ޓައިމްލައިންތަކެއް ހިނގަން ފަށާނެ ކަމަށެވެ.
އެގޮތުން އައްޑޫ ޑުރަގް އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންނަށް ދައުވާ ނުކުރާން ނިންމީ ވެސް އެ ޓައިމްލައިންގެ ތެރޭގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާ އުފުލުމާ މެދު ގޮތެއް ނިންމަންޖެހޭ މުއްދަތު ހަމަވިއިރު، ބަންދުގައި ބޭތިއްބޭނެ ގާނޫނީ ސަބަބެއް ނެތުމުން ކަމަށް ވިދާޅުވި އެވެ.
”މީހަކު ހައްޔަރަށް ނަގާ ހިސާބުން ފެށިގެން ޓައިމްލައިނެއް އެބަ ފެށޭ. އެ ޓައިމްލައިން ބައްލަވައިފިއްޔާ އެނގޭނެ މިއީ އިންތިޚާބާ ގުޅުންހުރި ނިންމުމެއް ނޫންކަން. އެއީ ޕީޖީން ދައުވާ އުފުލާނީތޯ ނުވަތަ ބަންދާމެދު ގޮތެއް ނިންމާނީތޯ ކަނޑައަޅަން އޮތް ދުވަސް އެ ހިސާބަށް ދިމާވީމާ ވީކަމެއް،“ އިހުސާން ވިދާޅުވި އެވެ.
އައްޑޫ ސިޓީގައި ފުޅާ ދާއިރާއަކަށް މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށް، އެކަމުން ހޯދާ ފައިސާ ލޯންޑާކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ފަސް މީހަކު ހައްޔަރުކުރި އެވެ. އެއީ:
ޕީޖީ އޮފީހުން ކުރިން ބުނީ، މި މީހުންގެ މައްޗަށް ދެ ތުހުމަތެއް ކުރެވޭ ކަމަށާއި އެއީ ”ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު“ ގެ 720 ވަނަ މާއްދާގެ ދަށުން، ކުށް ކުރާ ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ އިތުރުން ”މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު“ ގެ 53 ވަނަ މާއްދާގެ ދަށުން މަނީ ލޯންޑްރިންގެ ކުށް ކަމަށެވެ. ނަމަވެސް ލޯކަލް ކައުންސިލް އިންތިހާބަށް އެއް މަހެއްވެފައި އޮއްވައި ޕީޖީ އޮފީހުން ވަނީ އެ މީހުން ދޫކޮށްލައިފަ އެވެ.
ސަބަބެއް ކަމަށް ޕީޖީ އޮފީހުން އޭރު ބުނީ، މައްސަލަ ތަހުގީގުކުރުމަށް ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތު ހަމަވުމާ ހަމައަށް ލިބިފައިވާ ހެކި ގަރީނާ ވަޒަންކޮށް ބެލި އިރު، މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުން، ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވިކަން ނުވަތަ މަނީ ލޯންޑާކުރިކަން ގާނޫނުގައި ކަނޑައެޅިފައިވާ މިންގަނޑަށް ސާބިތުކޮށްދެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައި ނެތުމެވެ.
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ ކަމަށް ބުނާ މީހުން ދޫކޮށްލީ އިންތިހާބާ ގުޅިގެނެއް ނޫން: އިހުސާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ