އޭޑީއެޗްޑީގެ ބޭސް ނުލިބޭ މައްސަލައިގައި ބޭސް ކުންފުނީގެ ވެރިން މަޖިލީހަށް ހާޒިރުކޮށްދޭން އެދިއްޖެ
ރާއްޖެއިން ބޭސް ލިބުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާތީ، އެ މައްސަލައާ ގުޅިގެން ކަމާބެހޭ އިދާރާތަކުގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މިއަދު އެދިވަޑައިގެންފިއެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް އެޑްރެސްކޮށް ފޮނުއްވި ސިޓީއެއްގައި ކުޑޫ އެދިވަޑައިގެންފައިވަނީ، ބޭސް އެތެރެކުރުމުގައި ހަރަކާތްތެރިވާ ސަރުކާރުގެ ބޭސްކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ އިތުރުން އަސާސީ ބޭސްތަކުގެ ލިސްޓު މުރާޖައާކުރާ ކޮމިޓީގެ މެންބަރުން ހާޒިރުކޮށްދިނުމަށެވެ. މެންބަރު ކުޑޫ ފާހަގަކުރެއްވި ގޮތުގައި، އޭޓެންޝަން ޑެފިސިޓް ހައިޕާ އެކްޓިވިޓީ ޑިސޯޑާ (އޭޑީއެޗްޑީ) ތަހައްމަލުކުރަމުންދާ ކުދިންނަށް ދެވޭ އެންމެ މުހިންމު ފަރުވާ ކަމުގައިވާ "މެތައިލްފެނިޑޭޓް" ރާއްޖެއިން ފަސޭހައިން ނުލިބޭކަމުގެ ޝަކުވާ އާންމުން ދަނީ ހުށަހަޅަމުންނެވެ. https://sun.mv/220589 މި ބޭހަކީ އެ ކުދިންގެ އާންމު ދިރިއުޅުމަށާއި ކިޔެވުމަށް ބޭނުންވާ އެންމެ އަސާސީ ބޭސް ކަމަށްވާއިރު، އެ ބޭސް ނުލިބުމުގެ ސަބަބުން ކުދިންގެ ހާލަތު ގޯސްވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ އަވައްޓެރި ބައެއް ޤައުމުތަކުގައި ވެސް ބައިނަލްއަގުވާމީ އުޞޫލުތަކާ އެއްގޮތަށް މި ބައްޔަށް ދެވޭ އެންމެ ފުރަތަމަ ފަރުވާއެއްގެ ގޮތުގައި މެތައިލްފެނިޑޭޓް ދަނީ ފޯރުކޮށްދެމުންނެވެ. ރާއްޖެއިން މި ފަރުވާ ނުލިބުމުގެ ސަބަބުން ގިނަ ކުދިންތަކެއް މި ބޭސް ހޯދުމަށް އަވައްޓެރި ޤައުމުތަކަށް ދާންޖެހުމަކީ އެފަދަ އާއިލާތަކަށް ލިބޭ ނިކަމެތިކަމެކެވެ،" ކުޑޫގެ ސިޓީގައި ފާހަގަކޮށްފައިވެއެވެ. https://sun.mv/219430 ރާއްޖޭގައި ބޭސް ނުލިބޭ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އާ ކުންފުންޏެއް އުފައްދައި، އެކި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވީ ނަމަވެސް، އާންމުންގެ ކަންބޮޑުވުންތަކަށް އަދިވެސް ހައްލެއް ލިބިފައިނުވާކަން ފާހަގަކުރެވެއެވެ. މީގެ ކުރިން މިދިޔަ އަހަރުގެ ޑިސެންބަރު މަހު ވެސް ކުޑޫ ވަނީ މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައެވެ. ނަމަވެސް، އެ ފަހަރު ޕީއެންސީގެ މެޖޯރިޓީން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ. މިދިޔަ ދޮޅު އަހަރެއްހާ ދުވަހަކީ ބޭސް ސިޓީއަށް ސަލާން ޖެހުން އަލުން އިއާދަވި ދުވަސްތަކެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުންދާއިރު، މި މައްސަލައިގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ޖަވާބުދާރީވުމަކީ މުހިންމު ކަމެއް ކަމަށް މެންބަރު ކުޑޫ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ