ދައުލަތުގެ އެންމެ މުހިއްމު އެއް މަސްއޫލިއްޔަތަކީ ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށް، އެ ކުދިންނަށް އަމާން އަދި ރައްކާތެރި މުޖުތަމައެއް ބިނާކޮށްދިނުން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ކުށް ކުރުމަށް ކުޑަކުއްޖަކު ބޭނުންކުރި ބަޔަކު ހައްޔަރު ކުރި ހަބަރާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސްގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޑަކުދިން ލައްވާ ކުށް ކުރުވާ، އެ ކުދިންގެ ނަހަމަ ފައިދާ ނަގާ އެއްވެސް މީހަކަށް ފުލުހުން ދޫނުދޭނެ ކަމަށެވެ.
ތަފްސީލް - މިފަދަ ކުށްވެރިންނަށް ގާނޫނީ ގޮތުން ދެވޭނެ އެންމެ ހަރުކަށި އަދަބު ކަނޑައެޅުމަށް ފުލުހުން މަސައްކަތް ކުރާނެ ކަމަށް ސީޕީ ވިދާޅުވި އެވެ.
"މިއީ މުޅި މުޖުތަމައުގެ ބައިވެރިވުން ބޭނުންވާ، އަޅުގަނޑުމެން އެންމެންގެ އިޖުތިމާއީ ޒިންމާއެއް. ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރަމާ ހިންގަވާ،" ނަވީން ވިދާޅުވި އެވެ.
ކުޑަކުއްޖަކު މެދުވެރިކޮށް މަސްތުވާތަކެތި އެއް ތަނުން އަނެއް ތަނަށް އުފުލައި އެ ކުއްޖާ ކުށްކުރުވުމަށް ބޭނުންކޮށް އެކްސްޕްލޮއިޓް ކުރިކަމުގެ ތުހުމަތުގައި މާލެ ސަރަހައްދުން ދެ މީހަކު ހައްޔަރު ކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ.
ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި ޑްރަގް އެންފޯސްމަންޓް އަދި ކައުންޓާ ނާކޮޓިކްސް އިންޓެލިޖަންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކުރީ:
ހަސަން ނުއާޒު، 28، މ. ނާޒްލީމަންޒިލް
އަހުމަދު ނައީމް، 39، ވ. ސެޓެލައިޓް
މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމަށް 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލާގައި އެކްސްޕްލޮއިޓްކޮށްފައިވަނީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެއް ކަމަށް ފުލުހުން ބުންޏެވެ.
ކުޑަކުދިންނަށް އަމާން މާހައުލެއް ޔަގީންކޮށްދިނުމަކީ އެންމެ މުހިއްމު މަސްއޫލިއްޔަތު: ސީޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ