މީހުން ދިރިއުޅެން ދޫކުރި ވިނަރެސް ފްލެޓެއްގައި ފުޅާ ދާއިރާއެއްގައި ލޯންޑްރީގެ ހިދުމަތް ދޭތީ، އެކަން ކަމާ ގުޅޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފި އެވެ.
ވީ ކިހިނެއް؟ - މީގެ ތިން އަހަރެއްހާ ދުވަސް ކުރިން މީހުން ދިރިއުޅެން ފެށި ވިނަރެސް ޓަވަރުގެ ފްލެޓެއްގައި މި ވިޔަފާރި ހިންގާތަން ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ވަނީ އާއްމުވެފަ އެވެ.
ތަފްސީލް - އެ ވީޑިއޯއިން ފެންނަ ގޮތުގައި ފްލެޓްގެ ސިޓިންރޫމާއި ކޮޓަރިތައް މުޅިން ވެސް ބޭނުންކުރަނީ އެ ވިޔަފާރި އަށެވެ.
އެއްޗެހި ދޮންނަ ބޮޑެތި އަށެއްކަ މެޝިން ބަހައްޓާފައި ހުރި އިރު، އިސްތިރިކޮށް ފަށްޖެހުމުގެ ހިދުމަތަށް ވެސް ތަން ހުރީ ފައްކާކޮށްފަ އެވެ. އެއްޗެހި އަޅައި ފުރާފައި ހުރި ގިނަ އަދަދެއްގެ ބޮޑެތި ގޯނިތަކާއި ދެ މީހަކު މަސައްކަތުގައި އުޅޭތަން ވެސް ވީޑިއޯ އިން ފެނެ އެވެ.
އެ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމު ކުރި އެކައުންޓުން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، އެތަނުގައި އެލްޕީޖީ ގޭހުން ހިންގާ އިންޑަސްޓްރިއަލް މެޝިންތައް ހުރުމެވެ. އެއީ އަލިފާނުގެ ނުރައްކާ އޮތް ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ. އެ އެޕާޓްމެންޓަށް މޯލްޑިވް ގޭސްގެ މުވައްޒަފުން ގޭސް ފުޅިތަކެއް ވައްދާ މަންޒަރު ވީޑިއޯއިން ފެނެ އެވެ.
އެނގުން މުހިއްމު - މީހުން ދިރިއުޅޭ އިމާރާތްތަކުގައި މި ފަދަ ވިޔަފާރިތައް ހިންގުމަކީ މަނާ ކަމެކެވެ. ފްލެޓްތަކުގައި މި ފަދަ ހިދުމަތްތައް ދީ، ވިޔަފާރިތައް ހިންގާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިން ވަނީ ބުނެފަ އެވެ.
ގިނަ ބަޔަކު ވަނީ އެޗްޑީސީ އާއި އެތަނުގެ ވެރިން އެ ވީޑިއޯގައި ޓެގްކޮށް، އެ މީހުންގެ ސަމާލުކަމަށް އެކަން ގެނެސްފަ އެވެ. އަދި މިހާތަނަށް އެކަމާ މެދު ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ބުނެ، ގިނަ ބަޔަކު އެކަމާ ނުރުހުން ފާޅު ކޮށްފައި ވެ އެވެ.
ވިނަރެސްގެ މި ފްލެޓުގައި މީހުން ދިރިނޫޅެ ލޯންޑްރީގެ ހިދުމަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ