ރާއްޖޭގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ގުރޫޕު ސްޓޭޖުގެ ފަހު މެޗުގައި ނޭޕާލާއި ދެކޮޅަށް ކުޅުނު މެޗުގައި ދިވެހި ކުޅުންތެރިން ދެއްކި ކުޅުމަށް ނޭޕާލްގެ ކޯޗު އުރްޖަން ޝްރެސްތާ ތައުރީފުކޮށްފިއެވެ.
މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކޯޗު ބުނީ ރާއްޖެ މެޗަށް ނުކުތީވެސް މެޗު ކާމިޔާބުކުރުމުގެ އަޒުމުގައިކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ ޒުވާން ޓީމުންވަނީ މިމެޗުގައި މޮޅު ކުޅުމެއްދައްކާފަޢިކަމަށާއި ވަކިން ޚާއްސަކޮށް ފުރަތަމަ ހާފުގައި ދެއްކި ކުޅުން ފާހަގަކޮށްލަންޖެހޭކަމަށް ކޯޗު ބުންޏެވެ.
"އަހަރުމެން އުންމީދުކުރީ މިމެޗުންވެސް މޮޅެއް ހޯދަން. އެހެންނަމަވެސް ރާއްޖޭގެ ކުޅުންތެރިންވަނީ މޮޅު ކުޅުމެއްދައްކާފަ. ވަކިން ހާއްސަކޮށް ފުރަތަމަ ހާފުގައި ދިވެހި ޓީމު ދެއްކި ކުޅުން ފާހަގަކޮށްލަން. ދެވަނަ ހާފާއިއެކު ނޭޕާލުން މެޗުގެ ކޮންޓްރޯލްނެގި. އެހެންނަމަވެސް ރާއްޖޭގެ ޒުވާން ޓީމުން ނޭޕާލާއި ދެކޮޅަށް ކުޅުނީ މޮޅު ކުޅުމެއް" ކޯޗު ބުންޏެވެ.
މިމެޗާއެކު ރާއްޖެއަށް މުބާރާތާއި އަލްވަދާއު ކިޔަންޖެހުނަސް، ނޭޕާލަކީ މިމުބާރާތުގެ ސެމީގެ ޖާގަ އެންމެ ފުރަތަމަ ކަށަވަރުކުރި ޓީމެވެ. ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗާއި ގުޅޭގޮތުން ކޯޗު އުރްޖަން ބުނީ މެޗުގެ ޕްރެޝަރު ބޮޑަށް އޮތީ ރާއްޖެއަށް ކަމަށްވިޔަސް މެޗުގެ ލީޑު ރާއްޖެއިން ނެގުމާއެކު ނޭޕާލު ޓީމުވެސް ޕްރެޝަރަށް ވެއްޓުނުކަމަށެވެ. އަދި މިމެޗުގައި ބޮޑަށް ވިސްނީ ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދިނުމަށްކަމަށް އޭނާ ބުންޏެވެ.
"މެޗުގަ ބޮޑަށް ޕްރެޝަރުއޮތީ ރާއްޖެއަށް. ރާއްޖެއަށް މިމެޗުން މޮޅެއް ހޯދުން ވަރަށް މުހިންމު. މިމެޗުގައި ބޮޑަށް އިސްކަންދިނީ ގިނަ ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް. ރާއްޖެއިން މެޗުގެ ލީޑު ނެގުމުން ނޭޕާލުވެސް ޕްރެޝަރަށް ވެއްޓުނުތަން ފެނުނު. އެހެންނަމަވެސް ޓީމުން ހިތްވަރުކޮށްވަނީ މެޗު އެއްވަރުކޮށްފަ" ކޯޗު ބުނެފަވެއެވެ.
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ، ގުރޫޕު އޭ އިން ނޭޕާލް ކަށަވަރުކޮށްފައި ވަނީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްގެންނެވެ. އެގޮތުން ނޭޕާލުގެ ޒުވާން ޓީމުވަނީ ކުޅުނު ފުރަތަމަ މެޗުގައި ބޫޓާންގެ މައްޗަށް 2-1 އިން ކުރިހޯދާފައެވެ. އަދި ދެވަނަ މެޗުގައި ލަންކާއާއި ވާދަކޮށް 1-0 އިންވަނީ ބަލިކޮށްފައެވެ. މި ދެ މޮޅާއެކު ނޭޕާލުން ސެމީ ފައިނަލުގެ ޖާގައަކާ ގާތަށް ޖެހިލިއިރު، ސެމީގެ ޖާގައެއް އެ ޓީމަށް ކަށަވަރުވީ ގްރޫޕް އޭގައި ބުދަ ދުވަހުގެރޭ ދިވެހިރާއްޖެއާއި ބޫޓާން ބައްދަލުކުރި މެޗު އެއްވަރުވުމާ ގުޅިގެންނެވެ.
20އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ނޭޕާލުން ރަނގަޅު ނަތީޖާތަކެއް ހޯދަމުން އަންނައިރު، އެގައުމުގެ ފުޓުބޯޅަ އެސޯސިއޭޝަން މިވަގުތު އޮތީ ފީފާގެ ސަސްޕެންޝަނަކާއި ދާދި ގާތުގައެވެ. މި މައްސަލަ ދިމާވެފައިވަނީ އެ ގައުމުގެ ނެޝަނަލް ސްޕޯޓްސް ކައުންސިލުން ނޭޕާލް ފުޓްބޯޅަ އެސޯސިއޭޝަން ތިން މަސް ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކުރުމާއި ވިދިގެންނެވެ. ނެޝަނަލް ސްޕޯޓްސް ކައުންސިލުން ނޭޕާލް ފުޓްބޯޅަ އެސޯސިއޭޝަން ސަސްޕެންޑް ކުރީ އެ ގައުމުގެ ކުޅިވަރާ ބެހޭ ގާނޫނުގެ 29 ވަނަ މާއްދާގެ ދެ ވަނަ ނުކުތާގެ ދަށުގެ ދަށުންނެވެ. އަދި މި ސަސްޕެންޝަނުގެ މުއްދަތުގައި ނޭޕާލުން ފުޓްބޯޅަ އެސޯސިއޭޝަނުން ރާވާ ހިންގާ އެއްވެސް ހަރަކާތަކަށް އެއްބާރުލުން ނުދޭނެ އެވެ.
ނޭޕާލު ކޯޗުގެ ތައުރީފް ރާއްޖޭގެ ޒުވާން ޓީމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ