ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ އެމަނިކުފާނުގެ އަތްޕުޅުން ބާރުތަކެއް ގެއްލިދާނެތީ ކަންކަން ނުކުރައްވާ ދޫކުރައްވާނެ ބޭފުޅެއް ނޫން ކަމަށާއި، އެއީ ރައްޔިތުންނަށް އިހުލާސްތެރި އަދި ތެދުވެރި ވެރިކަމެއް ކުރައްވަމުން ގެންދަވާ ރައީސެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް ކޮންގްރެސް ޕާޓީން ކުރިއަށްގެންދާ ދޮރުން ދޮރަށް ހަރަކާތްތަކުގެ ތެރެއިން ހުޅުމާލެ އުތުރުގައި މިއަދު ކުރިއަށްގެންދިޔަ ކެމްޕެއިން ހަރަކާތުގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން އާރިފް ވިދާޅުވީ ގާނޫނު އަސާސީއަށް ގެންނަން ޖެހޭ މުހިންމު އިސްލާހުތަކެއް ގެނައުމަށް އިދިކޮޅު ފަރާތްތަކުން ވެސް މީގެ ކުރިން ތާއީދު ކުރެއްވި ނަމަވެސް އެފަދަ އެއްވެސް ކަމެއް އެ ފަރާތްތަކުން ކޮށްފައިނުވަނީ ރައްޔިތުންނަށް އެއްވެސް ވަރަކަށް އިހުލާސްތެރިކަމެއް ނެތުމުން ކަމަށެވެ.
އާރިފް ވިދާޅުވީ އެ ފަރާތްތަކުގެ އަތަށް ބާރު އެރުމުން، އެ ބާރު ދޫނުކުރަންވެގެން ކޮންމެ ފަދަ ވާހަކަތަކެއް ދެއްކިނަމަވެސް އަމަލުން އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށެވެ. އަދި ރައީސް މުއިއްޒާއި އެފަރާތްތަކާއި ހުންނެވި ތަފާތަކީ، އެމަނިކުފާނަކީ އެމަނިކުފާނުގެ އަތްޕުޅުން ބާރުތަކެއް ގެއްލިދާނެތީ ކަންކަން ނުކުރައްވާ ދޫކޮށްލައްވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުންނަށް ހެވާއި ލާބަ އޮތް ކޮންމެ ކަމެއްގައިވެސް އެމަނިކުފާނުގެ އަތްޕުޅުން ބާރެއް ދޫކުރައްވަން އޮވެއްޖެނަމަ ދޫކުރެއްވުން ކަމަށެވެ.
އާރިފް ވިދާޅުވީ ރައީސަކަށް ހުންނަވާ ބޭފުޅަކަށް ކޮށްދެވިދާނެ ކަންތައްތަކާއި ގޮތްވެސް ތަފާތު ވާނެ ކަމަށާއި ރައީސް ދޫކުރައްވަނީ އެ ބާރު ކަމަށެވެ. އަދި އެ ބާރު ދޫކުރެއްވުމަށް އެހެން ބޭފުޅަކަށް ކެރިވަޑައިނުގެންނެވި ކަމަށް އާރިފް ވިދާޅުވިއެވެ. އަދި އެބޭފުޅުން ބޭނުންފުޅުވަނީ ތިމާއަތުގައި އެ ބާރު އޮވެގެން ނުކުމެ ދެން އޮންނަ އިންތިހާބަކުން ހުރިހާ ގޮނޑިއެއް ކާމިޔާބުކުރަން ކަމަށް އާރިފް ވިދާޅުވިއެވެ.
އާރިފް ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނިއްޖެ ނަމަ ދެން އަންނަ އިންތިހާބެއް އޮންނާނީ އެއް ދުވަހެއްގައި ކަމަށެވެ. ނަމަވެސް ވޯޓު ލާނީ ދެ ފޮއްޓަކަށް ކަމަށާއި، ވޯޓުލާން ލިބޭނީވެސް ދެ ކަރުދާކޮޅު ކަމަށް އާރިފް ވިދާޅުވިއެވެ.
”އެ ދުވަހު އެ އިންތިހާބަށް ދާއިރު ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވަނީ، ހުންނަވާ ބޭފުޅަކަށް، އެއީ ރައީސް މުއިއްޒަށް މިފަހަރު މިވަނީ. ހުންނަވާ ބޭފުޅަކަށް ކޮން ޔަގީން ކަމެއްހޭ އޮތީ އެ ބޭފުޅަކު އެ ދުވަހު ހޮވިވަޑައިގަންނަވާނެ ކަމެއް. އެހެންވީމާ އެއްވެސް ނުފޫޒެއް ނެތި ރައްޔިތުން ނުކުމެ މަޖިލިސް މެންބަރުން ވެސް އަދި ރައީސުލްޖުމްހޫރިއްޔާވެސް ހޮވަން ލިބޭ މިއަށްވުރެ ޑިމޮކްރެޓިކް ފުރުސަތެއް ކޮބާހެއްޔޭ؟“ އާރިފް ވިދާޅުވިއެވެ.
އާރިފް ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާނަމަ ރައީސަކަށް އަދި މަޖިލިސް މެންބަރުންނަށް ވެސް ހޮވޭނީ ކޮން ބޭފުޅުންނެއް ކަމެއް ނޭނގޭނެއިރު، ނުފޫޒުން އެއްކިބާވެ އިންސާފްވެރިކަމާއެކު ރައީސާއި މަޖިލިސް މެންބަރުން އިންތިހާބުވެގެން ދާނެ ކަމަށެވެ.
އާރިފް ވިދާޅުވީ ފެހި ގާނޫނު އަސާސީގެ ދަށުން ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ރައްޔިތުންނަށްޓަކައި ޒިންމާތައް އަދާކުރައްވާ ރައީސަކަށް މިހާތަނަށް ފެނިވަޑައިގެންނެވީ ރައީސް މުއިއްޒު އެކަނި ކަމަށެވެ.
ރައީސް މުއިއްޒަކީ އެމަނިކުފާނުގެ އަތްޕުޅުން ބާރުތަކެއް ގެއްލިދާނެތީ ކަންކަން ނުކުރައްވާނެ ބޭފުޅެއް ނޫން: އާރިފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ