ޗާގޯސް މޮރިޝަސްއަށް ދިނުން ފަސްކޮށްލައިފި؛ ނަޝީދު ވިދާޅުވީ ފޯޅަވަހި ހޯދުމުގެ ފުރުސަތު ނުގެއްލޭކަމަށް

ޗާގޯސް ރަށްތައް މޮރިޝަސްއަށް ދިނުމުގެ ބިލަށް ވޯޓުދިނުން ފަސްކުރުމަށް އިނގިރޭސިވިލާތުން ނިންމުމާ އެކު، މިއީ ފޯޅަހި ހޯދުމަށް ލިބޭ ފުރުސަތެއްކަން ހާމަވާ ބީދައިން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފި އެވެ.
ވީ ކިހިނެއް؟- އިނގިރޭސިވިލާތާއި މޮރިޝަސްއިން ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކޮށް، އެންމެ ބޮޑު ރަށް ޑިއޭގޯ ގާސިއާގައި ގާއިމުކޮށްފައިވާ އެމެރިކާ-އިނގިރޭސިވިލާތުގެ ވައިގެ މަރުކަޒުގެ ކޮންޓްރޯލް އިނގިރޭސިވިލާތަށް ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަށް ވަނީ ދެ ފަރާތުން ސޮއިކޮށްފަ އެވެ.
އިނގިރޭސިވިލާތުގެ ހައުސް އޮފް ލޯޑްސް އިން، ފޯޅަހި ހިމެނޭ ޗާގޯސް ރަށްތައް މޮރިޝަސްއަށް ދިނުމުގެ އެއްބަސްވުން ފާސްކުރަން ތައްޔާރުވަމުން ދަނިކޮށް، އެއަށް އަމަލު ކުރަން އދ.ގެ ކޮމިޓީއަކުން ވެސް ވަނީ ގޮވާލައިފަ އެވެ. އަދި އެކަމާ ގުޅޭ ގޮތުން އެ ގައުމުގެ ސިޔާސީ ވެރިންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވެފަ އެވެ.
ބުނީ ކީކޭ؟- ބިލަށް ވޯޓު ދިނުން ފަސްކުރުމާ އެކު އެކަން ފާހަގަކުރައްވައި، ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފޯޅަވަހީގެ ސިޔާދަތީ ބެލެނިވެރިކަން ރާއްޖެއަށް ލިބުމުގެ ފުރުސަތު އަދި ގެއްލިގެން ނުދާ ކަމަށެވެ.
ނަޝީދު މިހެން ވިދާޅުވި އިރު، ރައީސް މުހައްމަދު މުއިއްޒު މި ފަހުން  އިނގިރޭސިވިލާތުގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް މޮރިޝަސްއަށް ވުރެ ބޮޑަށް، ޖިއޮގްރަފީ ގޮތުންނާއި ތާރީހީ ގޮތުންނާ އަދި ގާނޫނީ ގޮތުން ވެސް ރާއްޖެއަށް އޮތް ހައްގު ބޮޑު ކަމަށެވެ.
"ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ދެކުނުން އޮންނަ އަދި އަޅުގަނޑުމެން ފޯޅަވަހީގެ ނަމުން ނަންދީފައިވާ ޗާގޯސް އާއި ރާއްޖެއާ ދެމެދު ތާރީހީ ގުޅުންތަކެއްވޭ. މި ގުޅުންތަކަކީ ލިޔެކިޔުންތަކުން ސާބިތުވާން ހުރި ހެކިތަކެއް. އަދި އެހެން އެއްވެސް ގައުމަކަށް ވުރެ ބޮޑަށް މި ޖަޒީރާތަކުގެ މައްޗަށް ދައުވާ ކުރުުމުގެ ހައްގު ރާއްޖެއަށް އޮތް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން،" ރައީސް ވިދާޅުވި އެވެ.
"މިހާރު ވާނީ ރަސްމީ ސިޓީތަކެއްގެ ޒަރީއާއިން އިނގިރޭސި ސަރުކާރަށް މި މައްސަލަ ހުށަހަޅައި އަޅުގަނޑުމެންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައި. އެ މަޝްވަރާތަކުގެ ތަފްސީލު މިވަގުތު ހާމަކުރެވެން ނެތް ނަމަވެސް، ފޯޅަވަހީގެ ސިޔާދަތީ ބާރުގެ މައްޗަށް އެންމެ ވަރުގަދަ ދައުވާއެއް ކުރެވެން އޮތީ ރާއްޖެއަށް ކަމުގެ ފުރިހަމަ އިތުބާރު އަޅުގަނޑަށް އެބަ އޮތް."
އެނގުން މުހިންމު - އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ މައި އޮފީހުގައި 28 އޭޕްރީލް 2024ގައި ވަނީ، ރާއްޖޭން ވަކާލާތުކުރި ގޮތަށް، ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބޮޑަށް ބަލަން ޖެހޭނީ ޗާގޯސްގެ ރަށްތަކުގެ އައްސޭރިފަށުން ފެށިގެން ކަަމަށް ހުކުމްކޮށްފަ އެވެ. އެއާ އެކު، ފުށުއަރާ ސަރަހައްދުން ބޮޑު ބައެއް ރާއްޖެއަށް ލިބުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ