ރައްޔިތުންނާ ސަރުކާރާ މެދަށް އިދިކީލަ ވިސްނުމުގެ ބައެއް ވަންނާކަށް ބޭނުމެއްނޫން: ރައީސް

ރައްޔިތުންނާ ސަރުކާރާ މެދަށް އިދިކީލަ ވިސްނުމުގެ ބައެއް ވަންނާކަށް ބޭނުންފުޅު ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބައް ތައްޔާރުވުމުގެ ގޮތުން ކޮންގްރެސްޕާތީގެ މައި ހަރުގޭގައި ބޭއްވި ހަރަކާތުގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ޤައުމާއި ރައްޔިތުންގެ ލާބައަށް މުހިންމު މަޝްރޫޢުތަކެއް ކުރިއަށްގެންދަން ހުރިއިރު، އެކަންކަން ބާރު ސްޕީޑްގައި ކުރިއަށް ގެންދެވޭނީ ސަރުކާރަށް އެއްބާރުލުންދޭ ބަޔަކު ކައުންސިލްތަކުގައި ތިބެގެންކަމަށެވެ.
އެއާ ހިލާފަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކަށް އެކިކަހަލަ ހުރަސްތައް ކުރިމަތިކޮށް، ތަރައްޤީ މަޑުޖައްސާ ބަޔަކު ހޮވައިފިނަމަ ސަރުކާރުން ރައްޔިތުންނަށް ކޮށްދިނުމަށް ވައުދުވެފައިވާ ކަންކަން ކުރުމަށް ހުއްޓިގެން ހިނގައިދާނޭކަމަށް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ ޤައުމުގައި މިއަދު މިއޮތީ ސިޔާސީ ހަމަޖެހުން ޤާއިމްކުރެވިފައިކަމަށާއި، މި ރާއްޖޭގައި މިހާރު ސިޔާސީ ކުށްވެރިން ނުތިބޭނޭކަމަށެވެ.
އަޅުގަނޑުމެން މިތިބީ ރައްޔިތުންނާ އެކީގައި. މި ސަރުކާރުން މިދަނީ މުއައްސަސާތަކާއި އަދި ރައްޔިތުންނާ ގާތުން މަސައްކަތް ކުރަމުން. އަޅުގަނޑު ވީ ވައުދުތައް އެހުރީ ލިޔެވިފައި. އެކަންކަން އެކި މަރުހަލާތަކުގައި ބާރު ސްޕީޑްގައި ކުރިއަށްދާއިރު، އެކަންކަމުގައި ހިފާ އެކަންކަމުގައި ބާރުއަޅައިދީ ކަންކަމުގައި މަގުފަހިކޮށްދޭނެ ބަޔަކު ކައުންސިލަށް ވައްދަންވާނީ. އެއަށް ހުރަސްއަޅައި އެކިކަހަލަ އުޒުރުތައް ދައްކައި އެކި ހުރަސްތައް ކުރިމަތިކުރުވައި، ތަރައްޤީ މަޑުޖައްސައި، މުޖުތަމައުއަށް ހަމަނުޖެހުން އަނެއްކާ އަނބުރާ ގެނެސްދޭނެ ބައެއްނޫން ބޭނުންވަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މާލެސިޓީ ކައުންސިލްގެ މޭޔަރުކަމުގެ މަޤާމަށް މޫސާ އަލީ ޖަލީލް އަދި މާލެސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމުގެ މަޤާމަށް އައިޝަތު އަލައިކާ ކުރިމަތިލުމަށް އެދުނީ އެމަނިކުފާނުކަމަށެވެ. އެގޮތުން މޫސާ އަލީ ޖަލީލްގެ އަރިހުން މޭޔަރުކަމަށް އެދުނީ އެމަނިކްފާނަކީ ފަސްބައިސާފް އަދި ޤައުމަށްޓަކައި ނުހަނު އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އިތުބާރުހިފޭ ބޭފުޅަކަށް ވާތީކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ޕީއެންސީ ޖަގަހާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ބޯހިޔާވަހިކަމަށް ފަށާފައިވާ މަޝްރޫޢުތައް ކަނޑައެޅިފައިވާ ތާވަލާއެއްގޮތަށް ބާރުސްޕީޑްގައި ކުރިއަށްދާކަމަށް ވިދާޅުވެފައެވެ. އެގޮތުން ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ނިމިފައިވާއިރު، ރަސްމާލެ ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްގޮސް ކަނޑައެޅި ތާރީހަށް ނިންމާލެވޭނޭކަން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފެށުމަށް ދެ ޑްރެޖަރު މިހާރު ތައްޔާރުކޮށް ނިމިފައިވާކަން ރައީސް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ