ދިވެހިރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުން، ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެ ޓީމަށް ސާބަސްދެއްވައި ޝުކުރުއަދާކުރައްވައިފިއެވެ.
މިއަދު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް، ޤައުމީ ޓީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ، އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާކުރެއްވި ޕޯސްޓުގައި ވަނީ، ކުޅިވަރުގެ މައިދާނުގައި ދިވެހި ހިތްވަރުގަދަ ދަރީން ހޯދަމުންދާ ރަން ވަނަތައް އިތުރުވުމަކީ، ޤައުމުގެ މުސްތަޤުބަލަށް އުޖާލާކަން ލިބޭކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ވަކީން ޚާއްޞަކޮށް، ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ބައިނަލްއަޤުވާމީ މިފަދަ މުބާރާތެއްގެ އެއްވަނަ ހޯދުމަކީ ތާރީޚީ ފަޚުރެއްކަމަށާއި، މިއީ ޤައުމީ ރޫޙާއި ޢަޒުމުގައި ހިތްވަރުކޮށް ކާމިޔާބު ހޯދުމުގައި ދެވަނައެއް ނެތް، ރީތި ނަމޫނާއެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މުބާރާތުގައި ޤައުމީ ޓީމުން ހޯދި ކާމިޔާބީއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުހައްމަދު ލަޠީފު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ވަނީ، މި ތާރީޚީ ކާމިޔާބީއަށްޓަކައި، ޤައުމީ ފުޓްސަލް ޓީމަށް ތަހުނިޔާ ވިދާޅުވެ، މި ކާމިޔާބީއަކީ، ޒުވާން އެތުލީޓުންނަށް ލިބޭ ހިތްވަރަކަށް ވާނޭކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.
މި ކާމިޔާބީއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ވަނީ އެކްސްގައި ތަހުނިޔާގެ މެސެޖެއް ހިއްސާކުރައްވާފައެވެ. ޤައުމީ ފުޓްސަލް ޓީމް ދެއްކި މޮޅު ކުޅުމާއި ހޯދި އެއްވަނަ މަޤާމަކީ ދިވެހި އެންމެހާ ރައްޔިތުންނަށް ލިބުނު ފަޚުރަކާއި ޝަރަފެއްގެ ގޮތުގައި ސިފަކުރައްވައި އެކަމަނާވެސް ވަނީ، ޓީމުގެ ހުރިހާ ކުޅުންތެރިންނަށް މަރުޙަބާ ވިދާޅުވެ، ޝުކުރު އަދާކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުން، ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ، އެ ޓީމަށް ސާބަސްދެއްވައި ޝުކުރުއަދާކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ