އަބްދުﷲބެ މި ކިޔައިދެނީ ކޮން ވާހަކައެއް؟ ފެށެނީ ގަލްފު ހަނގުރާމައާ ހިސާބުން
ބޭރު ދުނިޔޭގެ ޚަބަރުތައް ދިރާސާކޮށް އެ މައުލޫމާތު ދިވެހީންނަށް ފޯރުކޮށްދޭ ނަން ހިނގާ ބޭފުޅުންތަކެއް މި މުޖުތަމައުގައި އުޅެއެވެ. އެ ބޭފުޅުންގެ މައުލޫމާތުތައް އާއްމު ރައްޔިތުންނަށް ލިބެނީ ޓީވީ އާއި ރޭޑިއޯގެ އިތުރުން ނޫސްތަކުންނެވެ. ނަމަވެސް މީގެ ދެ އަހަރެއްހާ ދުވަސް ކުރިން, ރަށެއްގެ ޖޯލިފަތީގައި އިނދެ އެ ފަދަ މައުލޫމާތު ފޯރުކޮށްދޭ ދިވެއްސަކަށް އެތައް ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. އެ މީހަކީ, ނ. ހޮޅުދުއަށް އުފަން, މިހާރު އުމުރުން 64 އަހަރުގެ އަބްދުالله މޫސާ (އަބްދުاللهބެ)އެވެ. ކުއްލިއަކަށް އާއްމުންގެ ބޮޑު ސަމާލުކަމެއް އޭނާއަށް ލިބުނީ ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުގައި އޭނާ އެ ދައްކާ ވާހަކަތަކުގެ ސަބަބުންނެވެ. "ޖިއޯ ޕޮލިޓިކްސް" ގެ ވާހަކަ ވަރަށް ޖޯޝާއި ފޯރީގައި އަބްދުاللهބެ މީހުންނަށް ކިޔައިދެއެވެ. ލައްކަ ބަހުސް ކުރެއެވެ. މީހުން އެ ވާހަކަތަކާ ދެކޮޅު ހަދާނަމަ, އެކިއެކި ގައުމުތަކުން ގެންގުޅޭ ހަތިޔާރުތަކުގެ ތަފުސީލާއި ދިފާއު ވުމަށް ގެންގުޅޭ ވަސީލަތްތަކުގެ ނަންތަކާއި އެ ތަކެތީގެ ބާރުގަދަ ކަމުގެ ތަފުސީލުވެސް ދެއެވެ. ބޭރު ދުނިޔޭގެ ކަންކަމަށް އަބްދުاللهބެގެ ޝައުގު އުފެދުނީ, އަދި އެ މައުލޫމާތު އެއްކުރަން ފެށީ މި ފަހަކުން ނޫނެވެ. މި ދަތުރަށް 36 އަހަރު ވެއްޖެއެވެ. އޭނާ ހިތް މިކަމަށް އެދެން ފެށީ, 1990 ވަނަ އަހަރު އިރާގުން ކުވައިތަށް އެރުމާގުޅިގެން ފެށުނު ގަލްފު ހަނގުރާމައިގެ ސަބަބުންނެވެ. ނަވާރަ ސަރޭކަ ނުވަދިހަ ވަނަ އަހަރުގެ އޮގަސްޓު މަހުގެ ދެ ވަނަ ދުވަހު، ސައްދާމް ހުސައިންގެ ވެރިކަމުގައި އިރާގު ސިފައިން އަވަށްޓެރި ކުވައިތަށް އަރައި އެ ގައުމު ހިފުމާ ގުޅިގެން ފެށުނު ގަލްފު ހަނގުރާމައަކީ ޒަމާނީ އަސްކަރީ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ ވަރުގަދަ އެއް ހަމަނުޖެހުމެވެ. އީރާނާއި އިރާގާ ދެމެދު ކުރެވުނު އަށް އަހަރުވީ ދިގު ހަނގުރާމައިގެ ސަބަބުން އިރާގުގެ އިގުތިސާދު އަޑިއަޅާލައި، ބޮޑެތި ދަރަނިތަކެއް އުފެދިފައި އޮތުމަކީ ކުވައިތުގެ ތެލުގެ މުއްސަނދިކަމަށް އިރާގުން ދަހިވެތިވި މައިގަނޑު ސަބަބެވެ. އިރާގުގެ މި އަމަލު އދ.ގެ ސަލާމަތީ މަޖިލީހުން ކުށްވެރިކޮށް، ކުވައިތުން ފޭބުމަށް މުހުލަތެއްދިނެވެ. ނަމަވެސް އެކަމަށް އިޖާބަނުދިނުމުން، އެމެރިކާ އިސްވެ އޮވެ 35 ގައުމެއް ހިމެނޭ ބައިނަލްއަގުވާމީ ކޯލިޝަނެއް އެކުލަވާލައި، ސައުދީ އަރަބިއްޔާގެ ދިފާއުގައި "އޮޕަރޭޝަން ޑެޒާޓް ޝީލްޑް"ގެ ނަމުގައި ލަޝްކަރުތައް ޖަމާކުރަން ފެށިއެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔޭގައި އެކުލަވާލެވުނު އެންމެ ބޮޑު އަސްކަރީ ކޯލިޝަނެވެ. "އެމެރިކާއިން އިރާގަށް ދޭ ކޮންމެ ހަމަލާއަކުން ދިފާއު ވެވޭނެ ކަމަށް ގައުމާ މުހާތަބުކޮށް ސައްދާމް ހުސައިން އޭރު ވިދާޅުވި ހިސާބުން އޭރު މިކަމަށް ބޮޑަށް ޝައުގުވެރިވީ. ހަމަ ބޭނުންވީ އެ ކަންތައްތައް ހިނގާ ގޮތް ބަލަން," އެ ހަނގުރާމައާއެކު އަބްދުاللهބެ ހިތުގައި ލައްކަ ސުވާލު އުފެދުނެވެ. ހަނގުރާމައިގެ މައިދާނުގައި އެމެރިކާގެ ގާބިލުކަމާއި އިރާގުގެ ގާބިލުކަމާ އަޅާކިޔަން ބޭނުންވިއެވެ. ބޭނުން ކުރާ ހަތިޔާރާއި އުކުޅުތައް އެނގެން ބޭނުންވިއެވެ. ނަމަވެސް އެ ޒަމާނަކީ މިހާރު ކަހަލަ މައުލޫމާތު ހޯދަން ފަސޭހަ ޒަމާނެއް ނޫނެވެ. އޭރު ހަމައެކަނި ބަރޯސާވާން ޖެހެނީ ދިވެހި ރާއްޖޭގެ އަޑުން ފޮނުވާ މައުލޫމާތަށެވެ. އެހެންކަމުން އަބްދުاللهބެ އޭރުވެސް ދިޔައީ ޝައުގުވެރިކަމާއެކު އެ މައުލޫމާތުތައް ރޭޑިއޯގެ އެހީގައި ހޯދައި ނޯޓް ކުރަމުންނެވެ. ފޮތެއްގައި ނޯޓް ކުރަމުން ދިޔައީ މުހިންމު ކަމެއް ހަނދާން ނެތިދާނެތީއެވެ. "ނޯޓް ކުރަން އޭރުވެސް. އެކަމަކު އަޅުގަނޑު ވަރަށް ހަނދާންގަދަ އޭރުވެސް. އެހެންވީމައި ފަސޭހަ. އެކަމަކު ހުރިހާ އެއްޗެއް ހަނދާން ނުހުންނާނެތީ ނޯޓް ކުރަނީ," އެހާ ހިސާބުން ފެށިގެން ރޭޑިއޯ ޚަބަރުންނާއި ދުވަހު ނޫސްތަކުން މައުލޫމާތު އެއް ކުރަމުން ގެންދަނިކޮށް ރާއްޖެއަށް ވެސް ޓީވީ ތައާރަފު ވުމާއެކު އަދި އިތުރު ލުއިތައް އަބްދުاللهބެއަށް ލިބުނެވެ. އެއީ މަންޒަރާއި އަޑާއެކު ބޭރު ދުނިޔޭގެ ޚަބަރުތައް ލިބެން ފެށުމެވެ. އަބްދުاللهބެއަކީ އެންމެ ކުރީންސުރެ ވެސް އާމްދަނީ ހޯދުމަށް މަހަށް ގޮސް އުޅޭ މީހެކެވެ. ގިނަ ދުވަސްތަކެއް ވަންދެން ބޮޑު ކަންނެލީގެ މަސްވެރިކަމުގައި ވެސް އުޅުނެވެ. މިހާރު ދަނީ ފަރުމަހަށެވެ. އެހެންވެ ގިނަ ވަގުތު އުޅެން ޖެހެނީ ކަނޑުމަތީގައެވެ. އޭގެ ތެރޭގައި މުއާސަލާތީ ޚިދުމަތެއްގެ ރޭންޖު ނުލިބޭ ހިސާބުތައް ގިނައެވެ. ނަމަވެސް ކިރިޔާ ވެސް ރޭޑިއޯ ހުޅުވާލެވޭ ހިސާބަކަށް ގޮސް ހުސް ވަގުތެއް ވެއްޖެނަމަ އަބްދުاللهބެ މައުލޫމާތު އެއް ކުރެވޭތޯ ބަލައެވެ. ފަހުން އިންޓަނެޓްގެ ޒަމާނާއެކު އަބްދުاللهބެއަށް ވެސް ހިތަކަށް މައުލޫމާތު ހޯދެން ފެށިއެވެ. ނަމަވެސް އޭނާއަކަށް އިނގިރޭސި ބަހެއް ވެސް އަދި އަރަބި ބަހެއް ވެސް ނޭނގެއެވެ. އެހެންވެ މައުލޫމާތު ހޯދާ އެންމެ ބޮޑު ވަސީލަތަކީ ތިމާގެ ކުއްޖެއް ކައިރި, އުފެދޭ ސުވާލުތައް އަހައިގެންނެވެ. ކުރިން ކައިވެންޏެއް ކުރި ނަމަވެސް ދަރިޔަކު އަދި ލިބިފައި ނުވާ އަބްދުاللهބެއަށް އެ ތިމާގެ ކުއްޖާ ވަރަށް ރަނގަޅެވެ. އަބްދުاللهބެ އެ ދޭ މައުލޫމާތުތަކާއި އޭގެ އިތުރުން ވެސް މައުލޫމާތު ހޯދުމަށް ފަހު އަބްދުاللهބެއަށް ކިޔައިދެއެވެ. "ފޭސްބުކާއި ނެޓުން ބަލަން ވެސް ދަސްކޮށްދީފަ ވަނީ. އެހެންވެ ވީޑިއޯ އެއްޗެހި އޭގެން ވެސް ބަލަން އަޅުގަނޑު." މީގެ ކުރިން އަބްދުاللهބެ އެ މައުލޫމާތުތައް އެއް ކުރަމުން ދިޔައީ އަމިއްލަ ޝައުގަށެވެ. ނަމަވެސް މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ފެށިގެން ޖޯލިފަތިތަކުގައި މީހުންނަށް އެ މައުލޫމާތުތައް ދޭން އޭނާ ވަނީ ފަށައިފައެވެ. ރާއްޖޭގެ ގިނަ ބަޔަކަށް އަބްދުاللهބެ އެނގުނީ އެގޮތަށް ކިޔައި ދޭ ވީޑިއޯތައް ބައެއް މީހުން ސޯޝަލް މީޑިއާއަށް ލާން ފެށި ހިސާބުން އެ ވައިރަލް ވެގެންނެވެ. ބޭރު ދުނިޔޭގެ މައުލޫމާތު ފޯރުކޮށްދޭ ދިވެހީންގެ ތެރެއިން އަބްދުاللهބެއަށް އެންމެ ކަމުދަނީ, ދައުލަތުގެ މީޑިއާ އާއި ސަން އޮންލައިންގައި މަސައްކަތް ކުރައްވާ މުހައްމަދު ޖަވާދު ޔޫސުފެވެ. ޖަވާދުގެ ފަރާތުން އަބްދުاللهބެ ބޭނުންވާ ވަރަށް ގިނަ މައުލޫމާތު ލިބެއެވެ. އެމެރިކާ އާއި އިސްރާއީލުން އިސްވެ އީރާނަށް ހަމަލާ ދިނުމުގެ ސަބަބުން މިހާރު މި ހިނގާ ހަނގުރާމައާ ގުޅިގެން އަބްދުاللهބެ ދެކޭގޮތުގައި އެމެރިކާ މިވަނީ އީރާނުގެ ކުރިމަތީގައި ވަރަށް ބޮޑަށް ބަލިވެފައެވެ. އަދި މި ހަނގުރާމަ ކާމިޔާބު ކުރާނީ އީރާނުން ކަމާއި އެންމެ ބޮޑު ބައްޔެއް ވާނީ މި ފަހަރު އެމެރިކާ ކަމަށް އަބްދުاللهބެ ދެކެއެވެ. "އީރާނުގެ ވަރަށް ކުރީގެ ރައީސެއް ކަމަށްވާ އަކުބަރު ހާޝިމީ ރަފްސަންޖާނީ ވިދާޅުވެފައިވާނެ އެމެރިކާއިން އީރާނަށް ހަމަލާއެއް ދީފިނަމަ އެމެރިކާގެ ރައްޔިތުން ނުވަތަ އެމެރިކާ ސިފައިން ލޭކޯރުތަކުގެ ތެރޭގައި ފަތަން ޖެހޭވަރު އީރާނުން ކުރާނެ ކަމަށް. އެއީ ތެދު ވާހަކައެއް. މި ފަހަރު އެކަން ފެންނާނެ," "ކޮންމެ ގޮތެއް ވިޔަސް އެމެރިކާއަށް އީރާނާ ކުޅުމުގެ މާ ބޮޑު ބާރުތަކެއް މިހާރަކު ނެތް." ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މައުލޫމާތު އެއް ކުރުމުގައި އެ ހޭދަ ކުރި ދިގު މުއްދަތުގެ ތެރެއިން އަބްދުاللهބެއަށް އެންމެ ކަމުދާ, އަދި އޭނާ ގަބޫލު ކުރާގޮތުގައި އެންމެ ބާރުގަދަ ގައުމަކީ ރަޝިއާއެވެ. ހަތިޔާރުގެ ގޮތުން ބެލި ނަމަވެސް, ހަނގުރާމައިގެ އުކުޅުތަކަށް ބެލި ނަމަވެސް އެންމެ ވަރުގަދަ ދުނިޔޭގެ ބާރަކީ ރަޝިއާ ކަމަށް އަބްދުاللهބެ ދެކެއެވެ. ބޭރު ދުނިޔޭގެ މައުލޫމާތު އެއްކުރުމުގެ އިތުރުން އެ މައުލޫމާތު ގިނަ ބަޔަކަށް ކިޔައިދޭން އަބްދުاللهބެ މިހާރު ވަރަށް ބޭނުންވެއެވެ. އެއީ އެމެރިކާއަށް ތާއީދު ކުރާ ނުވަތަ އެމެރިކާއަކީ ބާރުގަދަ ބައެއް ކަމަށް ގަބޫލު ކުރާ ދިވެހީން އުޅޭތީ އެއީ ހަގީގަތް ނޫންކަން ބުނެ ދިނުމަށް ކަމަށް, އަބްދުاللهބެ ބުންޏެވެ. އޭނާ ބުނީ އެ މަސައްކަތުގައި ދެމި ހުންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ