މަދު ދުވަސްކޮޅެއް ތެރޭ އައްޑޫން ސްވައިޕަށް ބޮޑު ތަރުހީބެއް

ގައުމީ ބޭންކު، ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓު "ސްވައިޕް" އައްޑޫ ސިޓީގެ ގާތްގަނޑަކަށް ހުރިހާ ވިޔަފާރިއަކުން ބަލައިގަންނަން ފަށައިފިއެވެ. ސްވައިޕް އައްޑުއަށް ތައާރަފުކުރުމުގެ ގޮތުން ރޭ އައްޑޫ ހިތަދޫ ސްކޫލްގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހްސާނާއި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ބައިވެރިވެވަޑައިގެންނެވިއެވެ. އެ ރަސްމިއްޔާތުގައި ޝަރީފް ދެއްކެވި ވާހަކަފުޅުގައި ވަނީ، ސްވައިޕުން ކަސްޓަމަރުންނަށް ވަގުތުން ފައިސާ ފޮނުވޭނެ ކަމަށާއި ކޮންމެ ގައުމަކުން ވެސް ތަފާތު ގައުމުތަކުގެ ފައިސާ އެކައުންޓަށް ލިބިގަނެވޭނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ދުނިޔޭ ކޮންމެ ބޭންކަކުން ދޫކޮށްފައިވާ ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ބޭނުންކޮށްގެން ވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ބީއެމްއެލްގެ ސީއީއޯ ޝަރީފް: މަދު ދުވަސްކޮޅެއް ތެރޭ އައްޑޫން ސްވައިޕަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައި -- ފޮޓޯ/ ބީއެމްއެލް "ސްވައިޕް މެދުވެރިކޮށް ކަސްޓަމަރުން ފައިސާ ދެއްކުމުން ވަގުތުން އެ ވިޔަފާރިއަކަށް ފައިސާ ޖަމާވާނެ. މާނައަކީ އެއީ ބަންދު ދުވަހެއް ކަމަށް ވިޔަސް ސްވައިޕް މެދުވެރިކޮށް ތަނަކަށް ފައިސާ ދައްކައިފި ނަމަ އެ ފައިސާއެއް ވަގުތުން ޖަމާވާނެ،" ޝަަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސްވައިޕަކީ ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ރަސްމީ ވޮލެޓް ކަމަށް ވިދާޅުވެފައެވެ. އެގޮތުން ރާއްޖެ އަންނަ ޓޫރިސްޓުން އެހެން ވޮލެޓުތަކާއި ކްރެޑިޓް ކާޑުން ފައިސާ ދައްކާއިރު މިހާރު 2.5 ޕަސެންޓަށް ވުރެ މަތިން ކޮމިޝަން ނެގި ނަމަވެސް ސްވައިޕް މެދުވެރިކޮށް ކުރާ މުއާމަލާތްތަކުން ނަގާނީ އެންމެ ޕަސެންޓެއްކަން ޝަރީފް ފާހަގަކުރެއްވިއެވެ. ޕޭޕަލް، ވައިސް ފަދަ ދުނިޔޭގެ އެހެން ވޮލެޓުތައް މެދުވެރިކޮށް ރާއްޖޭގެ ކަންކަމަށް ފައިސާ ދައްކާއިރު ޗާޖުތަކެއް ނަގާ. ބައެއް ފަހަރު 100 ޑޮލަރަށް ޗާޖުގެ ގޮތުގައި 15 ޑޮލަރު ނަގާ. އެކަމަކު ސްވައިޕް މެދުވެރިކޮށް ޕާސަނަލް ވޮލެޓަށް ރާއްޖެއިން ބޭރުން ގެންނަ ފައިސާއަށް އެއްވެސް ފީއެއް ނުނަގާނެބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ޝަރީފް ވިދާޅުވީ ސްވައިޕްއަކީ، ފްރީލާންސަރުންނާއި އޮންލައިންކޮށް ވިޔަފާރިކުރާ މީހުންނަށް އެކި ގައުމުތަކުގެ ކްލައިންޓުން ނުވަތަ ކަސްޓަމަރުންގެ ފަރާތުން ފައިސާ ލިބިގަތުމަށް ފަސޭހަކޮށްދޭނެ ވޮލެޓެއް ކަމަށެވެ. މި ވޮލެޓަކީ، ދުނިޔޭގެ ޑިޖިޓަލް މާލީ ބާޒާރުގައި ރާއްޖެއާއި ރާއްޖޭގެ ފިންޓެކްގެ ހުނަރުވެރިކަން ދައްކުވައިދޭ އުފެއްދުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އަދި މިއީ މި ސަރަހައްދުގެ އެންމެ މޮޅު ޑިޖިޓަލް ބޭންކަށް ވުމުގެ ލަނޑުދަނޑި ހާސިލްކުރުމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. ސްވައިޕްއަކީ ދިވެހީން އުފައްދައި ތަރައްގީކޮށްފައިވާ 100 ޕަސެންޓު ދިވެހި އުފެއްދުމެކެވެ. މި ޑިޖިޓަލް ވޮލެޓް ފަރުމާކޮށްފައިވަނީ ރާއްޖޭގެ އިތުރުން، ފައިސާގެ މުއާމާލާތް ހިންގުމުގައި ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ ޝަރުތުތަކާއި މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށް ކަމަށް ބީއެމްއެލްއިން ބުނެއެވެ. އެ ވޮލެޓުގެ މައިގަނޑު ފީޗާތަކުގެ ތެރޭގައި ޕާސަން-ޓު ޕާސަން ޓްރާންސްފާތަކާއި ކިއުއާރް ޕޭމަންޓް އަދި އެކައުންޓުން ކުރާ ޚަރަދުތަކުގެ ތަފާސްހިސާބުތައް އަމިއްލައަށް ބަލާލެވޭނެ ގޮތާއި، ޕޭމަންޓް ލިންކް ޝެއާކޮށް، ފަސޭހައިން ޓޮޕް އަޕްކޮށް ފައިސާ ނެގުން ފަދަ ޚިދުމަތްތައް ހިމެނެއެވެ. ބީއެމްއެލްއިން ސްވައިޕް ތައާރަފު ކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ