ސަރުކާރު ބަދަލުވި ފަހުން އަމަލީ މަސައްކަތް ހުއްޓުނު 400 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެފައިވާކަމަށް އެ މަޝްރޫއު އަލުން ހަވާލުކުރި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ބުނެފި އެވެ.
ކުޅުދުއްފުށީގައި އިމާރާތް ކުރަން ފެށި މި 400 ހައުސިންގ ޔުނިޓްގެ މަސައްކަތަކީ ކުރީގެ ސަރުކާރު ފެށި މަޝްރޫއެކެވެ. އެހެންނަމަވެސް އެ ސަރުކާރުގެ ދުވަސްވަރުވެސް އެ މަޝްރޫއު ކުރިއަށްދިޔައީ ވަރަށް މަޑުދުވެލީގައި އެވެ. އެކަމަކު މިސަރުކާރު ބަދަލުވުމަށްފަހު އެ މަޝްރޫއު ހުއްޓުނީ އެވެ.
އެ މަޝްރޫއު އަލުން ފަށަން އެކި ތާރީހްތައް ދިނުމަށްފަހު އެ މަޝްރޫއުގެ ކޮންޓްރެކްޓަރު، ދޮންބޭޒް ކުންފުނިން ސަރުކާރަށް އެއްބާރުލުން ނުދޭކަމަށް ބުނެ އެއްބަސްވުން ބާތިލުކޮށް މަޝްރޫއު އަލުން ހަވާލުކުރީ އެޗްޑީސީއާ އެވެ.
އެޗްޑީސީން ކުރި ޕޯސްޓެއްގައި ބުނީ، 400 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތަށް ބޭނުންވާ ތަކެތި ކުޅުދުއްފުއްޓަށް ގެނެސް، މަސައްކަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރުކުރަމުންދާ ކަމަށެވެ.
މި 400 ހައުސިން ޔުނިޓުގައި ހިމެނެނީ ތިން ކޮޓަރީގެ އެޕާޓްމަންޓަތެކެކެވެ. އެއީ 11 ބުރިއަށް އަޅާ ފަސް ޓަވަރެވެ.
ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ހޯދުމަށް 2،000 ހައުސިން ޔުނިޓް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވައުދުވެވަޑައިގަތެވެ. އެ މަޝްރޫއު އެޗްޑީސީއާ ހަވާލުކޮށްފައިވާއިރު އެކަމުގެ އަމަލީ މަސައްކަތް އަދި ފެށިފައެއް ނުވެ އެވެ.
ހުއްޓިފައިވާ 400 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ