ބީއެމްއެލްގެ ސްވައިޕް އައްޑޫގައި ތައާރަފުކޮށްފި

ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓު، ސްވައިޕް އައްޑު އަތޮޅުގައި ރޭ ތައާރަފުކޮށްފި އެވެ.
ވީ ކިހިނެއް؟ - ރޭ އައްޑޫގައި ބޭއްވި ރަސްމިއްޔާތެއްގައި ސްވައިޕްގެ ހިދުމަތް އެ ތޮޅުގައި ތައާރަފުކުރި އިރު އައްޑޫގެ ގިނަ ވިޔަފާރިތަކުން މިހާރު ސްވައިޕްގެ ހިދުމަތް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ތަފްސީލް - އެ ހިދުމަތް ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ޑިޖިޓަލް އިގްތިސޯދެއް ގާއިމްކުރުމަށް އޮތް އެންމެ މުހިއްމު އެއްކަމަކީ ހަރުދަނާ އޮންލައިން ޕޭމެންޓް ނިޒާމެއް ގާއިމްކުރުން ކަމަށެވެ.
ރާއްޖެ އަށް ބޭނުންވާ ޕޭމެންޓު ނިޒާމަކީ ސްވައިޕް ކަމަށާއި ސްވައިޕް އަކީ %100 ދިވެހިން އުފައްދާފައިވާ ދިވެހިންގެ އުފެއްދުމެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.
މިއީ ރާއްޖޭގެ ރެގިޔުލޭޓަރީ މިންގަނޑުތަކާއި އިންޓަނޭޝަނަލް ޕޭމެންޓް ސްޓޭންޑަޑްތަކާ އެއްގޮތަށް ތަރައްގީކޮށްފައިވާ އުފެއްދުމެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.
"މިއީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ފަސޭހަކަމާ އެކު އަވަހަށް އަދި ރައްކާތެރިކަމާ އެކު ފައިސާގެ މުއާމަލާތް ކުރެވޭނެ މަލްޓިކަރަންސީ ޑިޖިޓަލް ވޮލެޓެއް. މި ވޮލެޓަކީ ދުނިޔޭގެ ޑިޖިޓަލް މާލީ ބާޒާރުގައި ރާއްޖެ އާއި ރާއްޖޭގެ ފިންޓެކް ހުނަރުވެރިކަން ދައްކުވައިދޭ އުފެއްދުމެއްވެސް މެ،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސްވައިޕް އަކީ މި ސަރަހައްދުގެ އެންމެ މޮޅު ޑިޖިޓަކް ބޭންކަށް ވުމުގެ ލަނޑުދަނޑު ހާސިލްކުރުމަށް ބީއެމްއެލް އިން ކުރާ މަސައްކަތަށް ލިބުނު މުހިއްމު ކުރިއެރުމެއް ކަމަށެވެ.
ސްވައިޕް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ވަގުތުން ފައިސާ ފޮނުވާ، ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް އެމީހުންގެ މަލްޓި ކަރަންސީ އެކައުންޓަށް ފައިސާ ލިބިގަނެވޭނެ އެވެ.
މީގެ އިތުރުން:
އެކައުންޓުން ކުރާ ހަރަދުތަކުގެ ތަފާސްހިސާބުތައް އަމިއްލަ އަށް ބަލާލެވޭނެ
ދުނިޔޭގެ ކޮންމެ ބޭންކަކުން ދޫކޮށްފައިވާ ޑެބިޓް، ކްރެޑިޓް ނުވަތަ ޕްރިޕެއިޑް ކާޑު ބޭނުންކޮށްގެން ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ
ބީއެމްއެލްގެ އެކައުންޓުތަކަށް ފައިސާ ފޮނުވާ، އެ އެކައުންތުތަކުން ފައިސާ ނެގޭނެ
ސްވައިޕް މެދުވެރިކޮށް ޕާސަނަލް ވޮލެޓަށް ރާއްޖެއިން ބޭރުން ގެންނަ ފައިސާއަށް އެއްވެސް ފީއެއް ނުނަގާނެ
ވިޔަފާރިތަކަށް ކަސްޓަމަރު ފައިސާ ފޮނުވުމުން ވަގުތުން ފައިސާ ޖަމާވާނެ
އެނގުން މުހިއްމު - ސްވައިޕް އަކީ ބޭރުގެ އެހެން ވޮލެޓުތަކުގެ ބަދަލުގައި ބޭނުންކުރެވޭނެ، ޑިޖިޓަލް ވޮލެޓެކެވެ. މިއީ ފްރީލާންސަރުންނާއި އޮންލައިން ވިޔަފާރި ކުރާ ފަރާތްތަކުން އެކި ގައުމުތަކުގެ ކްލަޔަންޓުން ނުވަތަ ކަސްޓަމަރުންގެ ފަރާތުން ފައިސާ ލިބިގަތުމަށް އޮތް ދޮރެކެވެ.
ރާއްޖޭގެ ރަސްމީ ވޮލެޓުގެ ގޮތުގައި ސްވައިޕް ހަމަޖައްސާފައިވާ އިރު ބީއެމްއެލްގެ ސީއީއޯ ވިދާޅުވީ ސްވައިޕް އަކީ ރާއްޖެ އަންނަ ފަތުރުވެރިންނަށް ރާއްޖޭގައި ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ ރަސްމީ ވޮލެޓު ކަމަށެވެ.
އޭނާ ވިދާޅުވީ
ފަތުރުވެރިން އެހެން ވޮލެޓުތަކުން އަދި ކްރެޑިޓް ކާޑުން ފައިސާ ދައްކާއިރު %2.5 އަށް ވުރެ މަތިން ކޮމިޝަނެއް ނެގި ނަމަވެސް ސްވައިޕުން ހަދާ ޓްރާންސެކްޝަންތަކުން ނަގާނީ %1
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ