ޗާގޯސް ލިބުން އެންމެ ހައްގީ ރާއްޖެއަށް، ކަންބޮޑުވުންތައް އިނގިރޭސި ސަރުކާރާ ވާނީ ހިއްސާކޮށްފައި: މުއިއްޒު ޗާގޯސް ލިބުން އެންމެ ހައްގީ ރާއްޖެއަށް، ކަންބޮޑުވުންތައް އިނގިރޭސި ސަރުކާރާ ވާނީ ހިއްސާކޮށްފައި: މުއިއްޒު

ޗާގޯސް ޖަޒީރާގެ ސިޔާދަތީ ބާރު އޮތުން އެންމެ ހައްގު ގައުމަކީ ރާއްޖެ ކަމަށާއި އިނގިރޭސިވިލާތުން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލި މައްސަލައާ ގުޅިގެން ރާއްޖޭގެ ކަންބޮޑުވުންތައް އިނގިރޭސި ސަރުކާރާ ހިއްސާކޮށްފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ޖަޒީރާ ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރު ރާއްޖެއަށް ލިބުން މާ ހައްގު ކަމަށް ވިދާޅުވެ، އިނގިރޭސިވިލާތުގެ ސަރުކާރަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށް މުއިއްޒު މީގެ ކުރިން ވެސް ވިދާޅުވި އެވެ. އެ ސިޓީ ރައީސް އޮފީހުން ސިއްރުކުރިއިރު މެއި، 2025، ގައި މޮރިޝަސްއާ ޗާގޮސް ހަވާލުކުރީ އެ ސިޓީއަށް އިޖާބަ ދިނުމެއް ނެތި އެވެ.
އިނގިރޭސިވިލާތުގެ "ދަ އެކްސްޕްރެސް" އަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވަނީ އެ މައްސަލައާ ގުޅިގެން ރާއްޖޭގެ ދައުވާ އާއި ކަންބޮޑުވުންތައް ވަރަށް ރަނގަޅަށް އިނގިރޭސި ސަރުކާރަށް އެނގޭނެ ކަމަށް ވިދާޅުވެފަ އެވެ.
""ފޯޅަވަހި އާ ރާއްޖެއާ ދެމެދު ތާރީހީ ގުޅުންތަކެއްވޭ. މި ގުޅުންތަކަކީ ލިޔެކިޔުންތަކުން ސާބިތުވާ ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ކަންކަން. އަދި މި ކަމުގެ ސަބަބުން އެހެން އެއްވެސް ގައުމަކަށްވުރެ ބޮޑަށް، އެ ތަނުގެ މައްޗަށް ދިވެހިރާއްޖެއަށް އޮތް ހައްގު ބޮޑުކަމަށް އަޅުގަނޑުމެން ގަބޫލުކުރަން،" މުއިއްޒު ވިދާޅުވި އެވެ.
މޮރިޝަސްއަށް ޗާގޯސް ދޫކޮށްލުމާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕު ވެސް ވަނީ ވާހަކަ ދައްކަވާފަ އެވެ. އެއީ އިނިގިރޭސިން ކުރާ މޮޔަކަމެއްގެ ގޮތުގައި ޓްރަމްޕު ސިފަކުރެއްވި އެވެ.
މުއިއްޒު މިގޮތަށް ވިދާޅުވެފައިވީ ނަމަވެސް އިނގިރޭސި ސަރުކާރުގެ ތަރުޖަމާނު ވަނީ މޮރިޝަސްއާއެކު ވެފައިވާ އެއްބަސްވުމަށް އިނގިރޭސި ސަރުކާރުން އަމަލުކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
"ނިންމުމަށް އެއްވެސް ބަދަލެއް ނާދޭ. މި އެއްބަސްވުމުގެ ސަބަބުން، ކުރިއަށް އޮތް ޖީލުތަކަށް އެމެރިކާ އާއި އިނގިރޭސިވިލާތުގެ ގުޅިފައިވާ އަސްކަރީ މަރުކަޒުގެ އޮޕަރޭޝަންތައް ކަށަވަރުވެގެންދާނެ،" ކިއެ ސްޓާމާ ސަރުކާރުގެ ތަރުޖަމާާނު ވިދާޅުވި އެެވެ.
އިނގިރޭސިވިލާތުން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޭން އެއްބަސްވީ އދ. އިން އެދެމުންދާތާ އެތައް އަހަރެއް ފަހުންނެވެ. އެގޮތަށް އެކަން ކުރުމަށް އަންގާ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން ވަނީ އެޑްވައިޒަރީ އޮޮޮޕީނިއަންއެއް ދީފަ އެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ވެސް ވަނީ ނިންމާފަ އެވެ. އެ ނިންމުމަށް ރިއާޔަތްކޮށް ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލާގައި ރާއްޖެއާ ޗާގޯސް ޖަޒީރާއާ އާ ދެމެދުން ފުށޫއަރާ ކަނޑުގެ ސަރަހައްދު އެ ކޯޓުން ބައި ކުރީ އިކިއިޑިސްޓެންސްގެ ހަމައިންނެވެ.
ޗާގޯސްގެ ހުރިހާ ރަށްތަކެއްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ އެއްބަސްވުމުގައި ސޮއިކުރީ މެއި 2025، ގަ އެވެ. ނަމަވެސް އެ ރަށްތަކުގެ ތެރެއިން ޑިއޭގޯ ގާސިއާ 99 އަހަރަށް އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުން ކުރުމުގެ ހުއްދަ އެމެރިކާ އާއި އިނގިރޭސިވިލާތަށް އެ އެއްބަސްވުމުގެ ދަށުން ލިބޭނެ އެވެ.
އެ އެއްބަސްވުމުގެ ދަށުން އަހަރެއްގެ މައްޗަށް އެވެރެޖު ގޮތެއްގައި 101 މިލިއަން ޕައުންޑް މޮރިޝަސްއަށް އިނގިރޭސިވިލާތުން ދައްކާނެ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީގެ މަސްދަރަކާ ހަވާލާދީ ބީބީސީއިން ބުނެ އެވެ. ފުރަތަމަ ތިން އަހަރު 165 މިލިއަން ޕައުންޑް ދައްކަން ޖެހޭ މި އެއްބަސްވުމުގެ ޖުމުލަ އަގު 3.4 ބިލިއަން ޕައުންޑަށް އަރާނެ އެވެ.
އޭގެ އިތުރުން ކުރިއަށް އޮތް 25 އަހަރުގެ ތެރޭގައި މޮރިޝަސްގައި ހިންގާ ތަރައްގީގެ ޕްރޮޖެކްޓުތަކަށް ޓްރަސްޓު ފަންޑެއް މެދުވެރިކޮށް އިނގިރޭސިވިލާތުން ހޭދަކުރަން ވެސް ވަނީ ހަމަޖެހިފަ އެވެ. މި އެއްބަސްވުން އިތުރު 40 އަހަރަށް ދަންމާލުމުގެ މާއްދާއެއް ވެސް ވަނީ ހިމަނާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ