ށ. އަތޮޅު 3 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވްލޮޕްމަންޓު ކޯޕަރޭޝަން، އާރްޑީސީއިން ފަށައިފިއެވެ.
އަތޮޅުތެރޭގެ ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް އަތޮޅުތެރެއަށް ތަރައްޤީ ގެނައުމަކީ ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެކެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން، ށ. ކަނޑިތީމު، ށ. ގޮއިދޫ، ށ. މަރޮށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ ސާރވޭގެ މަސައްކަތްތައް ދަނީ ކުރަމުންކަމަށް އާރްޑީސީއިން ވިދާޅުވިއެވެ.
ކަނޑިތީމްގެ މަގުހެދުމުގެ މަސައްކަތުގެ އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 13 އޮކްޓޫބަރު 2025ގައެވެ. މި މަސައްކަތުގެ ދަށުން 7 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިގެންދާނެއެވެ. މަގު ހެދުމުގެ މަސައްކަތުގެ ނިންމުމަށް ހަވާލުކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައެވެ. މިއީ 76.4 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.
މަރޮށި މަގުހެދުމުގެ މަސައްކަތް އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 7 އޮގަސްޓު 2025 ވަނަގައެވެ. މި މަޝްޜޫއުގެ ދަށުން 8 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިގެންދާނެއެވެ. މި މަސައްކަތް 730 ދުވަހުން ނިންމުމަށް ހަވާލުކޮށްފައިވާއިރު މިއީ 60.2 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.
މީގެ އިތުރުން ގޮއިދޫ މަގުތައް ތަރައްޤީކުރުމަށް އާރްޑީސީއާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރ މަހުގެ 25 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން 10 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރާނެއެވެ. 72.6 މިލިޔަން ރުފިޔާއަށް މި މަޝްރޫއު ނިންމަން ހަވާލުކޮށްފައިވަނީ 730 ދުވަހުންނެއެވެ.
މި 3 ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން ދުވާރު ހެދުމާއި މަގު ބައްތި ޖެހުމާއި ފެންހިނދާ ނިޒާމު ހެދުމުގެ މަސައްކަތް ހިމެނެއެވެ. ރާއްޖޭގެ އެކި ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެއްވެސް ރަށެއްގައި ތާރުއަޅައިގެން މަގު ތަރައްޤީ ކުރަން މަޖުބޫރު ނުކުރައްވާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެއެވެ.
އޭގެ ބަދަލުގައި ލޯކަލް ޓޫރިޒަމް ހިންގަމުންދާ ރަށްރަށުގައި ވެލި މަގުތައް ބޭއްވުމަށްފަހު ފެންބޮޑުވުން ފަދަ މައްސަލަތައް ޙައްލު ކުރުމަށް ބޭނުންވާ ވެހިކަލްތަކާއި، މަގު މަރާމާތު ކުރުމަށް ބޭނުންވާ އާލާތްތައް ހޯދައިދިނުމަށް ބައެއް ކައުންސިލްތަކުން ހުށަހަޅުއްވާ ކަމަށް ސަރުކާރުން މައުލޫމާތު ދެއްވައެވެ. އެހެންކަމުން އެފަދަ ވަޞީލަތްތައް ސަރުކާރުން ފޯރުކޮށްދީގެން ރައްޔިތުން ބޭނުންވާ ގޮތަށް މައްސަލަތައް ޙައްލު ކޮށްދެއްވާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
ތިން ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ