ޖަޕާނުން ރާއްޖެއަށް 66 މިލިއަން ރުފިޔާގެ 80 ޕަމްޕް ހަދިޔާކޮށްފި

ޖަޕާން ސަރުކާރުގެ އެހީގައި ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް މަގުފަހިކުރުމަށް ހިންގާ "ޖަޕާން ގްރާންޓް އެއިޑް ފޯ ދަ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް (އީ.އެސް.ޑީ.ޕީ)" ޕްރޮޖެކްޓްގެ ދަށުން، 66 މިލިއަން ދިވެހި ރުފިޔާ (4.3 މިލިއަން އެމެރިކާ ޑޮލަރު) ގެ އަގުހުރި ތަކެތި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އަށް މިއަދު ހަދިޔާކޮށްފިއެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޖަޕާން ސަރުކާރުގެ ފަރާތުން މި ތަކެތި ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ މިސިޒް އިޝިގާމީ ރޫމީކޯ އެވެ. އެން.ޑީ.އެމް.އޭގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ޙިސާން ޙަސަން އެވެ. މި ޕްރޮޖެކްޓްގެ ފުރަތަމަ ފޭސްގެ ދަށުން ހަދިޔާކޮށްފައިވަނީ އަލިފާން ނިއްވާ 40 ޕަންޕާއި، 40 ފެންހިންދާ ޕަންޕް އަދި އެއާއި ގުޅޭ އެހެނިހެން އާލާތްތަކެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޙިސާން ޙަސަން ވިދާޅުވީ، މި ތަކެތީގެ ސަބަބުން ކާރިސާތަކުން އަރައިގަތުމަށް ރާއްޖެއިން ކުރާ މަސައްކަތްތައް ދިގުމުއްދަތަކަށް ހަރުދަނާކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ. އަދި ކާރިސާގެ ކަންކަން ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ކުރިއަށްގެންގޮސް، މުޖުތަމަޢުތައް ބާރުވެރިކުރުވުމަށް އެން.ޑީ.އެމް.އޭއިން ކުރާ މަސައްކަތަށް މި ޕްރޮޖެކްޓުގެ ސަބަބުން އިތުރު ކުރިއެރުމެއް ލިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ޖަޕާނު ސަފީރު އިޝިގާމީ ރޫމީކޯގެ ވާހަކަފުޅުގައި، މި މަޝްރޫޢުގެ ސަބަބުން ކާރިސާތަކަށް އިޖާބަދިނުމަށް ބޭނުންވާ މުހިންމު ވަސީލަތްތައް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ރަށްތަކަށް ލިބިގެންދާނެކަން ކަށަވަރުވާނެ ކަމަށް ވިދާޅުވިއެވެ. އަދި މިއީ ރަށްތަކުގެ ވިލުންތެރިކަން އިތުރުކޮށް، މީހުންގެ ފުރާނަ ސަލާމަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަފީރު ސިފަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ