މާލެ ސިޓީ މޭޔަރު އާދަމް އާޒިމަށް މަގުމަތިން ހަމަލާދޭން އުޅުނު މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤުކުރަން ފަށައިފިއެވެ.
މޭޔަރު އާޒިމަށް މާލޭގެ މަގުމަތިން ހަމަލާދޭން މަސައްކަތް ކުރީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ހަރަކާތެއްގެ ތެރެއިންނެވެ.
މަންޒަރުތަކުން ފެންނަ ގޮތުގައި މީހަކު މޭޔަރު އާޒިމަށް ހަމަލާދޭން މަސައްކަތް ކުރުމުން އެވަގުތު މޭޔަރުގެ އަރިހުގައި ތިބި މީހުން ވަނީ އޭނާ ހުއްޓުވާފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވިދާޅުވީ ހުކުރު ދުވަހުގެ ރޭ މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން، މާލެ ސިޓީ މޭޔަރަށް މީހަކު ހަމަލާދޭން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ. މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަމުގެ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.
މި ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ އަމަލު ހަރުކަށީ އިބާރާތުން ކުށްވެރިކުރައްވާފައެވެ.
އެމަނިކުފާނުގެ ފަރާތުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މާލޭ ސިޓީގެ މޭޔަރަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބުވެވަޑައިގެންފައިވާ ބޭފުޅަކަށް ވީހިނދު، އެމަނިކުފާނަށް ނުވަތަ އެއްވެސް އެހެން ސިޔާސީ ލީޑަރަކަށް އެބޭފުޅެއްގެ ސިޔާސީ މަސައްކަތުގައި އުޅުއްވާ ވަގުތު ނުވަތަ އަމިއްލަ ދިރިއުޅުއްވުމުގައިވިޔަސް، ހަމަލާދީ އެބޭފުޅުންގެ މަސައްކަތަށް ހުރަސްއެޅުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށެވެ. އަދި މިފަދަ ކަންކަން ހުއްޓުވައި، ކޮންމެ ރައްޔިތަކަށްމެ ބިރުވެރިކަމެއް ނެތް، އަމާން މާހައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވަމުންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު އަރުއްވާ ކަމަށް ވިދާޅުވިއެވެ.
އާޒިމަށް ޙަމަލާ ދޭން އުޅުނު މައްސަލަ ތަޙްޤީޤުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ