ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢު ނިންމާލިކަން ރައީސް އިއުލާން ކުރަށްވައިފި

ހއ. ދިއްދޫ އެއާޕޯޓް ތަރައްގީކުރުމާއި ބޯހިޔާވަހިކަމާއި އެހެނިހެން ހިދުމަތްތަކަށް ބޭނުންވާ ބިން ހިއްކައި ނިމުނުކަން ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ އިއުލާން ކުރައްވައިފިއެވެ. އެމަނިކުފާނު މިކަން އިއުލާން ކުރެއްވީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވީ، ދިއްދޫއަށް ޑްރެޖަރު ގެންގޮސް ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ކަމެވެ.
HA. Dhidhoo reclamation completed.Details of project:Dredger Arrival : 03rd January 2026Reclamation started: 04th January 2026Reclamation Completed: 23rd February 2026Total duration: 50 DaysTotal Hectares: 112HaTotal Volume: 5,492,089.00 cbm pic.twitter.com/gUECROcxw1— Dr Mohamed Muizzu (@MMuizzu) February 23, 2026
ދިއްދޫގައި އެއާޕޯޓު އަޅަން އެމްޓީސީސީއާ ހަވާލުކުރީ އޭޕްރިލް 19، 2024ގައެވެ.
ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިޔައީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ބެލުމުގެ ދަށުންނެވެ.
ރައީސް ވިދާޅުވީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ދިއްދޫގެ 112 ހެކްޓަރުގެ ސަރަހައްދެއް ހިއްކާފައިވާ ކަމަށެވެ. ހިއްކި ސަރަހައްދަށް 5,492,089 ކިއުބިކް މީޓަރުގެ ވެލި އަޅާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ދިއްދޫ ބިން ހިއްކުމުގެ މަސައްކަތަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ހިންގި މަޝްރޫއެކެވެ.
މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ފަހުކޮޅު ދިއްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ދިއްދޫގައި އެއާޕޯޓެއް އެޅުމަކީ މި ސަރުކާރުން ގެންގުޅޭ ސަރަހައްދީ ތަރައްގީގެ ސިޔާސަތުގެ ތެރެއިން ކުރަންޖެހޭ ކަމެއް ކަމަށެވެ.
އެ ރަށުގެ ބިން ހިއްކުމާއެކު އެއާޕޯޓުގެ އަމަލީ މަސައްކަތް ބާރު ދުވެލީގައި ނިންމައިދޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދިއްދޫގެ ރައްޔިތުންނަށް ދެއްވައިފައެވެ. އަދި އެ މަނިކުފާނު ދެން އެ ރަށަށް ވަޑައިގަންނަވާނީ އެއާޕޯޓުގެ މަސައްކަތް ނިމި، ފުރަތަމަ ޖައްސާ ފްލައިޓުގައި އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ