ދެކުނު އެފްރިކާ އަތުން އިންޑިއާއަށް ލަދުވެތި ބައްޔެއް، އާންމުންގެ ފުރައްސާރަ

ޓީ ޓުވެންޓީ ކްރިކެޓް ވޯލްޑްކަޕުގައި ދެކުނު އެފްރިކާ އަތުން ލަދުވެތިގޮތަކަށް އަމިއްލަ ގައުމުގައި އިންޑިއާ ބަލިވުމާއެކު އާންމުންގެ ފާޑުކިޔުންތަކާ ފުރައްސާރަ އަމާޒުވެއްޖެއެވެ. މުބާރާތުގެ ގަދަ އަށެއްގެ ބުރުގައި ދެކުނު އެފްރިކާ އަތުން އެންމެފަހުގެ ޗެމްޕިއަން އިންޑިއާ ބަލިވީ 76 ލަނޑުންނެވެ. ނަރެންދުރަ މޯދީ ސްޓޭޑިއަމްގައި އިންޑިއާގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ކުރިމަތީގައި ކުޅުނު މި މެޗުގެ ޓޮސް ދިމާވެގެން ދެކުނު އެފްރިކާ ގަސްތުކުރީ ކުޅެން އެރުމަށެވެ. ދެކުނު އެފްރިކާއިން ކުޅެންއަރާ 20 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން 187 ލަނޑު ހެދިއެވެ. ޖަވާބުގައި އިންޑިއާއިން ކުޅެންއަރާ 18.5 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 111 ލަނޑެވެ. އިންޑިއާ އާއި ދެކުނު އެފްރިކާގެ އިތުރުން ދެން އެ ގްރޫޕްގައި ހިމެނެނީ، ޒިމްބާބްވޭ އާއި ވެސްޓް އިންޑީސް އެވެ. މި ނަތީޖާއާއެކު މުބާރާތުގެ ސެމީފައިނަލުގެ ޖާގައެއް ހޯދުމަށް އިންޑިއާއަށް ކުރިއަށްއޮތް ދެ މެޗު ކާމިޔާބުކުރަން މަޖުބޫރެވެ. މިހާތަނަށް އިންޑިއާާއިން ޓީ ޓުވެންޓީގައި ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، މި މުބާރާތުން މި ނަތީޖާ ތަކުރާރުވާނަމަ ބޮޑެތި ފާޑުކިޔުންތަކާ އެ ޓީމުން ކުރިމަތިލާން ޖެހޭނެއެވެ. މީސްމީޑިއާގައި އިންޑިއާގެ ސަޕޯޓަރުން ތިބީ ރަތުގައެވެ. އެއްބަޔަކު ބުނަމުން އަންނަނީ މޫނަށް ކަނދުރާއަކަށް ނުބަލާ ޓީމުގެ ފަށާ ކުޅުންތެރިން ނަގަންޖެހޭ ކަމަށެވެ. "އެއް އިރެއްގައި މޮޅަށް ކުޅެފަ ތިބި ބަޔަކު ތިއްބަސް ޓީމުގަ އެބަތިބި ވަރަށް މޮޅު ކުޅުންތެރިން، ތަފާތުނުކޮށް އެމީހުންނަށް ފުރުސަތު ދިންނަމަވެސް ތަފާތު ފެންނާނެ" ސަޕޯޓަރަކު ޕޯސްޓުކޮށްފައިވާ މެސެޖެއްގައިވެއެވެ. އިންޑިއާ ޓީމުގައި އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވާ އެއް ކުޅުންތެރިއަކީ އަބީޝެކް ޝަރުމާއެވެ. އޭނާގެ ފޯމު މި މުބާރާތުގައި ރަނގަޅެއް ނޫނެވެ. މިހާރުވެސް އިންޑިއާ ކުޅުންތެރިންނަށް މީސްމީޑިއާގައި ވަނީ ގިނަ ފުރައްސާރަތަކާ ކުރިމަތިލާންޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ