ތައިލެންޑުގައި ކުރިއަށްދިޔަ ޓީއޭއޭޕީ 2026 އެސްބީޑީ އިންވިޓޭޝަނަލް ޗެމްޕިއަންޝިޕްގައި، ވާދަކޮށް ޕަވާލިފްޓިން ރާއްޖެ ޓީމުން ދެ ރަން މެޑަލް ހޯދައިފި އެވެ.
ތައިލެންޑުގެ މި މުބާރާތުގައި ޕަވާލިފްޓިން ރާއްޖޭން ވާދަކުރީ އާދަމް މިބްސާމް ސަލީމް އާއި އިމްކާން އިބްރާހިމް އެވެ. މީގެ ތެރެއިން، މިބްސާމް ވާދަކުރީ 66 ކިލޯ ޖޫނިއާ ކެޓަގަރީގަ އެވެ. އަދި، އިމްކާން ވާދަކުރީ، 74 ކިލޯގެ އޯޕަން ކެޓަގަރީގަ އެވެ. މި ދެ ކެޓަގަރީން މިބްސާމް އާއި އިމްކާން ވަނީ ރަން މެޑަލް ހޯދައިފަ އެެވެ.
އެ ގޮތުން، މިބްސާމް ނިންމާލީ، 195 ކިލޯ ސްކުއަޓް، 112.5 ކިލޯ ބެންޗު ޕްރެސް އަދި، 230 ކިލޯ ޑެޑްލިފްޓްއާ އެކު ޖުމްލަ އެކު، 537.5 ކިލޯ އުފުލައިގެންނެވެ. މި ނަތީޖާއާ އެކު، މިބްސާމް ވަނީ ސްކުއަޓް އާއި ބެންޗް ޕްރެސް އުފުލުމުން، މި ކެޓަގަރީން އާ ގައުމީ ރެކޯޑެއް ހަދައިފަ އެވެ. އަދި، މި މުބާާރާތުގައި މިބްސާމް އަށް ވަނީ ތިން ވަނަ އަށް އެންމެ ރަނގަޅު އޯވައޯލް ލިފްޓަރުގެ މަގާމު ވެސް ލިބިފަ އެވެ.
މީގެ އިތުރުން، އިމްކާން ވަނީ 197.5 ސްކުއަޓް، 140 ކިލޯ ބެންޗް ޕްރެސް އަދި 235 ކިލޯ ޑެޑްލިފްޓް އުފުލައިފަ އެވެ. އަދި، ޖުމްލަ އަކީ، 572.5 ކިލޯ އެވެ. މިއާ އެކު، މި ކެޓަގަރީން އިމްކާން އަށް ރަން މެޑަލް ކަށަވަރުވިއިރު، އޭނާ އަކީ، މުބާރާތުގެ އޯވައޯލް ދެ ވަަނަ އަށް އެންމެ ރަނގަޅު ލިފްޓަރެވެ.
މިދިޔަ އަހަރުގެ ނަތީޖާތަކަށް ބަލައި، މި ފަހަރުގެ މުބާރާތުގައި ފުރުސަތު ލިބުނު އިމްކާން އާއި މިބްސާމް މި ހޯދި ރަން ކާމިޔާބާ އެކު، ޕަވާލިފްޓިން ރާއްޖޭގެ ކާމިޔާބީގައި އާ ސޮފުހާއެއް ވަނީ ލިޔެވިފަ އެވެ.
މިބްސާމް އާއި އިމްކާން އަކީ، އެންމެ ފަހުން ބޭއްވި ގައުމީ ލެވަލްގެ މުބާރާތުގެ ރާއްޖޭގެ ގައުމީ ޗެމްޕިއަނުންގެ އިތުރުން، ރެކޯޑް ހޯލްޑަރުން ވެސް މެ އެވެ. އެ ގޮތުން، އިމްކާން އާއި މިބްސާމް އަކީ މި ވަގުތަށް ބަލާއިރު ރާއްޖޭގެ ލިފްޓަރުންގެ ތެރެއިން، ހަޔަސްޓް ގުޑް ލިފްޓް ޕޮއިންޓް (ޖީއެލްޕީ) ހާސިލްކޮށްފައިވާ އެތުލީޓުންނެވެ. އަދި، މިބްސާމް އަކީ، ތައި ނެޝަނަލް ޕަވާލިފްޓިންގެ ދެ ކެޓަގަރީއެއްގެ ރެކޯޑް ހޯލްޑަރެކެެވެ.
ޕަވާލިފްޓިން ރާއްޖެ ޓީމަށް ތައިލެންޑު މުބާރާތުން ދެ ރަން މެޑަލް ޕަވާލިފްޓިން ރާއްޖެ ޓީމަށް ތައިލެންޑު މުބާރާތުން ދެ ރަން މެޑަލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ