ރައްޔިތުންގެ ނޫނެކޭ ބުނުމުގެ ބާރާއި ވެރިންގެ ތަހުޒީބީ އިސްތިއުފާ

ދުނިޔޭގެ ސިޔާސީ ތާރީހަށް ނަޒަރު ހިންގައިލާއިރު، ވެރިކަމުގެ ބާރުގެ އަސްލަކީ ރައްޔިތުން ކަމާއި، ރައްޔިތުންގެ ތާއީދާ ނުލައި ކުރާ ވެރިކަމަކީ އެއްވެސް އޮއްޓަރެއް ނެތް ބާތިލު އެއްޗެއްކަން ވަރަށް ސާފުކޮށް ފެންނާން އެބައޮތެވެ. ތަހުޒީބީ މުޖުތަމަޢުތަކުގައި ވެރިންނަކީ ރައްޔިތުންގެ އިތުބާރު އޮތް މިންވަރު ބެލުމަށް ފަސްޖެހޭ ބައެއް ނޫނެވެ. އެފަދަ ގައުމުތަކުގައި، ސަރުކާރުން ނިންމާ މުހިންމު ނިންމުންތަކުގައި ރައްޔިތުންގެ ލަފާ ހޯދުމަށް ނަގާ ވޯޓުތަކުން، ސަރުކާރުގެ ސިޔާސަތާ ދެކޮޅަށް ރައްޔިތުން ނިންމުން ނިންމައިފި ނަމަ، އެއީ ވެރިކަމުގައި ދެމިތިބުމަށް އޮތް ހުރަހެއް ކަމަށް ދެކި، އަމިއްލައަށް އިސްތިއުފާ ދިނުމަކީ އާންމު ކަމެކެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ ތާއީދާ ނުލައި ވެރިކަން ދެމެހެއްޓުމަކީ ގައުމަށް ލިބޭނެ އެންމެ ބޮޑު ނުތަނަވަސްކަމެވެ.
މީގެ އެންމެ ފާހަގަކޮށްލެވޭ އެއް މިސާލަކީ އިނގިރޭސިވިލާތުގެ "ބްރެކްސިޓް" (Brexit) އެވެ. އިނގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ) އިން ވަކިވުމާ މެދު 23 ޖޫން 2016 ގައި ނެގި އާންމު ވޯޓުގައި، އޭރުގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން ބޭނުންފުޅުވީ އީޔޫގައި ދެމިތިބުމަށެވެ. ނަމަވެސް، ރައްޔިތުންގެ 51.9 އިންސައްތަ މީހުން ސަރުކާރުގެ ސިޔާސަތާ ދެކޮޅަށް "ވަކިވުމަށް" ވޯޓު ދިނުމާއެކު، ކެމަރަން ވަގުތުން އިސްތިއުފާ ދެއްވިއެވެ. އޭނާ ގަބޫލުކުރެއްވީ ރައްޔިތުން ބޭނުންވާ މިސްރާބަށް ގައުމު ގެންގޮސްދޭންވާނީ އެ މިސްރާބަށް ތާއީދުކުރާ އާ ވެރިއެއް ކަމަށެވެ. މިއީ ތަހުޒީބީ ޑިމޮކްރަސީގެ ރިވެތި ނަމޫނާއެކެވެ.
ނަމަވެސް، މިއާ ހިލާފަށް ތިންވަނަ ދުނިޔޭގެ ގައުމުތަކާއި، ޢަރަބި އަދި އެފްރިކާގެ ބައެއް ގައުމުތަކުން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ރައްޔިތުންގެ ތާއީދު ކިތަންމެ ވަރަކަށް ގެއްލުނު ކަމުގައިވިޔަސް، ގަދަބާރުންނާއި ހުދުމުހުތާރު އުސޫލުން ވެރިކަމުގައި ދެމިތިބުމަށް ބައެއް ވެރިން މަސައްކަތް ކުރެއެވެ. މިކަމުގެ ހިތި އަސަރުތައް ދިވެހިރާއްޖޭގެ މާޒީން ވެސް ވަނީ ފެނިފައެވެ.
ރާއްޖޭގައި 30 އަހަރު ދުވަސް ވަންދެން ހުދުމުހުތާރު ވެރިކަމެއް ކުރެއްވި ވެރިޔަކީ، މިސްރުގެ ޖަމާލު ޢަބްދުއްނާސިރުގެ ދައުރުގައި އެ ގައުމުން ތަޢުލީމު ހާސިލުކުރައްވައި، އެފަދަ ހަރުކަށި އުސޫލުތައް ރާއްޖެއަށް ތައާރަފުކުރެއްވި ބޭފުޅެކެވެ. ރައްޔިތުން ބިރުވެރިކަމެއްގެ ތެރޭގައި ބައިތިއްބައިގެން ކުރި އެ ވެރިކަމަކީ ރައްޔިތުންގެ އަސްލު ވިންދާ ބީރައްޓެހި ވެރިކަމެކެވެ.
މިއަދުގެ ހާލަތަށް ބަލާއިރު، މިދިޔަ ހޮނިހިރު ދުވަހު (4 އޭޕްރީލް 2026) ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބާ އެކު ނެގުނު ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއަކީ ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއެކެވެ. ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ސަރުކާރުން ބޭނުންވި ނަމަވެސް، ރައްޔިތުންގެ 75 އިންސައްތަ ވަނީ އެކަމަށް "ނޫނެކޭ" ބުނެފައެވެ. މީގެ އިތުރުން، ރާއްޖޭގެ މައިގަނޑު ފަސް ސިޓީގެ ކައުންސިލް ގޮނޑިތައް ސަރުކާރަށް ގެއްލި، ބައެއް ކައުންސިލްތަކުން އެންމެ ގޮނޑިއެއް ވެސް ކާމިޔާބު ނުވުމަކީ، ސަރުކާރަށް އޮތް އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ގެއްލިފައިވާ ކަމުގެ ސާފު ހެއްކެކެވެ.
ނުފޫޒު ފޯރުވުމާއި، ވަޒީފާގެ ބިރުދެއްކުމާއި، ފައިސާ ބެހުމުގެ ތުހުމަތުތަކާ އެކުވެސް، ރައްޔިތުން ނިކުމެ ސަރުކާރުގެ ސިޔާސަތުތަކަށް މި ދިން ވަރުގަދަ ޖަވާބަކީ، ތަހުޒީބީ ދުނިޔޭގައި ނަމަ ސަރުކާރު އިސްތިއުފާ ދޭންޖެހޭނެ ފަދަ ހާލަތެކެވެ. ނަމަވެސް، އަދިވެސް ފެންނަނީ މަގާމުގެ ދަހިވެތިކަމުގައި، ރައްޔިތުންގެ ނިންމުމަށް ގޮންޖަހައި، ގަދަބާރުން ވެރިކަމުގައި ތިބެން މަސައްކަތްކުރާ ހިތާމަވެރި މަންޒަރެވެ.
ހުލާސާކޮށް ދަންނަވާނަމަ، ވެރިކަމަކީ ރައްޔިތުންގެ މަތިވެރި އަމާނާތެކެވެ. އެ އަމާނާތަށް ރައްޔިތުން "ނޫނެކޭ" ބުނުމުން، އެކަން ގަބޫލުކޮށް މަގާމުން ދުރުވުމަކީ ވެރިންގެ ކިބައިގައި ހުންނަންޖެހޭނެ އެންމެ މާތް ސިފައެވެ. ބްރެކްސިޓް ފަދަ ނިންމުންތަކުން ދުނިޔެއަށް ދެއްކި މިސާލަކީ އެއީއެވެ. ރައްޔިތުންގެ ތާއީދެއް ނެތި ކުރާ ވެރިކަމަކީ އެއްވެސް ބަރަކާތެއް ނެތް، އަދި ގައުމަށް ހަމަޖެހުމެއް ގެނެސްދޭނެ ކަމެއް ނޫނެވެ. ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަކީ އެއީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ