އިންތިހާބުން ފެނުނީ ރައްޔިތުންގެ ހިތުގައި އޮތް ލޯތްބާއި ކުރާ އިތުބާރު: މޭޔަރު އާދަމް އާޒިމް

މޭޔަރު އާދަމް އާޒިމްގެ ކާމިޔާބީގެ ފެށުން އައީ ވަރަށް ގޮންޖެހުން ބޮޑު މާހައުލެއްގެ ތެރެއިންނެވެ. އެންމެ ފުރަތަމަ ކުރިމަތިލާން ޖެހުނީ ސަރުކާރުގެ ކެންޑިޑޭޓަކާ އެކަނި ނޫނެވެ. އަމިއްލަ ޕާޓީގެ އެތެރޭގެ ޕްރައިމަރީ ވެގެން ދިޔައީ ނުހަނު ވަރުގަދަ ކުރިމަތިލުމަކަށެވެ. އާދަމް އާޒިމްއާ ދެކޮޅަށް ނުކުންނެވީ ޕާޓީއާ ދުރުގައި އުޅުއްވުމަށްފަހު ވަޑައިގެންނެވި ކުރީގެ މެންބަރު އަލީ އާޒިމް އެވެ.
އެ ކުރިމަތިލުން އިތުރަށް ފޯރިގަދަވެގެން ދިޔައީ ޕާޓީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ އާއި ހަސަން ލަތީފުގެ އިތުރުން އޭރުގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއީލް ފާޅުގައި އަލީ އާޒިމްގެ ފަހަތްޕުޅަށް އަރައިވަޑައިގަތުމުންނެވެ. ޑޯ-ޓު-ޑޯ ހަރަކާތްތަކާއި ޖަލްސާތަކުގައި އެ ބޭފުޅުން ކުރެއްވި މަސައްކަތްޕުޅު ކިތަންމެހާވެސް ވަރުގަދަ އެވެ. ނަމަވެސް 1000 އަށްވުރެ ގިނަ ވޯޓުގެ ތަފާތަކުން އާދަމް އާޒިމް ޕްރައިމަރީ ކާމިޔާބު ކުރެއްވި އެވެ.
ޕްރައިމަރީ އަށްފަހުވެސް ކަންތައްތައް ދިޔައީ އާދަމް އާޒިމަށް ފަސޭހަ ގޮތަކަށް ނޫނެވެ. ޕާޓީގެ ބައެއް ސީނިއާ ބޭފުޅުން އާދަމް އާޒިމް އެންޑޯޒް ކުރެއްވުމަށް ފަސްޖެހިވަޑައިގަތެވެ. ވަކިވަކި ކައުންސިލް ކެންޑިޑޭޓުންނަށް ތާއީދުކޮށް ވީޑިއޯ މެސެޖުތައް ދެއްވިއިރުވެސް، މޭޔަރު ކެންޑިޑޭޓަށް އެ އެކަމެއް ނުކުރައްވަ އެވެ.
ނަމަވެސް ފަހުން އައިސް ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު، ކޮންމެވެސް ވަރަކަަށް ޑޯ-ޓު-ޑޯތަކަށް އަދި މާލޭގެ ކެމްޕެއިންގައި އުޅުއްވަން ފެއްޓެވި އެވެ. އަދި ފައްޔާޒާއި ކުރީގެ ނައިބު ރައީސް ފައިސަލްވެސް ނުކުންނެވި އެވެ. މި ހުރިހާ ކަމެއްގެ ތެރެއިންވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސާބިތުކަމާއެކު އާދަމް އާޒިމްގެ އަރިހުގައި ޑޯ-ޓު-ޑޯ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
އާހިރުގައި، މާލޭގެ ރައްޔިތުން ދެއްވީ ވަރުގަދަ ޖަވާބެކެވެ. މާލެ ސިޓީގެ މޭޔަރުގެ ގޮނޑި އާދަމް އާޒިމް ކާމިޔާބު ކުރެއްވީ ރައްޔިތުންގެ އިތުބާރު އޮތްކަން ސާބިތުކޮށްދެމުންނެވެ. މިއީ ހަމައެކަނި އިންތިހާބީ ކާމިޔާބީއެއް ނޫނެވެ. މިއީ މި ސަރުކާރު ދެކެ ރައްޔިތުން ވެފައިވާ ފޫއްްސާއި އާންމު މެންބަރުންނާއި ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތްކުރުމުން ލިބޭނެ ލޯތްބާއި ނަތީޖާގެ ނަމޫނާ އެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ