ހަނގުރާމަ މެދުކަނޑާލަން މިއަދު އެއްބަސްވުމަކަށް އައުން ގާތް - ރިޕޯޓް

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ވަގުތީގޮތުން މެދުކަނޑާލަން މިއަދު އެއްބަސްވުމަކަށް އައުން ގާތް ކަމަށް ނަން ހާމަކުރަން ބޭނުންނުވާ އޮފިޝަލަކާއި ހަވާލާދީ ރޮއިޓާސް އިން ބުނެފިއެވެ.
ރޮއިޓާސް އިން ބުނާ ގޮތުގައި ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމުގެ އެއްބަސްވުމެއް އެމެރިކާއާއި އީރާނަށް ވެސް ލިބި މެދުވެރިން ބައިވެރިވެގެން މަޝްވަރާތައް ކުރިއަށް އެބަގެންދެއެވެ. އަންގާރަ ދުވަހުގެ ނިޔަލަށް އީރާނުން އެއްބަސްވުމަކަށް ނައިސްފިނަމަ ނުވަތަ ހޮރްމޫޒު ކަނޑުއޮޅި ނުހުޅުވައިފިނަމަ އީރާނަށް އަލިފާނުގެ ވާރޭ އޮއްސާލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބުނެފައެވެ.
ރޮއިޓާސް އިން ބުނާ ގޮތުގައި ސުލްހައިގެ އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ދެ މަރުހަލާއަކަށެވެ. އޭގެ ތެރޭގައި ވަގުތުން ހަނގުރާމަ ހުއްޓާލުމާއި، 15 އާއި 20 ދުވަހުގެ ތެރޭގައި ފުރިހަމަ އެއްބަސްވުމެއް އެކުލަވާލުން ހިމެނޭ ކަމަށް މި ހުށަހެޅުންތަކުގެ މައުލޫމާތު އެނގޭ މަސްދަރަކުން މިއަދު ރޮއިޓާސްއަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.
ރޮއިޓާސް އިން ބުނާގޮތުގައި ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ، ފީލްޑް މާޝަލް އާސިމް މުނީރު، ރޭ ހަތަރުދަމު ވެސް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް އާއި، ޓްރަމްޕްގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އަދި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީއާ ވަކިވަކިން މަޝްވަރާތައް ކުރިއަށް ގެންދެވި ކަމަށް ކަމަށް އެ މަސްދަރުން ބުންޏެވެ.
ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމުގެ ބައެއްގެ ގޮތުގައި ކަނޑުއޮޅި ނުހުޅުވާނެ ކަމަށް އީރާނުގެ އިސް އޮފިޝަލަކު ހޯމަ ދުވަހު ރޮއިޓާސްއަށް ބުނެފައިވެއެވެ. އަދި މި ހުށަހެޅުން މުރާޖައާ ކުރަމުންދާއިރު، އެއްވެސް ސުންގަޑިއެއް އީރާނުން ގަބޫލުނުކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ. މީގެ އިތުރުން، ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ތައްޔާރު ނޫން ކަމަށްވެސް އީރާންގެ އެ އޮފިޝަލް ބުންޏެވެ.
އެމެރިކާ، އިސްރާއީލް އަދި ސަރަހައްދީ މަސްދަރުތަކާ ހަވާލާދީ އެކްސިއޯސް އިން އާދީއްތަ ދުވަހު ފުރަތަމަ ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާއާއި އީރާނާއި ސަރަހައްދީ މެދުވެރިން ދަނީ ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމަށް މަގުފަހިވާ ދެ މަރުހަލާގެ އެއްބަސްވުމެއްގެ ދަށުން 45 ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމާ ބެހޭގޮތުން ދަނީ މަޝްވަރާ ކުރަމުންނެވެ.
އާދީއްތަ ދުވަހު ޓްރޫތް ސޯޝަލް ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި، އަންގާރަ ދުވަހުގެ ކުރިން އީރާނުން އެއްބަސްވުމަކަށް ނައިސް އަދި ކަނޑުއޮޅި ނުހުޅުވައިފިނަމަ، އީރާންގެ ހަކަތައާއި ދަތުރުފަތުރުގެ އިންފްރާސްޓްރަކްޗާއަށް އިތުރު ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވިއެވެ. އޭގެ ފަހުން އާދީއްތަ ދުވަހުގެ ވަގުތެއްގައި ކުރެއްވި އިތުރު ޕޯސްޓެއްގައި ޓްރަމްޕް ވަނީ ސުންގަޑި އިތުރަށް ސާފުކޮށްދެއްވާފައެވެ. "އަންގާރަ ދުވަހުގެ ރޭގަނޑު 8:00 (އީސްޓަން ޓައިމް)" (އެއީ ބުދަ ދުވަހުގެ ޖީއެމްޓީ ގަޑިން 0000 އެވެ.)
އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށިތާ ފަސް ހަފުތާއަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ހޯމަ ދުވަހުވެސް ސަރަހައްދުގެ އެކި ކަންކޮޅުތަކަށް ވައިގެ ހަމަލާތައް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހަނގުރާމައިގައި އެތައް ހާސް ބަޔަކު މަރުވެ، ތެލުގެ އަގު އުފުލުމުގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދުތަކަށް އަންނަނީ ބޮޑެތި ގެއްލުންތައް ލިބެމުންނެވެ.
މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލާ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށް، އިސްރާއީލަށާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި ގަލްފް ސަރަހައްދުގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދީފައެވެ.
ޔޫއޭއީގެ ރައީސްގެ މުޝީރު އަންވަރު ގަރްގާޝް ރޮއިޓާސް ވިދާޅުވީ، އީރާނާއިއެކު އެއްބަސްވުމެއް ގާއިމުކުރާނަމަ ކޮންމެ ހައްލެއްގައިވެސް ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރެވޭނެކަން ކަށަވަރުކުރަންޖެހޭނެ ކަމަށެވެ. އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި، މިސައިލާއި ޑްރޯންތައް ކޮންޓްރޯލް ނުކުރެވޭ އެއްބަސްވުމެއްގެ ސަބަބުން "މިއަށްވުރެ ނުރައްކާތެރި، ހަމަނުޖެހުން ބޮޑު މެދުއިރުމައްޗަކަށް" މަގުފަހިވެގެންދާނެ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.
ހަފުތާ ބަންދުގައި ކުވެއިތު، ބަހްރޭން އަދި ޔޫއޭއީގައި ހުރި ޕެޓްރޯކެމިކަލް ވަސީލަތްތަކަށާއި އިސްރާއީލާ ގުޅުން އޮތް އުޅަނދަކަށް އީރާނުން ދިން ހަމަލާތަކުން ހާމަވަނީ، އީރާނުގެ މިސައިލާއި ޑްރޯން ގާބިލުކަން ނައްތާލާފައިވާ ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވި ނަމަވެސް، އެ ގައުމުގެ ރައްދު ހަމަލާ ދިނުމުގެ ގާބިލުކަން ހުރި މިންވަރެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ އިންޓެލިޖެންސް އިދާރާގެ ވެރިޔާ މަޖީދު ޚާދިމީ އަވަހާރަވެފައިވާ ކަމަށް އީރާންގެ ދައުލަތުގެ މީޑިއާއިން މިއަދު ވަނީ ބުނެފައެވެ. އިސްރާއީލާއި އެމެރިކާގެ ހަމަލާތަކުގައި އީރާނުގެ ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވަނީ އަވަހާރަވެފައެވެ. އޭގެ ތެރޭގައި އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ހިމެނިވަޑައިގަންނަވާއިރު، އޭނާގެ މަގާމަށް މިހާރު އައްޔަންކޮށްފައިވަނީ އޭނާގެ ދަރިކަލުން މުޖްތަބާއެވެ.
އާދީއްތަ ދުވަހު އީރާނުގެ މިސައިލެއް އިސްރާއީލްގެ ހައިފާގެ މީހުން ދިރިއުޅޭ އިމާރާތަކަށް އެރުމުގެ ސަބަބުން ދެ މީހަކު މަރުވެފައިވާ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ބުނެފިއެވެ. އެމެރިކާގައި ހަރަކާތްތެރިވާ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ އެޗް.އާރު.އޭ.އެން.އޭ އިން ބުނި ގޮތުގައި، ހަނގުރާމަ ފެށުނު ފަހުން އީރާނުން ގާތްގަނޑަކަށް 3,540 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި މަދުވެގެން 244 ކުޑަކުދިން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ