ހަނގުރާމައާ ގުޅިގެން ޚަރަދު ބޮޑުވުމުން، މިފްކޯގެ ތެޔޮ މަސްދަޅުގެ އަގު ބޮޑުކޮށްފި
ސަރުކާރު މަސް ކުންފުނި, މިފްކޯއިން އުފައްދާ ތެޔޮ މަސްދަޅުގެ އަގު މިއަދުން ފެށިގެން ބޮޑުކޮށްފިއެވެ. މިފްކޯއިން ބުނީ، ތެޔޮ މަސްދަޅުތަކުގެ އަގު ބޮޑުކުރީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، މަސްދަޅު އުފެއްދުމަށް ހިނގާ ޚަރަދު މައްޗަށް ދިއުމާ ގުޅިގެން ކަމަށެވެ. އެހެންކަމުން، 17.50 ރުފިޔާއަށް ވިއްކަމުން އައި މަސްދަޅު ދެން ލިބޭނީ 18.50 ރުފިޔާއަށެވެ. މި ބަދަލާއެކު، ތެޔޮ މަސްދަޅު ކޭހެއް ވިއްކުމަށް ހަމަޖެހިފައިވަނީ 800ރ. އަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ރަސްމީ މަސައްކަތު ގަޑިން ދެ ގަޑިއިރު މަދުކުރަން ވެސް އިއްޔެ މިފްކޯއިން ވަނީ ނިންމައިފައެވެ. މިދިޔަ ފެބްރުވަރީ މަހުގެ 28ގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދީ، ފެށި ހަނގުރާމައާ ގުޅިގެން ތަކެތީގެ އަގުތައް ދަނީ އުފުލެމުންނެވެ. އޭގެ މައިގަނޑު ސަބަބަކީ، އީރާނުން، އެ ގައުމާ ކައިރީ އޮންނަ ހޮރުމުޒް ކަނޑުއޮޅި ބަންދުކުރުމާއެކު، ތެޔޮ އުފުލަން ދަތިތައް ކުރިމަތިވުމެވެ. ދުނިޔޭގެ ބާޒާރަށް ނެރޭ ތެލުގެ ބޮޑު ބައެއް އެ ކަނޑުއޮޅި މެދުވެރިކޮށް އުފުލާއިރު، އެ ދަތިތަކާ ގުޅިގެން ރާއްޖޭގައި ވެސް ތެލުގެ އަގު ވަނީ ބޮޑުކޮށްފައެވެ. މި ސަރުކާރުން އަންނަނީ، އެ މައްސަލަތައް ދިމާވި ނަމަވެސް، މެދުކެނޑުމެއްނެތި ތެލާއި ކާބޯތަކެތި ލިބެމުންދާނެ ކަމުގެ ޔަގީންކަން ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ