މިފްކޯއިން ވިއްކާ ތެޔޮ މަސްދަޅު އަގު މިއަދުން ފެށިގެން އެ ކުންފުނިން ބޮޑުކޮށްފި އެވެ.
ވީ ކިހިނެއް؟ - މިފްކޯ ފިހާރަތަކުން އަދި މިހާތަނަށް ބޮޑުކޮށްފައި ވަނީ ތެޔޮ މަސްދަޅު އެކަންޏެވެ. އެކަން އެ ކުންފުނިން ކަށަވަރުކޮށްދެ އެވެ. އެގޮތުން:
ކުރިން 17.5ރ.އަށް ވިއްކި ތެޔޮ މަސް ދަޅު މިހާރު ވިއްކަނީ 18.5ރ.އަށް؛ 1ރ.ގެ ބޮޑު ވުމެއް
ކުރިން 769ރ.އަށް ވިއްކި ތެޔޮ މަސްދަޅު ކޭސް މިހާރު ވިއްކަނީ 800ރ.އަށް؛ މިއީ 40ރ.ގެ ބޮޑު ވުމެއް
މި ބަދަލާ އެކު އަމިއްލަ ފިހާރަކުން ވެސް ތެޔޮ މަސްދަޅު ވިއްކާ އަގުތަކަށް ބަދަލު ދަނީ ގެންނަމުންނެވެ.
މިފްކޯގެ ބަސް - މިފްކޯގެ ޕަބްލިކް ރިލޭޝަންސް މޭނޭޖަރު ޝިފްޒާ މުސްތާ 'ދައުރު'އަށް ވިދާޅުވީ، މި ބަދަލަކީ މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގަށް އައި ބަދަލުތަކުގެ ސަބަބުން ލޮޖިސްޓިކް އާއި އެއާ ގުޅިފައި އެހެން ކަންކަން ވެސް ބޮޑުވުމުން، ކޮންމެހެން ގެންނަން ޖެހިގެން ގެނައި ބަދަލެއް ކަމަށެވެ.
ފާހަގަކޮށްލޭވޭ - މިދިޔަ ފެބްރުއަރީ މަހު ފަހުކޮޅު މެދުއިރުމަތީގައި ފެށި ހަނގުރާމައިގެ ސަބަބުން އިގްތިސާދީ ބޮޑު ލޮޅުމެއް މުޅި ދުނިޔެއަށް ކުރިމަތިވެ، އެ ވަގުތުން ފެށިގެން ގައުމުތަކުން ދިޔައީ ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. ނަމަވެސް ހިޔާލު ހޯދުމުގެ ވޯޓާއި ކައުންސިލް އިންތިހާބު ބޯމަތީގައި އޮތުމުން ސަރުކާރުން ހަރަދު ކުޑަ ކުރުމުގެ ބޮޑު ފިޔަވަޅުތައް އޮތީ ނާޅަ އެވެ.
މިހާރު އިންތިހާބު ނިމި، ސަރުކާރު ކުންފުނިތަކުން ވަނީ ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރަން ފަށާފަ އެވެ.
އިންތިހާބުގެ ކުރިން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، އިންތިހާބު ނިމިގެން ހަރަދު ކުޑަ ކުރުމަށްޓަކައި ތަންފީޒު ކުރުމަށް ފެށުމަށް ބާއްވާފައި އޮތް ފިޔަވަޅެއް ނުހުންނާނެ ކަމަށެވެ. ނަމަވެސް ހާލަތާ އެއްގޮތަށް އޭރު ވެސް ފިޔަވަޅުތައް އަޅަމުންދާ ކަމަށް އޭރު ވިދާޅުވި އެވެ.
މިފްކޯއިން ތެޔޮ މަސްދަޅު ވިއްކާ އަގު ބޮޑުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ