ސޯނަމް އާއި އާނަންދުއަށް މިފަހަރުވެސް ލިބުނީ ފިރިހެން ކުއްޖެއް

ބޮލީވުޑްގެ މަޝްހޫރު ތަރި ސޯނަމް ކަޕޫރާއި އޭނާގެ ފިރިމީހާ އާނަންދު އަހޫޖާއަށް ފިރިހެން ކުއްޖަކު ލިބިއްޖެއެވެ. މި އުފާވެރި ހަބަރު އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރަމުން ސޯނަމް ބުނެފައިވަނީ، އެ އާއިލާއަށް ލިބުނު އުފާވެރި ހަބަރު ސަޕޯޓަރުންނާ ހިއްސާކުރަނީ ޝުކުރުވެރިކަމާއި ލޯބިން ފުރިގެންވާ ހިތަކާ އެކު ކަމަށެވެ. ސޯނަމް ވިހާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. ދެވަނަ ދަރިފުޅު ލިބުމާ އެކު އެ އާއިލާއަށް އުފާވެރިކަން އިންތިހާއަށް އިތުރުވެފައިވާ ކަމަށާއި އެ އިހުސާސް ބަޔާންކުރަން ދަތިކަމަށް ބަތަލާ ވަނީ ބުނެފައެވެ. ހަތަރު މެމްބަރުންނާ އެކު އާއިލާ ފުރިހަމަވެއްޖެ ކަމުގެ އިހުސާސްކުރުވި ކަމަށް ބުނެ ސޯނަމް ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރި ޕޯސްޓުގައި އެ އާއިލާއަށް އާއްމުންގެ ފަރާތުން ލިބެމުން އަންނަ ލޯތްބަށް ޝުކުރު އަދާކޮށްފައިވެއެވެ، ސޯނަމްއަށް ދެވަނަ ދަރިފުޅު ލިބުނުކަން އިއުލާނުކުރުމާ އެކު ފިލްމު އިންޑަސްޓްރީގެ ގިނަބަޔަކު ވަނީ އެ އާއިލާއަށް މަރުހަބާގެ މެސެޖުތައް ފޮނުވާފައެވެ. ދެވަނަ ދަރިފުޅު ލިބުނުކަން އިއުލާނުކޮށް ސޯނަމް އާއި އާނަންދު ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއް--ފޮޓޯ/އިންސްޓަގްރާމް ކައިވެންޏަށްފަހު ފިލްމުތަކުން ވަރަށް މަދުން ފެނިފައިވާ ބަތަލާ ދެވަނަ ދަރިފުޅަށް ބަލިވެއިންކަން އިއުލާނުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުތެރޭގައެވެ. ސޯނަމް އާއި އާނަންދު ކައިވެނިކޮށްފައި ވަނީ 2018 ވަނަ އަހަރުއެވެ. ދެ މީހުންގެ އަލަތު ދަރިފުޅު ލިބިފައި ވަނީ ކައިވެންޏަށް ހަތަރު އަހަރުވީ ފަހުން 2022ގައެވެ. ސޯނަމް އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ 2023ގައި ރިލީޒްކުރި ފިލްމު "ބްލައިންޑް"އިންނެވެ. ބަތަލާ ދެވަނަ ދަރިފުޅަށް ބަލިވެއިންކަން އިއުލާނުކުރުމުގެ މަސްތަކެއް ކުރިން އެނބުރި ފިލްމީ މަސައްކަތްތަކަށް އަންނަން ތައްޔާރަށްހުރި ކަމަށް ވެސް ބުނެފައިވެއެވެ. ނަމަވެސް ފަހުން އެކަމާގުޅޭގޮތުން ސޯނަމް ވާހަކަ ދައްކާފައިނެތް ނަމަވެސް ވަރަށް ގިނަ ފެޝަންއާ ގުޅުންހުންނަ ހަފްލާތަކުން ސޯނަމް ވަނީ ފެނިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ