އިންތިހާބަށް އެޗްޑީސީގެ 500 އަށްވުރެ ގިނަ މުވައްޒަފުން ވީއްލައިފި އިންތިހާބަށް އެޗްޑީސީގެ 500 އަށްވުރެ ގިނަ މުވައްޒަފުން ވީއްލައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ 500 އަށްވުރެ ގިނަ މުވައްޒަފުން ކުންފުނީގެ މަސައްކަތުން ވީއްލައި، ސިޔާސީ ހަރަކާތްތަކަށް ނެރެފައިވާ ކަމުގެ ބޮޑު ތުހުމަތެއް ފެންމަތިވެއްޖެ އެވެ.
ނަން ހާމަނުކުރުމަށް ޝަރުތުކޮށް އެ ކުންފުނީގެ މުވައްޒަފުން ބުނާ ގޮތުގައި، މި މުވައްޒަފުން ވީއްލާފައި ވަނީ މުސާރައިގެ އިތުރުން އިތުރުގަޑީގެ ފައިސާ ވެސް ލިބޭ ގޮތަށް ކަމަށާއި، މިއީ ދައުލަތުގެ ފައިސާއަށް ސީދާ ގޮތުންވަމުންދާ ބޮޑު ހިޔާނާތެއް ކަމަށެވެ.
މައުލޫމާތު ދިން މީހުން މަސައްކަތުން ވީއްލާފައިވާ ބައެއް މުވައްޒަފުން ކުންފުނީގެ އެއްވެސް މަސައްކަތަކަށް ނުނިކުމެ، ގޭގައި ނުވަތަ ރަށްރަށުގައި ތިބޭތާ މިހާރު މަހެއް ނުވަތަ ދެ މަސް ދުވަސް ވެފައިވެ އެވެ.
"މިވަރުގެ ކަމެއް އެއްވެސް ސަރުކާރެއްގައި ނުދެކެން. ކުންފުނީގެ ބައެއް މަސައްކަތްތައް ބުރޫއަރާފައި އޮތްއިރު، ފައިސާ މި އުކާލަނީ ސިޔާސީ ކަންކަމަށް،" އަދަދު ނޫހާ ވާހަކަ ދެއްކި އެޗްޑީސީގެ މުވައްޒަފަކު ކަންބޮޑުވުމާއެކު ބުންޏެވެ.
"މިއީ ހިޔާނާތް ނޫން ކޮން އެއްޗެއް. މިފަދަ ވާހަކަ ދައްކާ މީހުން ތިބެނީ އެހެލާފައި."
މިފަދަ ސިޔާސީ މަގުސަދުތަކުގައި މީހުން ވެއްދުމާއި ޕްރޮމޯޝަން ދިނުމުގެ ސަބަބުން، ކުންފުނީގެ މުސާރައިގެ ހަރަދު ވަނީ ގާތްގަނޑަކަށް 100 އިންސައްތަ އިތުރުވެފަ އެވެ. ކުރީ ސަރުކާރު ނިމުނުއިރު މަހު ޕޭރޯލް 27 މިލިއަން ރުފިޔާގައި އުޅުނު ނަމަވެސް، މިހާރު އެ އަދަދު ވަނީ 45 މިލިއަން ރުފިޔާއަށް އަރާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ