ރައީސް ކަމަށް ކުރިމަތިލެވޭ އުމުރު ބަދަލު ނުކުރާނަން: ރައީސް

ރައީސްކަމަށް ކުރިމަތިލެވޭ އުމުރަށް ބަދަލު ގެނައުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެނގުން މުހިންމު - މިހާރު އޮންނަ ގޮތުން ރައީސްކަމަށް ކުރިމަތިލެވެނީ 35 އަހަރުން މަތީގެ މީހުންނަށެވެ. އަދި އެ މަގާމަށް ކުރިމަތިލެވޭނެ އެންމެ ދޮށީ އުމުރެއް ބަޔާންކޮށްފައެއް ނުވެ އެވެ.
އަންނަ ރިޔާސީ އިންތިހާބުގެ ކުރިން ގާނޫނުއަސާސީ އިސްލާހުކޮށްގެން، ރައީސް ކަމަށް ކުރިމަތިލެވޭ އުމުރު ބަދަލުކޮށްފާނެ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.
އޭގެ މަގްސަދަކީ، އެމީހުން ބުނާ ގޮތުގައި ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުންނަށް ރައީސް ކަމަށް ކުރިމަތިލުމުގެ ފުރުސަތު ގެއްލުވައިލުމެވެ.
ބުނީ ކީކޭ؟ - މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާނޫނުއަސާސީއަށް ގެންނަން އުޅޭ ބަދަލުތަކާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ އެ ބަދަލުތަކުގެ ތެރޭގައި ރައީސް ކަމަށް ކުރިމަތިލެވޭ އުމުރު ބަދަލުކުރުން ނުހިމެނޭ ކަމަށެވެ.
"އަޅުގަނޑުގެ ވިސްނުމުގައި އެއްވެސް ވަރަކަށް އޮތް ކަމެއް ނޫން އެއީ،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ވިސްނާފައި ހުރި ނޫނީ ގެންނަން ބޭނުންވާ ބަދަލުތައް މިހާރު އެ ހުރީ ވަރަށް ޓްރާންސްޕޭރެންޓްކޮށް ހިއްސާކޮށްފައި ރައްޔިތުންނާ."
ފާހަގަކޮށްލެވޭ ކަމެއް - ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން، ރައީސްކަމަށް ކުރިމަތިލެވޭ އުމުރު ބަދަލުކުރި އެވެ. އެއީ 30 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންނަށް އެ މަގާމަށް ކުރިމަތިލެވޭ ގޮތަށެވެ.
އޭގެ ސަބަބުން ސިޔާސީ ބައެއް ބޭފުޅުންނަށް 2018ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ވެސް ގެއްލުނެވެ. އޭގެ ކުރިން އޮތް ގޮތަށް، 35 އަހަރުން މަތީގެ މީހުންނަށް ރައީސްކަމަށް ކުރިމަތިލެވޭ ގޮތަށް ބަދަލުކުރީ އިންތިހާބަށް ފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ