އިޒްރޭލުގެ އަސްކަރީ ބަޖެޓް 45 ބިލިއަން ޑޮލަރަށް ބޮޑުކޮށްފި

އިޒްރޭލުގެ މި އަހަރުގެ ބަޖެޓް އެ ގައުމުގެ ގާނޫނު ހަދާ މަޖިލޮސް، ނެސެޓް އިން ފާސްކޮށް، އަސްކަރީ ބަޖެޓް 45 ބިލިއަން ޑޮލަރަށް އިތުރުކޮށްފި އެވެ.
އެއާ އެކު، އީރާންއާ ދެކޮޅަށް ހަނގުރާމަ ކުރާތީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރަށް ވަނީ އަވަސް އިންތިހާބަކުން ސަލާމަތްވެފަ އެވެ.
މިއީ 699 ބިލިއަން ޝެކެލްގެ ދިފާއީ ބަޖެޓެކެވެ. މިފަދަ ބިޔަ ބަޖެޓެއް މި ފާސް ކުރީ އިޒުރޭލުން އީރާންގެ އިތުރުން ލުބްނާނުގެ ހިޒްބުއްލޯއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމާގައި ހަފުތާއަކު 1.6 ބިލިއަން ޑޮލަރުގެ ގެއްލުމެއް އިޒްރޭލުގެ އިގުތިސާދަށް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
މި އަސްކަރީ ބަޖެޓަކީ 2023 ވަނަ އަހަރުގެ ބަޖެޓަށް ވުރެ، 10 ބިލިއަން ޑޮލަރު އިތުރު އަދަދެކެވެ. 
އިޒްރޭލުގެ ޖުމްލަ ބަޖެޓަކީ ގާތްގަނޑަކަށް 245 ބިލިއަން ޑޮލަރެވެ.
އެ ބަޖެޓް ފާސް ނުކުރެވުނު ނަމަ 90 ދުވަހުގެ ތެރޭގައި އިޒްރޭލުގައި އަވަސް އިންތިހާބެއް ބާއްވަން ޖެހޭނެ އެވެ. އަދި އެފަދަ އިންތިހާބެއް ބޭއްވި ނަމަ ނަތަންޔާހޫ ބަލިވާނެ ކަމަށް މިހާތަނަށް ހެދި ދިރާސާތަކުން ވަނީ އަންދާޒާކޮށްފަ އެވެ.
ނަތަންޔާހޫގެ ވެރިކަމުގެ މުއްްދަތު ހަމަވާނީ އަންނަ އޮކްޓޯބަރު މަހުގެ ފަހުކޮޅު އެވެ. އޭނާ ވިދާޅުވެފައި ވަނީ ސެޕްޓެމްބަރު މަހު އިންތިހާބު ބާއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ