އޭޝިއަން ބީޗް ގޭމްސް: ރާއްޖޭގެ ހޭންޑްބޯޅަ ޓީމު ވަރުގަދަ ގްރޫޕަކަށް އޭޝިއަން ބީޗް ގޭމްސް: ރާއްޖޭގެ ހޭންޑްބޯޅަ ޓީމު ވަރުގަދަ ގްރޫޕަކަށް

އަންނަ މަހު ޗައިނާގެ ސަންޔާ، ހައިނާން އައިލެންޑްގައި ކުރިއަށްދާ އޭޝިއަން ބީޗް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފިރިހެން ހޭންޑްބޯޅަ ޓީމު ވަރުގަދަ ގްރޫޕެއްގައި ވާދަކުރަން ޖެހިއްޖެ އެވެ.
ހަ ވަނަ އޭޝިއަން ބީޗް ގޭމްސް ކުރިއަށްދާނީ، އަންނަ މަހުގެ 22 އިން 30 އަށެވެ. އެ މުބާރާތުގެ ހޭންޑްބޯޅަ އިވެންޓުގެ ގުރުއަތުލުން ކުރިއަށްގެންގޮސްފައިވާއިރު، ގްރޫޕް އޭގައި ހިމެނެނީ، ޗައިނާ، އިރާން، ފިލިޕީންސް، ހޮންގް ކޮންގް، އިންޑިއާ، ސްރީ ލަންކާ އަދި ބަހުރޭން އެވެ.
ގްރޫޕް ބީގައި ރާއްޖޭގެ އިތުރުން ހިމެނެނީ، އޮމާން، ޕާކިސްތާން، ޖޯޑަން، ބަންގްލަދޭޝް، ތައިލެންޑް، ގަތަރު އަދި މޮންގޯލިއާ އެވެ. ރާއްޖެ ހިމެނޭ ގްރޫޕްގަައި ބީޗްހޭންޑްބޯޅައިގެ އެންމެ ފަހުން، 2024 ގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރި ދެ ގައުމެއް ހިމެނެ އެވެ. އެއީ، އޮމާން އާއި ގަތަރެވެ. މި އަހަރުގެ ދުނިޔޭގެ މުބާރާތުގައި އޭޝިއާ އިން ވާދަކުރަނީ އިރާން އާއި އޮމާން އެވެ. އެއީ، މިދިޔަ އަހަރުގެ އޭޝިއާގެ މުބާރާތުގެ ފައިނަލުގައި ކުޅުނު ދެ ޓީމެވެ.
ރާއްޖޭން ވަނީ މިދިޔަ އަހަރު އޮމާންގެ މަސްކަޓުގައި ކުރިއަށްދިޔަ އޭޝިއާގެ ބީޗްހޭންޑްބޯޅަ މުބާރާތުގައި އޮމާނާ ދެކޮޅަށް ކުޅެ، ބަލިވީ، 2-0 އިންނެވެ. އެއީ، 22-08، 22-06 އިން ސެޓުތައް ނިމިގެންނެވެ. އަދި، މިދިޔަ އަހަރު ހދ. ކުޅުދުއްފުށި ސިޓީގައި ކުރިއަށްދިޔަ، ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުން ރާއްޖޭން ލޯ މެޑަލް ހޯދީ ތިން ވަނަ ހޮވި މެޗުގައި ބަންގްލަދޭޝް އަތުން ފަހަތުން އަރައި 2-1 އިން މޮޅުވެެގެންނެވެ. ލީގު ބުރުގައި ޕެނަލްޓީ ޝޫޓްއައުޓަށް ގޮސްގެން ބަންގްލަދޭޝް އަތުން ބަލިވިއިރު، ތިން ވަނަ ހޮވި މެޗުގައި ރާއްޖޭން ބަންގްލަދޭޝް ބަލިކުރީ ފަހަތުން އަރައި، ޝޫޓްއުޓަށް ގޮސްގެންނެވެ.
އޭޝިއަން ބީޗް ގޭމްސްގެ ހަ ވަަނަ އެޑިޝަން ސަންޔާގައި ހޯސްޓްކުރަން ފުރަތަމަ ރޭވީ 2020 ވަނަ އަހަރު އެވެ. ބީޗް ގޭމްސްގައި ރާއްޖޭން ހަތަރު ކުޅިވަރަކުން ވާދަކުރާނެ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ވަނީ ބުނެފަ އެވެ. އެއީ، ހޭންޑްބޯލް، އެތުލެޓިކްސް، ސްވިމިން އަދި ވޮލީބޯލް އެވެ. ރާއްޖޭން ވާދަކުރާ ކުޅިވަރުތަކުގެ ތެރެއިން ހޭންޑްބޯލް ފިޔަވައި، ދެން އޮތް ހަަތަރު ކުޅިވަރުގައި ވެސް ދެ ޖިންސުން އެތުލީޓުން ވާދަކުރާނެ އެވެ. ހޭންޑްބޯލް އިން ވާދަކުރަނީ ހަމައެކަނި ފިރިހެން ޓީމެވެ.
ސަންޔާ ބީޗްގޭމްސްގައި މި ފަހަރު 45 ގައުމުން 1790 އެތުލީޓުން ވާދަކުރާނެ ކަމަށް ގޭމްސް އިންތިޒާމްކުރާ ފަރާތުން މައުލޫމާތު ދެ އެވެ. މި ފަހަރުގެ ގޭމްސްގައި ހިމެނެނީ، 14 ކުޅިވަރަކުން 15 ޑިސިޕްލިން އަދި 62 އިވެންޓެވެ. އެންމެ ގިނަ އެތުލީޓުން ހިމެނެނީ ބީޗްހޭންޑްބޯޅައިގަ އެވެ. އެއީ، 237 އެތުލީޓުންނެވެ.
ރާއްޖޭގެ ބީޗްހޭންޑްބޯޅަ ކުރިއަރުވަން ސަރުކާރާއި ހޭންޑްބޯލް މޯލްޑިވްސް އިން ކުރަމުން އަންނަ މަސައްކަތްތައް ކުރިއަށްދާ ގޮތާ މެދު ހުރި ކަންބޮޑުވުންތައް ފާހަގަކޮށް، 11 ކްލަބަކުން ގުޅިގެން ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި މައިގަނޑުކޮށް އަލި އަޅުވާލާފައިވާ ތިން ކަމަކީ، ހދ. ކުޅުދުއްފުށި ސިޓީގައި ބީޗްހޭންޑްބޯޅަ ޓީމު ބޭސްކޮށްފައިވުމަކީ ކުޅިވަރު ގާނޫނާ ހިލާފު ކަމެއް ކަަމާއި ބީޗް އޭޝިއަން ގޭމްސް އަށް ކުޅުންތެރިން ހޮވުމުގައި އަމަލުކޮށްފައިވަނީ ދެފުށްފެންނަ އުސޫލެއްގެ ތެރެއިން ނޫން ކަމަށާއި އަންހެން ބީޗްހޭންޑްބޯޅަ އަށް އިހުމާލުވެފައިވާ ކަމެވެ. އެ ގޮތުން، އެ ކްލަބްތަކުން ވަނީ، ބީޗްހޭންޑްބޯޅައިގެ ކަންކަން މިހާރު ކުރިއަށްދާ ގޮތުން، އެ ކުޅިވަރު ކުޅޭ ކުޅުންތެރިންނަށް ފުރުސަތު ހަނިވެފައިވާ ކަމަށާއި ކުޅުންތެރިން ނެގުމުގައި އިންސާފުވެރިކަން އިސްކުރުމަށް ގޮވާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ