ފަތުރުވެރިންނަށް ވިސާގެ މުއްދަތު އިތުރުކުރުމުގެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަނީ

މެދު އިތުރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ވިސާގެ މުއްދަތުރު އިތުރުކުރުމަށް ފަސޭހަ އިންތިޒާމް ތަކެއް އަންނަ އޭޕްރިލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހަމަޖެހިގެންދާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރު ތާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ތާރިޤު މިކަން ހާމަކުރެއްވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރު ތޯރިޤު ވިދާޅުވީ، މިހާރު އޮނަންގޮތުން، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ދޫކުރެވޭ ވިސާގެ މުއްދަތަކީ 30 ދުވަސް ކަމަށާއި، މި 30 ދުވަހަށްވުރެ އިތުރަށް ރާއްޖޭގައި މަޑުކުރުމަށް ބޭނުންވާ ފަތުރުވެރިންނަށް، އެކަން ކުރެވޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް އިމިގްރޭޝަނާއެކު ގިނަ މަސައްކަތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތޯރިޤު ވަނީ، އަންނަ އޭޕްރީލް މަހުގެ 1 ވަނަދުވަހުން ފެށިގެން ސިމްޕްލިފައިޑް ޓޫރިސްޓް ވިސާ އެކްސްޓެންޝަންގެ ޚިދުމަތް ފޯރުކޮށްދޭން ފަށާނޭކަން އިޢުލާންކުރައްވާފަ އެވެ.
މީގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާޢަތް ސިންދަފާތުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، ޓެކް ރެކް ޑައިވިންގ، އެޕްރީލް މަސް ނިމުމުގެ ކުރިން ތަޢާރަފުކުރުމަށާއި، ސްޕިއަރ ފިޝިންގ ތަޢާރަފުކުރުމަށް ތައްޔާރީތައް ވަމުންގެންދާކަމަށްވެސް މިނިސްޓަރު ތޯރިޤު ވިދާޅުވިއެވެ.
ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން ގާތްގަނޑަކަށް %35-30 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަނީ މެދުއިރުމަތީގެ ވައިގެ ބަނދަރުތަކުން ކަމަށް މިނިސްޓަރު ތޯރިޤު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއެކު، ކުރިން އެސަރަހައްދުން ރާއްޖެއަށް ދަތުރުކުރި ބައެއް އެއަރލައިންތަކުގެ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލުމާއެކު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން މަދުވެފައިވާއިރު، ހަނގުރާމަ ފެށުމާއެކު، ރާއްޖޭގައި އެވަގުތު ތިބި ގިނައަދަދެއްގެ ފަތުރުވެރިންނަށް އަނބުރާ ގައުމަށް ނުދެވި، ތާށިވެފަ ތިބިކަމަށް، ފަތުރުވެރިކަން ދިރާސާ ކުރާ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ