ޕާކިސްތާނަށް ވިސްނުނީ ފުޓްބޯޅައިގައި އަތްއުރާލައިގެން ތިބެވެން ނެތްކަން ޕާކިސްތާނަށް ވިސްނުނީ ފުޓްބޯޅައިގައި އަތްއުރާލައިގެން ތިބެވެން ނެތްކަން

މާލޭގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގެ ދެ މެޗުން ވެސް ބަލިވެ، ލަނޑެެއް ނުޖެހި ޕޮއިންޓެއް ވެސް ނުލިބި މުބާރާތުން ކެޓި ޕާކިސްތާނުން މި މުބާރާތުން އިބުރަތް ހޯދައި، އަތްއުރާލައިގެން ނުތިބެ މަސައްކަތް ކުރަން ޖެހޭ ކަމަށް ބުނެފި އެވެ.
ޕާކިސްތާނުން މި ފަހަރުގެ މުބާރާތުގައި ހިމެނުނީ، އިންޑިއާ އާއި ބަންގްލަދޭޝާ އެއް ގްރޫޕެއްގަ އެވެ. ތިން ޓީމުގެ މި ގްރޫޕްގައި، ޕާކިސްތާނުން ފުރަތަމަ މެޗުގައި 2-0 އިން ބަންގްލަދޭޝް އަތުން ބަލިވިއިރު، ދެ ވަނަ މެޗުގައި 3-0 އިން އިންޑިއާ އަތުން ބަލިވި އެވެ.
ދެ ވަނަ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕާކިސްތާން ޓީމުގެ ފަރާތުން ބައިވެރިވީ އެސިސްޓަންޓް ކޯޗު ޝައިހް ހަމްދާން އަބްދުލް ހަކީމް އެވެ. އޭނާ ބުނީ، ހަގީގަތަކީ ވާދަކުރަން ޖެހުނު ޓީމުތަކާ ދެކޮޅަށް ނުކުމެ ޕާކިސްތާނުން ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި މެޗުތަކުގެ ނަތީޖާ އިން އެ މެޗުތަކުގައި ހިނގައިދިޔަަ ގޮތުގެ ހަގީގަތް އެއްކޮށް ބުނެނުދޭ ކަމަށެވެ.
"ހަގީގަތަކީ އެ މެޗުތަކުގައި ދިޔަ އަހަރެމެން ރަނގަޅަށް ކުޅުނު ގިނަ ވަގުތުތަކެއް، އަހަރެމެންނަށް ގޯލެއް ޖެހުނުނަމަ، މުޅި ހާލަތު ބަދަލުވާނެ ފަދަ ކަންކަން ވެސް މެޗުތަކުގައި ދިޔަ. އެކަމަކު، ފުޓްބޯޅައިގައި ކުރިއަށްދެވޭނީ ނަތީޖާ ނެރެގެން، މޮޅަށް ކުޅުމަކީ ވެސް މުހިންމު ކަމެއް. ނަތީޖާ ނެރެވޭނީ ރަނގަޅު މަސައްކަތްތަކެއްކޮށް ތައްޔާރު ވެސް ވެގެން،" ހަމްދާން ބުންޏެވެ.
ޕާކިސްތާންގެ އެސިސްޓަންޓް ކޯޗު، ހަމްދާން ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވާހަކަ ދައްކަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ / އަދަދު ސްޕޯޓްސް
މިދިޔަ ނުވަ އަހަރު ތެރޭ ތިން ފަހަރަށް ޕާކިސްތާން ފުޓްބޯޅަ ފެޑެރޭޝަނަށް ފީފާގެ ސަސްޕެންޝަން ވަނީ އަތުވެފަ އެވެ. އެންމެ ފަހުން އައި ސަސްޕެންޝަނުން ސަލާމަތްވީ މިދިޔަ އަހަރުގެ މާޗް މަހުގަ އެވެ. އެ ފަހަރު ސަސްޕެންޝަންގައި އޮތީ މަހެއްހާ ދުވަހު އެވެ.
ޕާކިސްތާންގެ ޔޫތު ފުޓްބޯޅައިގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ހަމްދާން ބުނީ، އެ ގައުމުގެ ފުޓްބޯޅައިގެ ހިންގުމުގެ ހާލަތަށް ދެމެހެއްޓެނިވި ގޮތެއްގައި ހައްލުތަކެއް އައިސްގެން ނޫނީ ކަންކަން ރަނގަޅުނުވާނެ ކަމަށެވެ. އެކަމަކު، އެ އަށް ވުރެން މުހިންމު ކަމަކީ، ޒުވާން ޓީމުތަކަށް ކުޅުމަށް ލިބޭ ފުރުސަތުތައް މިހާރަށް ވުރެން އިތުރުވުން ކަމުގައި ހަމްދާން ވަނީ ފާހަގަކޮށްފަ އެވެ.
"އަހަރެމެންނަށް އެބަ ފެނޭ ރަނގަޅު މަސައްކަތްތައް ކޮށްގެން އެހެން ގައުމުތައް ކުރިއަރައިގެން ދާތަންް. އަހަރެމެން ވެސް އަތް އުރާލައިގެން ތިބެގެން ނުވާނެ. އެގޮތަށް ތިބެފިއްޔާ، އަހަރުތަކެއް ވަންދެން މިހާރު އަހަރެން މި އިށީނދެގެން އިން ގޮޑީގައި އިދެ ކޮންމެ ވެސް އެހެން މީހެއް ވެސް ދައްކާނީ މި ވާހަކަތައް،" ހަމްދާން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ