2 މިލިއަން ރުފިޔާގެ ހުއިފިލަނޑައަށް ޚިޔާނާތްވިކަމަށް ބުނާ މައްސަލަ: އައިއޯ ތަހުގީގުން އެކަހެރިކޮށްފި

ކ. ތިލަފުށީގައި ހުރި ގުދަނަކުން ދެ މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކަކަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، އެ މައްސަލައިގައި ހިމެނޭ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފިއެވެ. މީޑިއާތަކަށް މަޢުލޫމާތު ދެމުން ފުލުހުން ބުނީ، މިދިޔަ ޑިސެމްބަރު 31 ގައި ހުށަހެޅުނު މި މައްސަލައިގައި، މައްސަލަ ތަހުގީގުކުރާ އިންވެސްޓިގޭޝަން އޮފިސަރު މިހާރު ވަނީ ތަހުގީގީ މަސައްކަތްތަކުން ދުރުކުރެވިފައި ކަމަށެވެ. މި މައްސަލައަކީ ތިލަފުށީގެ ގުދަނެއްގައި ހުރި ގިނަ އަދަދެއްގެ ހުއިފިލަނޑައަށް ޚިޔާނާތްތެރިވި ކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލައެކެވެ. "މި މައްސަލައިގެ ޖިނާއީ ތަހުގީގު ކުރިއަށްދާއިރު، އެ އޮފިސަރާ ގުޅޭ އިދާރީ މައްސަލައެއް ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ވެސް ދަނީ ތަހުގީގު ކުރަމުން،" ފުލުހުން ބުންޏެވެ. ފުލުހުން މިދިޔަ ހޯމަ ދުވަހު ކުރި އިއުލާނެއްގައި ވަނީ، ކިލޯއަކަށް 300 ރުފިޔާއިން ނީލަން ފަށާ ގޮތަށް، އަށް ބާވަތެއްގެ ހުއިފިލަނޑާ ވިއްކަން ނީލަމެއް ބާއްވަން އުޅޭ ކަމަށެވެ. އެ ނީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ، އަންނަ އާދިއްތަ ދުވަހުގެ 11:00 ކަމަށް އެ އިއުލާނުގައިވެއެވެ. https://sun.mv/217793 އެއަށްފަހު ފުލުހުން އިއްޔެ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ކ. ތިލަފުށީގެ ގުދަނެއްގައި ބަހައްޓާފައި ހުރި ދެ މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކަކަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް، މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލައިގައި ތުހުމަތުކުރެވިފައިވަނީ، ޑިސެމްބަރު 29ގައި، ވެރިފަރާތަށް އޮޅުވާލައި މަކަރާއި ހީލަތުން އެ ތަކެތި އެހެން ތަނަކަށް ބަދަލުކޮށްފައިވާ ކަމުގެ ތުހުމަތު ކަމަށް އެ މުއައްސަސާއިން ބުންޏެވެ. ފުލުހުން ބުނީ، ތަހުގީގަށް އެނގުނު ގޮތުގައި، އެ ތަކެތި ތިލަފުށިން މާލެ ގެނެސް ހުރީ މާލޭގެ ދެ ގެއެއްގައި ރައްކާކޮށްފައެވެ. ކޯޓު އަމުރެއްގެ ދަށުން އެ ދެ ގެ ބަލައި ފާސްކުރުމަށްފަހު، އެ ހުއިފިލަނޑާތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް އެ މުއައްސަސާއިން ބުންޏެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތީގެ ބަރުދަނުގައި ޖުމްލަ 1,438 ކިލޯ ހުރިއިރު، އޭގެ ތެރޭގައި ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުން މަނާ 787.35 ކިލޯގެ ހުއިފިލަނޑާ ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ