ޝެއިޚް ފަރީދުގެ ހަނދާނުގައި ހުޅުމާލޭގައި އަޅާ މިސްކިތަށް އެހީތެރިވާން ހުޅުވާލައިފި

މަޝްހޫރު ދީނީ އިލްމުވެރިޔާ، ޝެއިޚް އިބްރާހިމް ފަރީދުގެ ހަނދާނުގައި ހުޅުމާލޭގައި މިސްކިތެއް ބިނާކުރުމަށް ނިންމައި، އެތަނަށް އެހީ ދިނުމަށް ޚިދުމަތް ޖަމިއްޔާއިން ފުރުސަތު ހުޅުވާލައިފިއެވެ. އެ ޖަމިއްޔާއިން ފުރަތަމަ ނިންމީ ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް އެޅުމަށެވެ. އެ މިސްކިތް އެޅުމަށް އެހީވުމަށް ހުޅުވައިލި ފުރުސަތުގައި ކުޑަ ވަގުތުކޮޅެއްތެރޭ ވަނީ މިސްކިތް އަޅަން ހޭދަވާނެކަމަށް އަންދާޒާކުރި 760،000 ރުފިޔާ ހަމަވެފައެވެ. ޚިދުމަތް ޖަމިއްޔާއިން ބުނި ގޮތުގައި، އެ މިސްކިތް އަންނަ ރޯދަ މަހު ހުޅުވޭނެއެވެ. އޭގެފަހުން އެ ޖަމިއްޔާއިން ވަނީ، ރާއްޖޭގައި ވެސް މިސްކިތެއް އެޅުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ. އެ މިސްކިތް އަޅަނީ، ހުޅުމާލެ ތިން ވަނަ ފިޔަވަހީގައެވެ. އެއީ، 2،500 މީހުންނަށް ނަމާދު ކުރެވޭހެން އިމާރާތް ކުރާ ދެ ބުރީގެ މިސްކިތެކެވެ. ހުޅުމާލެ ތިން ވަނަ ފިޔަވަހީގައި ޝެއިޚް ފަރީދުގެ ހަނދާނުގައި އިމާރާތް ކުރާ މިސްކިތުގެ ކުރެހުމެއް ---- ޚިދުމަތް ޖަމިއްޔާއިން ބުނީ، މިސްކިތުގެ އެތެރެ ފަރުމާކުރާނީ މަލްޓި ޕާޕަސް ހޯލެއް ހިމެނޭ ގޮތަށް ދީނީ އެކި ހަރަކާތްތައް ކުރިއަށް ގެންދެވޭ ގޮތަށް ކަމަށެވެ. އޭގެތެރޭގައި ޤުރުއާން ކުލާސްތަކާއި ޙިފްޒު ކްލާސްތަކާއި ދީނީ ސެމިނާތަކާއި މުހިންމު ބައްދަލުވުންތަކާއި ޤުރުއާން މުބާރާތްތަކާއި މަދަޙަ މުބާރާތްތައް ބޭއްވޭނެ ފަދަ ފުރިހަމަ އިންތިޒާމުތައް ހިމެނެއެވެ. އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި އިސްލާމިކް މިނިސްޓްރީއާއެކު، އެ ޖަމިއްޔާއިން އެމްއޯޔޫގައި ސޮއިކުރުމަށް ގާތްވެފައިވާ ކަމަށް ޚިދުމަތް ޖަމިއްޔާއިން ބުންޏެވެ. އެހެންވެ، އެ މިސްކިތުގެ މަސައްކަތް ނިންމުމަށްޓަކައި، ދީނަށް ލޯބިކުރާ އެންމެހާ ދިވެހި ރައްޔިތުންނަށް ޚިދުމަތް ޖަމިއްޔާގެ "މިސްކިތު ފަންޑު" ގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ އަލުން ހުޅުވާލާފައެވެ. އެހީތެރިވުމަށް ފައިސާ ޓްރާންސްފާ ކުރަން އެދޭ އެކައުންޓް ނަމްބަރު: 7770000141496 (ދިވެހި ރުފިޔާ) ކުއްލި ގޮތަކަށް ފަރީދު އަވަހާރަވީ މިދިޔަ ޖޫން ނުވައެއްގައި މެލޭޝިއާއަށް ވަޑައިގެން އެއާޕޯޓުގައި ހުންނަވަނިކޮށެވެ. މެލޭޝިއާއަށް ފަރީދު ވަޑައިގަތީ އިސްލާމީ ދައުވަތާ ގުޅުންހުރި ކޮންފަރެންސެއްްގައި ބައިވެރިވެވަޑައިގަތުމަށެވެ. ޝެއިޚް ފަރީދުގެ ޖަނާޒާ ބާއްވާފައި ވަނީ، މެލޭޝިއާގައި ކަމަށްވީ ނަމަވެސް، ރާއްޖޭގައި ވެސް ވަނީ، ޣައިބަށް ކަށުނަމާދު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ