ޕީޕީއެމް އާއި އެމްއެންޕީން ގުރައިދޫ ދާއިރާގެ ކެމްޕެއިން ފޯރީގައި ކުރިއަށް ގެންދާއިރު، އެމްޑީޕީގެ ހިލަމެއް ނެތް!

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ގޮނޑިއަށް އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނުގައި އިދިކޮޅު ޕީޕީއެމް އާއި އެމްއެންޕީގެ ޓިކެޓްގައި ވާދަކުރާ ދެ ޕާޓީގެ މެންބަރުންގެ ކެމްޕެއިން ހަރަކާތްތައް ފޯރީގައި ފަށައިފިއެވެ.
ޕީޕީއެމްއާއި އެމްއެންޕީގެ އިތުރުން އެމްޑީޕީ އާއެކު ޖުމްލަ ތިން ޕާޓީއިން ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަ ކުރުމަށް ކުރިމަތިލާފައި ވެއެވެ.
އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރަނީ، އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރިޒާގެ ކޮއްކޮ، ހުސައިން ރިޒާއެވެ. އެ ގޮނޑި މީގެ ކުރިންވެސް ފުރުއްވަމުން ގެންދެވި ރިޒާއަކީ ޕީޕީއެމްގެ މެންބަރެކެވެ. އެއާއެކު ޕީޕީއެމް އިން ވަނީ އެ ގޮނޑި ކާމިޔާބު ކުރުމަށް ގިނަ މަސައްކަތް ތަކެއް ފަށާފައެވެ. އެގޮތުން ގުރައިދޫ ދާއިރާގެ ތިން ރަށެއްގައި، ޑޯޓު-ޑޯ ކެމްޕެއިން ފަށާފައިވާ ކަމަށް އެ ޕާޓީގެ މީޑިއާ އޮފިޝަލް، ހީނާ ވަލީދު ވިދާޅުވިއެވެ.
މިއަދު ފެށި މި ކެމްޕެއިންގައި ޕާޓީގެ ލީޑާޝިޕްގެ ބައެއް އިސް ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އެގޮތުން، ހުޅުމާލޭ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު އާއި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް ހިމެނެއެވެ. ބައި-އިލެކަޝަނުގައި ވާދަކުރާ މެންބަރުންގެ ގުރު ނަގާފައިވާއިރު، ހުސެއިން ރިޒާ އަށް ލިބިފައިވަނީ ކެންޑިޑޭޓު ނަންބަރު އެކެކެވެ. މީގެ އިތުރުންވެސް ކުރިއަށް އެކި ހަރަކާތްތައް ރޭވިފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.
ހަމައެއާއެކު އެމްއެންޕީގެ ފަރާތުން ނިކުންނަ އަލީ އަރީފުގެ ކެމްޕެއިން ހަރަކާތްތައް ފެށުމަށް ވަނީ އެ ޕާޓީގެ ޓީމެއް މިއަދު ގުރައިދޫ އަށް ގޮސްފައެވެ. މި ކެމްޕެއިން ދަތުރުގައި އެމްއެންޕީގެ ރައީސް، މުހައްމަދު ނާޒިމް އާއި އެ ޕާޓީގެ އިސް މެންބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަރީފަށް ލިބުނީ ކެންޑިޑޭޓު ނަންބަރު ތިނެކެވެ.
ނަމަވެސް، މިހާތަނަށް އެމްޑީޕީގެ ކެމްޕެއިން ފަށާފައި ނުވާއިރު، އެކަމަށް ވަކި ތާރީހެއް ވެސް އިއުލާން ކޮށްފައި ނުވެއެވެ. އެމްޑީފީގެ ޕްރައިމަރީ ކާމިޔާބު ކޮށް ޓިކެޓު ހޯދީ އެ ޕާޓީގެ މެންބަރު، މުހައްމަދު ޝާޒްއެވެ. ޝާޒް އަށް ލިބިފައި ވަނީ ކެންޑިޑޭޓް ނަންބަރު ދޭކެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 15ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8 އިން ހަވީރު 4 އަށެވެ. އަދި އެ ދުވަހު، ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ތެރޭގައި ވޯޓު ގުނަން ފަށާނެއެވެ. އަދި މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައި ވަނީ އެޕްރީލު 19، ވާ ބުދަ ދުވަހުއެވެ.
ގުރައިދޫ ދާއިރާގެ ބައި- އިލެކްޝަން ބާއްވަން ނިންމާފައި ވަނީ އެ މަގާމު ފުރުވަމުން ގެންދެވި އިބްރާހިމް ރިޒާ ކެންސަރުގެ އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އަވަހާރަވުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ