ހުޅުނގު މޫސުމުގެ ބާރުގަދަވެއްޖެ، ހަފްތާ ބަންދުގައި ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ

ހުޅަނގު މޫސުމުގެ ބާރު ގަދަވުމާގުޅިގެން ކުރިއަށްއޮތް ހަފްތާ ބަންދުގަގައި ރާއްޖޭގެ ބޮޑުބަޔަކަށް ގަދަވަޔާއެކު ވިއްސާރަކުރާނެކަމަށް ލަފާކޮށް، އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާގުޅިގެން މިރެއިން ފެށިގެން ކުރިއަށް އޮތް 2 ދުވަހުގެ ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭ ސަރަޙައްދުގައި އާންމު ވައި ބާރުވެ، ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.
އެގޮތުން އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގައި ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާއި ދެމެދުގެ ބާރުމިނަށް ވައިގަދަވެ، ކަނޑަތުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމާށް އެ އިދާރާއިން ވިދާޅުވެއެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުން ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދެއްވަމުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށްވެސް އެ އިދާރާއިން އިލްތިމާސްކުރެއްވިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ކުރިއަށްއޮތް ދެ ދުވަހަށް ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު، ހުކުރު އަދި ހޮނިހިރު ދުވަހުވެސް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރަށް ގަދަވަޔާއެކު ވިއްސާރަކުރާނެއެވެ. އަދި ދެކުނުގެ ރަށްތަކަށްވެސް މި ދެ ދުވަހު ވިއްސާރަކުރާނެކަމަށް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މޫސުން ގޯސްވެ ވިއްސާރަކުރުމާގުޅިގެން ސަމާލުވުމަށް އަންގާ އެލާޓްތައް މޫސުމާބެހޭ ޤައުމީ އިދާރާއިން ނެރެފައިވެއެވެ. އަދި އިދާރާގެ ރިކޯޑްތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހިފައިވާކަމަށް ރިކޯޑް ކުރެވިފައިވަނީ ގދ. ކާޑެއްދޫއަށެވެ. އެރަށަށް 31.4 މިލިމީޓަރުގެ ވާރޭ ވެހުނުކަމަށް ރިކޯޑްކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ